އަރީންގެ މޮޅު ކުޅުމާ އެކު މަނަދޫ އަތުން މާފަރު މޮޅުވެއްޖެ
ކުއާޒޯ ދި މެންގްރޫވް އައިލެންޑް ފުޓްބޯލް ޗެމްޕިއަންޝަޕް 2025 ގެ ރޭ މެޗުގައި ވާދަކޮށްފައިވަނީ މަނަދޫ އެސްސީ އަދި މާފަރު އެފްސީއެވެ. މި މެޗަށް މާފަރު އެފްސީން ނުކުތްއިރު އެ ޓީމު ވަނީ ފުރަތަމަ މެޗުގައި އެއްވަރުވެފައެވެ. އަދި، މަނަދޫ އެސްސީ ވަނީ ބަލިވެފައެވެ. އެހެންކަމުން، ދެ ޓީމަށް ވެސް މި މެޗަކީ މުހިންމު މެޗެކެވެ. ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ވަރަށް ފޯރިގަދަ ކުޅުމެއް ފެނިފައިވާއިރު، މާފަރު އެފްސީއަށް ވަނީ ގޯލް ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިފައެވެ. އެހެންނަމަވެސް، ފުރަތަމަ ހާފު ނިމުނުއިރު އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބެއް ނުކުރެވެއެވެ. ފުރަތަމަ ހާފުގައި މަނަދޫ ޓީމްގެ ކެޕްޓަން އަލީ ޝިޔާޒް ކުރި ފައުލަކާ ގުޅިގެން އޭނާއަށް ވަނީ ރަތް ކާޑެއް ވެސް ދައްކާފައެވެ. މީގެ އިތުރުން، ދެވަނަ ހާފްގައި މަނަދޫ ޓީމްގެ އޮފިޝަލަކަށް ވެސް ވަނީ ރަތް ކާޑެއް ދައްކާފައެވެ. ދެވަނަ ހާފް ފެށިގެން 49 ވަނަ މިނެޓްގައި މާފަރުން ވަނީ ގޯލެއް ޖަހައި ލީޑު ނަގާފައެވެ. މި ގޯލް އެ ޓީމަށް ކާމިޔާބުކޮށްދިނީ އެ ޓީމްގެ ބިދޭސީ ކުޅުންތެރިއެއްކަމަށްވާ އަހުމަދު މަހުމޫދެވެ. މެޗްގެ 53 ވަނަ މިނެޓްގައި މާފަރު އެފްސީން އިތުރު ގޯލެއް ކާމިޔާބުކޮށް ލީޑް ފުޅާކުރިއެވެ. މި ގޯލް އެ ޓީމަށް ކާމިޔާބުކޮށްދިނީ އެ ޓީމްގެ ޖާޒީ ނަންބަރު 11 އަރީން އަބްދުﷲ އިބްރާހިމެވެ. އަރީން މި ގޯލް ކާމިޔާބުކުރީ ކައިރީގައި ހުރި ކުޅުންތެރިޔާ ބީޓްކުރުމަށް ފަހު ގޯލްގެ މަތީ ކަނަށް އަމާޒުކޮށްގެނެވެ. މެޗުގެ 76 ވަނަ މިނެޓްގައި މަނަދޫ އެސްސީން ވަނީ ގޯލެއް ކާމިޔާބުކޮށް ފަރަގު ކުޑަކޮށްފައެވެ. މި ގޯލް އެ ޓީމަށް ކާމިޔާބުކޮށްދިނީ އެ ޓީމްގެ ޖާޒީު ނަންބަރ 33 ރައުފަތު އަބޫބަކުރުއެވެ. އަދި، މެޗް ނިމެން ކުޑަ ވަގުތުކޮޅަކަށްވެފައި ވަނިކޮށް މާފަރު އެފްސީން ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށް، ލީޑް ފުޅާކޮށްފައެވެ. މި ގޯލް އެ ޓީމަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ކުޅެން ނުކުތް އަބްދުލް ރައޫފް މުޙައްމަދު ހަމީދެވެ. މެޗުގެ ދެވަނަ ހާފްގައި ވެސް ދެ ޓީމަށް ވެސް ގޯލް ޖަހާނެ ގިނަ ފުރުސަތުތަކެއް ވަނީ ލިބިފައެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މާފަރު އެފްސީގެ ޖާޒީ ނަންބަރު 11 އަރީން އަބްދުﷲ އިބްރާހިމެވެ. މި މުބާރާތުގެ މެޗްތައް މިއަދު ވެސް ކުރިއަށްދާނެވެ. އެގޮތުން، ހަވީރުގެ މެޗްގައި ވާދަކުރާނީ ގްރޫޕް އޭގެ ދެ ޓީމް ކަމުގައިވާ ނައިފަރު ޗެލްސީ އެސްސީ އަދި ކޮމެޓްސް އެސްސީއެވެ. މުބާރާތުގެ ހުރިހާ މެޗެއް ވެސް އެސްއެސް ޓީވީގެ ފޭސްބުކް އަދި ޔޫޓިއުބްއިން ލައިވްކުރާނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ