މި މަހު މަޖިލީހުން ބޭއްވީ 5 ޖަލްސާ؛ މިއަދު ވެސް ޖަލްސާއެއް ނެތް

މިދިޔަ ފެބްރުއަރީ މަހު މި އަހަރަށް މަޖިލިސް ހުޅިވި ފަހުން މާ ބޮޑު މަސައްކަތެއް ނެތް މަޖިލީހުން މިއަދުގެ ޖަލްސާ ވެސް ނުބާއްވާ ގޮތަށް ނިންމައިފި އެވެ. އެއާ އެކު، މި މަހު މިހާތަނަށް މަޖިލީހުން ބާއްވާފައިވަނީ އެންމެ ފަސް ޖަލްސާ އެވެ.
ވީ ކިހިނެއް؟ - އެންމެ ފަހުން މިދިޔަ ބުދަ ދުވަހުގެ މަޖިލިސް ޖަލްސާ ނިންމާލައްވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި ގޮތުގައި، މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ މި ހަފްތާގެ ހޯމަ ދުވަހު އެވެ. އެ ޖަލްސާ ބޭއްވުމަށް އިއްޔެ ތާވަލުކުރުމަށް ފަހު، ވަކި ސަބަބެއް އެންގުމެއް ނެތި އެ ޖަލްސާ ނުބާއްވާ ގޮތަށް ހެދި އެވެ.
ތަފްސީލު - މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، ޖަލްސާތައް ބާއްވަނީ ހޯމަ، އަންގާރަ އަދި ބުދަ ދުވަހު އެވެ. އިއްޔެ އާއި މިއަދަކީ ވެސް ޖަލްސާ ބާއްވަން ޖެހޭ ދުވަހެއް ނަމަވެސް، މި ދެ ދުވަހު ވެސް ޖަލްސާ ބާއްވާފައެއް ނުވެ އެވެ.
މިކަމާ ގުޅިގެން އެ އިދާރާގެ ބަހެއް ހޯދުމަށް މަސައްކަތް ކުރި ނަމަވެސް އަދި ބަހެއް ނުލިބެ އެވެ.
އިއްޔެގެ ޖަލްސާގެ އެޖެންޑާގައި، ޑީއެންއާރު އޮފީސް ތެރޭ ޕީއެންސީއަށް 'ވަގު ފޯމު' ފުރި ކަމަށް ބުނާ މައްސަލައިގައި ހޯމް މިނިސްޓަރު އަލީ އިހުސާންއާ ސުވާލު ކުރުމަށް ހިމަނާފައި އޮތެވެ. އެ ޖަލްސާ ކެންސަލް ކުރުމުން އެ މައްސަލަ ހުށަހެޅުއްވި ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހްމަދު ނަސީމް ކަންބޮޑުވުން ފާޅު ކުރައްވާފައިވެ އެވެ.
މަޖިލިސް ޗުއްޓީގައި އޮއްވާ މިދިޔަ ޖެނުއަރީ މަހު މީކާއިލް ހުށަހެޅުއްވި އެ މައްސަލަ އިއްޔެގެ ޖަލްސާއަށް ތާވަލުކޮށްފައި ވަނީ، ގަވައިދުގައި ބުނާ 14 ދުވަހުގެ ނޯޓިސްގެ މުއްދަތު ފަހަނައަޅާ ދިޔަތާ އެތައް ދުވަސްތަކެއްވީ ފަހުންނެވެ.
ގުޅުން ހުރި - މިދިޔަ 6 ފެބްރުއަރީގައި މަޖިލިސް ހުޅުވި ފަހުން މިހާތަނަށް ބާވާފައި ވަނީ ޖުމްލަ 17 ޖަލްސާ އެެވެ. މި މުއްދަތުގައި ރޯދަ މަހު ފަހު 10އަށް މަޖިލިސް ވެސް ޗުއްޓީއަށް ދިއުމަށް ޖަލްސާތައް މެދުކަނޑާލުމަށް ފަހު، އަލުން ޖަލްސާތައް ބާއްވަން ފެށީ މި މަހު 7 ވަނަ ދުވަހު އެވެ. އެގޮތުން:
ފަހު 10ގެ ޗުއްޓީއަށް ފަހު ޖަލްސާތައް ފެށި ފަހުން ވެސް މަޖިލީހުން މާ ބޮޑު މަސައްކަތެއް ކޮށްފައެއް ނުވޭ؛ ބޮޑު ނިންމުމަކަށް ނިންމީ އަހަރަކަށް ވުރެ ގިނަ ދުވަހު ކޮމިޓީ މަރުހަލާގައި 'ޕާކްކޮށްފައި' އޮތް އިޒްރޭލް ޕާސްޕޯޓު މަނާ ކުރުމުގެ ބިލު
ދެން ބޮޑަށް ކޮށްފައި ހުރީ އެމްބަސީތަކަށް އައްޔަންކޮށްފައި ތިބި ސަފީރުން، ނޮން-ރެސިޑެންޓް ސަފީރުންގެ ގޮތުގައި އެހެން ގައުމުތަކަށް އައްޔަން ކުރުމަށް ރުހުން ދިނުމުގެ މަސައްކަތް
އޭގެ އިތުރުން މިދިޔަ އަހަރު ހުށަހަޅާފައިވާ ބައެއް އެހެން ބިލުތަކުގެ މަސައްކަތް ކޮމިޓީތަކުން ދިރާސާ ކުރުމަށް ބައެއް ބައްދަލުވުންތައް އަންނަނީ ބާއްވަމުން
ފެބްރުއަރީން ފެށިގެން މިވީ ދެ މަސްދުވަހުގެ ތެރޭގައި ސަރުކާރުގެ ފަރާތުން މަޖިލީހަށް ފޮނުވީ އެންމެ ބިލެކެވެ. އަދި އިދިކޮޅުން ހުށަހަޅާ މައްސަލަތައް ދަނީ ބޭރުކުރަމުންނެވެ. މިކަންކަމާ ގުޅިގެން އެމްޑީޕީ މެންބަރުން ވެސް އެކި ފަހަރު މަތިން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
އެނގުން މުހިންމު - މަޖިލީހުގެ މި އަހަރުގެ މި ހިނގާ ފުރަތަމަ ދައުރު ނިމޭނީ އަންނަ  މަހު 15ގަ އެވެ. ބައި މަސްދުވަހުގެ ޗުއްޓީއަށް ފަހު ދެން ޖަލްސާތައް ފަށާނީ ޖޫންގަ އެވެ. އެއީ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ