ހުޅުމާލެ ހޮސްޕިޓަލުން ފޯރުކޮށްދޭ ހިދުމަތް އިތުރަށް ފުޅާ ކުރުމުގެ ގޮތުން އެ ހޮސްޕިޓަލުގެ ތެރޭގައި 250 އެނދުގެ ވަކި އިމާރާތެއް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެއް ހަފުތާގެ މެދުކެނޑުމަކަށްފަހު މިއަދު ކުރިއަށް ގެންދިޔަ "ރައްޔިތުންނާއެކު" ޕޮޑްކާސްޓުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލުން ދޭ ހިދުމަތްތައް ރަނގަޅު ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދާ ކަމަށެވެ.
އެ ގޮތުން އެ ހޮސްޕިޓަލުގެ އަވަސް ފަރުވާދޭ ކޮޓަރިއަށް ހަތް އެނދު އިތުރުކޮށް، އެތަނުގެ ޖާގަ ދެގުނަ ކުރެވިފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި އަންނަ ޖުލައި މަސް ނިމުމުގެ ކުރިން ހުޅުމާލެ ހޮސްޕިޓަލުން ޑައިލިސިސް ހިދުމަތް ދެވޭނެ ގޮތް ހަދަން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"މި އަހަރުގެ ނޮވެމްބަރާ ހަމައަށް ދާންވާއިރަށް އިތުރު 24 އެނދު އިތުރު ކުރުމުގެ މަސައްކަތް ވެސް ކުރިއަށް ދާނެ، އަދި މުޅީން ހަމަ ވަކި އިމާރާތެއް، ވަކި ހޮސްޕިޓަލެއް، ހުޅުމާލެ ހޮސްޕިޓަލުގެ ތެރެއަށް އިތުރުވާ ވަކި ބިލްޑިންއެއް، 250 އެނދުގެ ހޮސްޕިޓަލް އެކްސްޕެންޝަނެއް ވެސް ގަނައުމަށް އަޅުގަނޑުމެން މިހާރު އިނީޝިއަލް ނުވަތަ ފުރަތަމަ މަރުހަލާގެ ތެރޭގައި މި ކުރިއަށް މި ދަނީ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ހުޅުމާލެ ޕްލޭން ކުރެވިފައި ވަނީ ތިން ފިޔަވަހީގައި 300،000 އެއްހައި މީހުން ދިރިއުޅޭކަމަށް ބަލައިގެން ކަމަށެވެ. ހުޅުމާލޭގެ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ އެ ވިސްނުން ބަހައްޓައިގެން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އޭގެ އިތުރުން މާލެ ސަރަހައްދުގެ އެހެން ހޮސްޕިޓަލްތަކުން ފޯރުކޮށްދޭ ހިދުމަތްތައް ވެސް ރަނގަޅު ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދާ ކަމަށް ރައީސް ވިދާޅުވި އެވެ. އައިޖީއެމް ހޮސްޕިޓަލާއި ވިލިމާލެ ހޮސްޕިޓަލް އަދި ހުޅުމާލެ ހޮސްޕިޓަލް އެއް މެނޭޖުމެންޓެއްގެ ދަށަށް ގެންގޮސް ހިދުމަތް ދޭން ފެށުން އެއީ އެކަމުގެ ހެއްކެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެ ހޮސްޕިޓަލްތައް އެއް މެނޭޖުމެންޓެއްގެ ދަށަށް ގެންދިޔުމުން ސްޕެޝަލިސްޓުންނާއި ސުޕަ ސްޕެޝަލިސްޓުން އެއް ހޮސްޕިޓަލުން އަނެއް ހޮސްޕިޓަލަށް ބަދަލު ކުރުމާއި އެހީތެރިކަން ބޭނުންވާ ކަންކަމުގައި އެހީތެރިކަން އެއް ބަޔަކު އަނެއް ބަޔަކަށް ފޯރުވޭކަމަށް ރައީސް ވިދާޅުވި އެވެ.
ހުޅުމާލެ ހޮސްޕިޓަލް ތެރޭގައި 250 އެނދުގެ އިމާރާތެއް އަޅައި، ޑައިލިސިސް ހިދުމަތް ދޭން ފަށަނީ ހުޅުމާލެ ހޮސްޕިޓަލް ތެރޭގައި 250 އެނދުގެ އިމާރާތެއް އަޅައި، ޑައިލިސިސް ހިދުމަތް ދޭން ފަށަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ