އިންޑިއާ ހައި ކޮމިޝަނުން ޖޫން 21، ގައި މާލޭ ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ޑޭ ގައި ހަމަނުޖެހުން ހިންގި މައްސަލައިގައި ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލްގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތު ނުވާނެ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
މުހައްމަދު އިސްމާއިލް އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާގެ މައްޗަށް ދައުވާ އުފުލާފައި އޮތުމުން ކުޑަވެސް ފަރުވާލެއް ނެތް ކަމަށާއި އެއީ އޭނާއާ ގުޅުމެއް އޮތް މައްސަލައެއް ނޫން ކަމަށެވެ.
"ކުޑަކޮށް ވެސް ފަރުވާލެއް ނެތް ތިކަމަކާ. 100 ޕަސަންޓް ތީ މަށާ ކުޑަވެސް ގުޅުމެއް އޮތް ކަމެއް ނޫން. 100 ޕަސަންޓް މަގޭ މައްޗަށް ތިކަން ސާބިތު ނުވާނެ،" އޭނާ ވިދާޅުވި އެވެ.
މުހައްމަދު އިސްމާއިލް އިތުރަށް ވިދާޅުވީ ޔޯގާ މައްސަލައިގައި އޭނާ ހައްޔަރުކޮށް ދައުވާ އުފުލި މައްސަލައަކީ މިހާރުގެ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން އާއި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒް އަދި އެމްޑީޕީގެ އިސްވެރިން ބިރު ދައްކަން ހިންގި ޖަރީމާއެއް ކަމަށެވެ.
ޔޯގާ ޑޭ މައްސަލައިގައި މުހައްމަދު އިސްމާއިލްގެ މައްޗަށް ދައުވާ އުފުލީ ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތް ކުރިއަށް ދަނިކޮށް، އެ ތަނަށް ގަދަކަމުން ވަދެގަނެ، ހަމަލާ ދިނުމުގެ ތުހުމަތުގަ އެވެ.
އޭގެއިތުރުން އެ ހަރަކާތުގެ ތެރެއަށް ވަދެ ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ މީހުން ބޭނުންކުރި ދިދަތައް އޭރުގެ ޕީޕީއެމް އޮފީހުން ނެރެ ފޯރުކޮށްދިނުމުގައި އުޅުނީ މުހައްމަދު އިސްމާއީލް ކަމަށް ވެސް ފުލުހުން ތުހުމަތު ކުރެ އެވެ.
އެ މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން މުހައްމަދު އިސްމާއީލްގެ މައްޗަށް އުފުލީ ޓެރަރިޒަމްގެ އަމަލެއް ހިންގުމަށް އެހީތެރިވުމާއި، އަދުލުއިންސާފު ގާއިމުކުރަން ހުރަސް އެޅުމުގެ ދައުވާ އެވެ.
ޓެރަރިޒަމްގެ އަމަލެއް ހިންގަން އެހީތެރިވުމުގެ ދައުވާ ސާބިތުވެއްޖެ ނަމަ 17 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަދި އަދުލްއިންސާފު ގާއިމުކުރަން ހުރަސް އެޅުމުގެ ދައުވާ ސާބިތުވެއްޖެ ނަމަ 1 އަހަރާ ހަތް މަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އޭރުން އޭނާ މަޖިލީހުގެ ގޮނޑި ގެއްލޭނެ އެވެ.
މި މައްސަލަ އަދިވެސް ކްރިމިނަލް ކޯޓުގައި އެބަ އޮތް ކަމަށް، އިތުބާރު ކުރެވޭ މަސްދަރަކުން އަދަދު ނޫހަށް ބުންޏެވެ.
މެންބަރު މުހައްމަދު އިސްމާއިލް ވިދާޅުވީ އޭނާގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ ސާބިތު ނުވާނެ ކަމަށް މެންބަރު މުހައްމަދު އިސްމާއިލް ވިދާޅުވީ އޭނާގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ ސާބިތު ނުވާނެ ކަމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ