މައްސަލައަކާ ގުޅިގެން ސުޕްރީމް ކޯޓަށް ލިބެންޖެހޭ މުހިންމު ލިޔެކިޔުންތަކެއް ފޯރުކޮށްދިނުމަށް ދެކޮޅު ހަދައިގެން ހައި ކޯޓުގެ ކުރީގެ ރަޖިސްޓްރާ ހުސެއިން މުހައްމަދު ހަނީފު ހާޒިރުކޮށް ޖަވާބުދާރީ ކުރި ތަނުގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އިންނެވި ކަމަށް ބުނާ މައްސަލައިގެ ތަހުގީގުގައި ތުހުމަތު ކުރާ ސަބަބު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ތަހުގީގު ކޮމިޓީއަށް ވެސް ބުނެނުދެވުނު ކަމަށް ފަނޑިޔާރުގެ ވަކީލުން ހާމަކޮށްފި އެވެ.
ހަނީފު ދެކޮޅު ހެދީ މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގައި ހިމެނޭ ލިޔެކުންތަކެއް ފޯރުކޮށްދިނުމަށެވެ. އޭނާ ސުޕްރީމް ކޯޓަށް ހާޒިރު ކުރީ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދެވެ. ހަނީފު ހާޒިރު ކުރީ އޭގެ ކުރިން ވެސް ލިޔެކިޔުން ހިފެހެއްޓި މައްސަލަތަކެއް ފެންމަތިވެފައިވާތީ އެވެ.
އެ މައްސަލައިގެ ތަހުގީގަށް މިއަދު ހެނދުނު ޖޭއެސްސީއަށް ފަނޑިޔާރު އަޒްމިރާލްދާ ހާޒިރުވެވަޑައިގަތެވެ. މައްސަލައާ ގުޅިގެން އިޖުރާއީ ގޮތުން ފާހަގަކުރަން ހުރި ބައެއްކަންކަން ހުރި ކަމަށާއި އެ ކަންކަން ހުށަހަޅަން ބޭނުންވާ ކަންކަން ވަކީލު މެދުވެރިކޮށް ހުށަހެޅުމަށް އެދުމުން ވެސް އެ ފުރުސަތު ދޭން ވަނީ ދެކޮޅު ހަދާފަ އެވެ.
"ފަނޑިޔާރަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ފޮނުއްވި ނޯޓިސްގައި އޮތް މައްސަލަ ސާފު ނުވާ ކަމަށާއި، ފަނޑިޔާރު ސުލޫކާ ހިލާފަށް ކުރިކަމަށް ބުނާ އަމަލަކީ ކޮބައިކަން ސާފުކޮށްދިނުމަށް ތަކުރާރުކޮށް ފަނޑިޔާރު އެދިވަޑައިގަތުމުން ކޮމެޓީއަށް ތުހުމަތު ސާފުކޮށް ނުދެވުނު،" ފަނޑިޔާރުގެ ވަކީލުން ނެރުއްވި ބަޔާނުގައި ބުނެފައިވެ އެވެ.
ވަކީލަކަށް ފުރުސަތު ދިނުމަށް ޖޭއެސްސީން ތަހުގީގަށް އެކުލަވާލާފައިވާ "ސަރުކާރު ކޮމިޓީ" އިން ދެކޮޅު ހެދުމުން އެއީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށާއި ކުރިއަށްގެންދާ ތަހުގީގަކީ ޣައިރު ދުސްތޫރީ ތަހުގީގެއް ކަމަށް އަޒްމިރާލްދާ ވިދާޅުވި އެވެ.
"މިއަދު ކޮމެޓީއިން ތަހުގީގަށް ސުވާލުކުރި މައްސަލަ ބެލުމަށް ކޮމިޝަނުން ނިންމި ތާރީހެއް އޮޅުންފިލުވައި ދިނުމަށް ފަނޑިޔާރު އެދިވަޑައިގަތުމުން އެ މައުލޫމާތުވެސް ކޮމެޓީ އިން ނުދެއްވި."
ޖޭއެސްސީން ވަނީ ފަނޑިޔާރު މަހާޒް އާއި އަޒްމިރާލްދާ އާއި ސުއޫދު ސަސްޕެންޑުކޮށްފަ އެވެ. އެ ބޭފުޅުންގެ ތެރެއިން ސުއޫދު ވަނީ މިހާރު އިސްތިއުފާ ދެއްވައިފަ އެވެ. އިސްތިއުފާ ދެއްވީ ރައީސް މުހައްމަދު މުއިއްޒާއި ބަންޑާރަނައިބު އަހުމަދު އުޝާމް ފަނޑިޔާރުންނަށް ބިރު ދައްކަވާ ކަމަށް ބުނެ އެކަމާ އިހުތިޖާޖު ކުރެއްވުމުގެ ގޮތުންނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރީ، ސިޔާސީ ޕާޓީތަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލު ބާތިލު ކުރަން ހުށަހެޅި މައްސަލައިގެ އަޑުއެހުމެއް ބާއްވަން ކުޑަތަންވެފައި އޮއްވައި ޝަރީއަތަށް ހުރަސްއެޅޭ ގޮތަށެވެ.
ފަނޑިޔާރުން ސަސްޕެންޑު ކުރި ދުވަހު، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން މަގާމުން ވަކި ކުރަން މަޖުބޫރުވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ގައިރު ގާނޫނީ ބިލެއް ވެސް ފާސް ކުރި އެވެ. ނަމަވެސް އެ ބިލު މިހާރު ވަނީ އަނބުރާ މަޖިލީހަށް ފޮނުވާލައިފަ އެވެ.
ފަނޑިޔާރުން ސަސްޕެންޑު ކުރީ އެ ފަނޑިޔާރުންގެ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލަމުންދާ ކަމަށް ބުނެ އެވެ. ފަހުން އެނގުނު ގޮތުގައި އޭސީސީއިން ބަލަނީ ޖުޑީޝަލް ސާވިސް ކޮމިޝަނުން ވެސް ބަލަމުންދާ މައްސަލަ އެވެ.
އެ މައްސަލައިގައި ފަނޑިޔާރު އަޒްމިރާލްދާ ވަނީ އޭސީސީގެ ރައީސް އާދަމް ޝާމިލްއާ ދެކޮޅަށް އެ ކޮމިޝަނަށް މައްސަލައެއް ހުށަހަޅައިފަ އެވެ. އެ މައްސަލަ އެ ކޮމިޝަނުގައި ރަޖިސްޓްރީ ކޮށްފައިވާ ކަމަށް އޭސީސީއިން ބުނެ އެވެ.
އަޒްމިރާލްދާ އަށް ތުހުމަތުކުރާ ސަބަބު ބުނެދޭން ކޮމެޓީއަށްވެސް ނޭނގޭ އަޒްމިރާލްދާ އަށް ތުހުމަތުކުރާ ސަބަބު ބުނެދޭން ކޮމެޓީއަށްވެސް ނޭނގޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ