އަބޫ ދާބީގެ މޮޑެސްޓް ފެޝަން ވީކް: 50 ބްރޭންޑް، 30 ފެޝަން ޝޯ

އަބޫ ދާބީ މޮޑެސްޓް ފެޝަން ވީކްއަށް 10 އަހަރު ފުރުން މިދިޔަ ހަފްތާގައި ވަނީ ފާހަގަކޮށްފަ އެވެ. މި މަހުގެ 14 އިން 16ގެ ނިޔަލަށް ސެއިންޓް ރެޖިސް ސާދިޔަތު އައިލެންޑް ރިސޯޓުގައި ކުރިއަށް ގެންދިޔަ ތިން ދުވަހުގެ އިވެންޓުގައި ރަންވޭ ޝޯތަކާއި ޕެނަލް ޑިސްކަޝަންތަކާއި ބްރޭންޑް ބޫތުތައް ހިމެނުނެވެ. ތިރީސް ފެޝަން ޝޯއެއްގައި 50 ބްރޭންޑެއް ދައްކާލި އެވެ.
މި އިވެންޓުން ފެނިގެންދިޔައީ ޔޫއޭއީގެ ހުނަރުވެރިކަން އެކަންޏެއް ނޫނެވެ. މިއީ ތުރުކީ، ނައިޖީރިއާ، ފަލަސްތީން، އޮސްޓްރޭލިއާ އަދި އެ ނޫން ވެސް ގައުމުތަކުގެ ބައިނަލްއަގުވާމީ ލޭބަލްތައް ދައްކާލައި، ޒަމާނީ މޮޑެސްޓް ހެދުމަށް ބޮޑު ޕްލެޓްފޯމަކަށް ވެގެން ދިޔަ އެވެ.  
މުޅި ދުނިޔެއަށް މަޝްހޫރުވި މޮޑެސްޓް ސުޕަމޮޑެލް ހަލީމާ އެޑަން ވަނީ ފެޝަން ވީކްގެ ފުރަތަމަ ދުވަހު ތުރުކީގެ ސްވިމްވެއާ ބްރޭންޑު 'މެރީނާ'ގެ ހެދުމެއް ދައްކާލައިފަ އެވެ. ހަލީމާ ލައިގެން ހުރީ ޓީލް ފެހި ޓޮޕަކާއި މުށި ލެގިންސް އާއި އެއާ ގުޅޭ ސްކާޓެކެވެ.
މެރީނާ ބްރޭންޑާ ޒަމާންވީ ގުޅުމެއް އޮންނަ ހަލީމާ ވަނީ މިދިޔަ އަހަރު އެ ބްރޭންޑުގެ ކަލެކްޝަނެއް ނެރުމުގައި މަސައްކަތްކޮށް، އެ އަހަރު އިސްތަންބޫލްގެ މޮޑެސްޓް ފެޝަން ވީކްގައި އެ ބްރޭންޑުގެ ޝޯއެއް ހުޅުވައިދީފަ އެވެ. 
ހަލީމާ އަކީ ސްޕޯޓްސް އިލަސްޓްރޭޓެޑް މަޖައްލާގެ ސްވިމްވެއާ އަދަދަކުން ބުރުގާ އަޅައިގެން ހުއްޓާ ފެނުނު ފުރަތަމަ މޮޑެލް ވެސް މެ އެވެ.
އެމެރިކާގެ ޓީވީ ސިލްސިލާ 'ޕްރޮޖެކްޓް ރަންވޭ'ގައި ވާދަކުރި ފުރަތަމަ ބުރުގާއެޅި ޑިޒައިނަރުގެ ޝަރަފު ހޯދާފައިވާ އަޔާނާ އިފޭ އަބޫ ދާބީގައި އޭނާގެ އެތުލެޓިކް ކަލެކްޝަނެއް ތައާރަފުކުރި އެވެ. އެ ކަލެކްޝަންގެ މޮޑެލުންނަކީ ޕްރޮފެޝަނަލްކޮށް ކަސްރަތު ކުރާ މީހުންނާއި ޓްރެއިނަރުންނެވެ. ކަސްރަތު ކުރަން ދާ އިރު ލާން އެކަށީގެންވާ އެކި ވައްތަރުގެ ހެދުން އެ ބްރޭންޑުން ދައްކާލި އެވެ.
އީރާނުގެ ނޭޝަނަލް ފެޝަން ކްލޯތިން އެންޑް ލައިފްސްޓައިލްގެ ފަރާތުން އެ ގައުމުގެ ޑިޒައިނަރުންގެ ހުނަރު އެކި ޑިޒައިންތަކުން ދައްކާލި އެވެ. އޭގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ އެއް ޑިޒައިން އަކީ ކޮކާލެއްގެ ފިޔަގަނޑު ގޮތަށް ފަރުމާކޮށްފައިވާ ފުލް ސްކާޓެޑް ގައުންއެކެވެ.
ނައިޖީރިއާގެ އަބޫޖާއަށް ނިސްބަތްވާ 'އަފްރިކް އަބާޔާ' އިން ވަނީ އަބާޔާއާ އެކު ކުލަ ގަދަ ވެކްސް ޕްރިންޓު ފޮތި ގުޅުވާފައި ހުރި ޑިޒައިންތަކެއް ދައްކާލައިފަ އެވެ. ރަންވޭ މަތީން ހިތްގައިމު ޕާފޯމަންސަކާ އެކު މި ކަލެކްޝަން ހުށަހަޅައިދިން އިރު ހުދު ކުލައިގެ ހެދުން އަޅައިގެން ދެ އަންހެނަކު ސްޓޭޖު މަތީގައި އެނބުރެމުން ދިޔަ އެވެ.
ފެޝަން ވީކް ބޭއްވި ރިސޯޓުގެ ބޯލްރޫމްގައި ޑިޒައިނަރުންގެ ފެޝަން ޝޯތައް ކުރިއަށްދިޔައިރު ވަށައިގެން އެކި ބްރޭންޑުތަކުގެ ބޫތުތައް ބަހައްޓާފައި ހުއްޓެވެ. ގަންނަން އަންނަ މީހުންނަށް ބްރޭންޑުތަކުގެ ހެދުންތައް ކައިރިން ބަލާލެވޭ ގޮތަށެވެ.
އަރަބިކަރައިންނާއި ދުނިޔޭގެ އެކި ކަންކަޅުތަކުން މޮޑެސްޓް ފެޝަންއަށް ލޯބި ކުރާ އިންފްލުއެންސަރުން ވެސް މި އިވެންޓުގައި ބައިވެރިވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ