ރިސޯޓު މިއުޒިޝަނުންގެތެރެއިން، ނެޝަނަލް ސެންޓަރ ފޯރ ދި އާޓްސް(އެންސީއޭ) ގައި ރެޖިސްޓްރީވެފައިވާ، ބައެއް މިއުޒިޝަނުންނާއި، މިނިސްޓަރ އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.
މި ކަން ހާމަކޮށް، މިނިސްޓްރީ އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުން އާދިއްތަވިލޭރޭ ޢާންމުކުރި ޓްވީޓެއްގައި، ރިސޯޓު މިއުޒިޝަނުންގެތެރެއިން، ބައެއް މިއުޒިޝަނުންނާއި، މިނިސްޓަރު ޔުމްނާ، ބައްދަލުކުރައްވައި، ކޮވިޑް-19 އާއި ގުޅިގެން ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، ކުރެވިދާނެ ކަންކަމާބެހޭގޮތުން މަޝްވަރާކުރައްވާފައިވާކަމަށް ފާހަގަކުރައްވާފައިވެއެވެ.
މީގެ އިތުރުން، ފަންނުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށާއި، ހަރުދަނާ ކުރުމަށްޓަކައި، ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން، މިނިސްޓަރު ޔުމްނާ ވަނީ، އެ ބޭފުޅުންގެ ޚިޔާލު ހޯއްދަވާފައެވެ.
މި ބައްދަލުވުމުގެ އިތުރުން ވެސް، މިނިސްޓަރ ޔުމްނާވަނީ އެންސީއޭގައި ރަޖިސްޓްރީވެފައިވާ ފަންނާނުންނާއެކު، އިތުރު ބައްދަލުވުންތަކެއް ކުރިއަށް ގެންދެވުމަށް ނިންމަވާފައެވެ.
މި ބައްދަލުވުމަކީ، މި ގޮތަށް ކުރިއަށްގެންދަން ނިންމަވާފައިވާ، ސިލްސިލާ ބައްދަލުކުރެއްވުންތަކުގެ ތެރެއިން ފުރަތަމަ ބައްދަލުކުރެއްވުމެވެ.
މިނިސްޓަރު ޔުމްނާ، މި ބައްދަލުވުން ކުރިއަށް ގެންދަވާފައިވާއިރު، ދާދި ފަހުން އެ ކަމަނާ ވަނީ، މޯލްޑިވިއަން އާރޓިސްޓިކް ކޮމިއުނިޓީ(އެމްއޭސީ) އާއި ބައްދަލުކުރައްވައި، ކޮވިޑް-19 އާއި ގުޅިގެން އާޓިސްޓުންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، މި ދަނޑިވަޅުގައި ކުރެވިދާނެ ކަންކަމާއި، ކުރިއަށް އިންތިޒާމުކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާ، އެ ބޭފުޅުންގެ ޚިޔާލު ހޯއްދަވާފައެވެ.
އަދި ހަމަ އެހެންމެ މި ހުސްވި މަހުގެ 23 ވަނަ ދުވަހުގައި، ފިލްމީ ދާއިރާގެ ”މިނިސްޓަރ އަށް ލަފާ ދޭ ކޮމިޓީ“ އާއި ބައްދަލުކުރައްވައި، ކޮވިޑް-19 އާއި ގުޅިގެން، ފަންނާނުންނަށް ދިމާވެފައިވާ ދަތިތަކާއި، އެ ކަންކަމުން އަރައިގަތުމަށްޓައި، ކުރެވިދާނެ ކަންކަމާއި ބެހޭގޮތުން ވެސް މިނިސްޓަރު ޔުމްނާ ވަނީ މަޝްވަރާކުރައްވާފައެވެ.
ރިސޯޓު މިއުޒިޝަނުންގެތެރެއިން ބައެއް މިއުޒިޝަނުންނާއި މިނިސްޓަރު ޔުމްނާ މައުމޫން ބައްދަލުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ