ދޮގު ބަޔާން ދިންކަން ފަޅައިއެރުމުން ދާއޫދު މަގާމުން ވަކިކޮށްފި ދޮގު ބަޔާން ދިންކަން ފަޅައިއެރުމުން ދާއޫދު މަގާމުން ވަކިކޮށްފި

ޔުމްނު ވެއްޓުނު މައްސަލައިގައި، ރައުދު އަހުމަދު ޒިލާލްގެ ބޭބެ، ރައީސް އޮފީހުގެ އަންޑަ ސެކެޓްރީ ފޯ ޑިޖިޓަލް ސްޓްރެޓެޖީ އަހުމަދު ދާއޫދު ތަހުގީގަށް ދޮގު ބަޔާން ދިންކަން ފަޅާއެރުމުން އޭނާ މަގާމުން ވަކިކޮށްފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދާއޫދު ވަކިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ އޭނާ ތަހުގީގަށް ދޮގުހެދިކަން މި މައްސަލައާ ގުޅިގެން އެމަނިކުފާނު އެކުލަވާލި ރިޔާސީ ކޮމިޝަނުގެ ރިޕޯޓުގައި ބަޔާންކޮށްފައިވާތީ ކަމަށެވެ.
ކޮމިޝަނުގެ ރިޕޯޓުގައި ބުނެފައިވަނީ ދާއޫދު ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރަށް ގުޅައި މެސެޖު ކުރި ނަމަވެސް، ކޮމިޝަނުގެ ތަހުގީގުގައި އެފަދަ ކަމެއް ކޮށްފައި ނުވާނެ ކަމަށް ބުނެ ދޮގު ހަދާފައިވާ ކަމަށެވެ.
ހަމައެހެންމެ، މި މައްސަލައިގައި ޔުމްނު ވެއްޓިފައި އޮތްކަމުގެ މައުލޫމާތު އެނގި ތިބެ އެކަން ކަމާބެހޭ ފަރާތްތަކަށް ދާއޫދު އަންގާފައި ނުވާކަން ވެސް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ. އެއީ ރައުދުއާ އެއްވަރަށް މިކަމުގައި ދައޫދު ވެސް އިހުމާލުވުން ކަމަށް ބަލައި އޭނާގެ މައްސަލަ އިދާރާތަކުން ތަހުގީގު ކުރުމަށް ވެސް ކޮމިޝަނުން ވަނީ ލަފާ ދީފަ އެވެ.
އެ ރިޕޯޓުގައިވާ ގޮތުން ދާއޫދު ބަޔާން ދެމުން ބުނެފައި ވަނީ ޔުމްނުގެ މައްސަލައިގައި ސަރުކާރުގެ އެއްވެސް އިސްވެރިއަކަށް ގުޅާފައި ނުވާނެ ކަމަށެވެ. "މިކަމާއި ގުޅިގެން ސަރުކާރުގެ ސީނިއާ އެއްވެސް މީހަކަށް، ފުލުހަކަށް، އަދި ވަޒީރަކަށް ގުޅާފައި ނުވާނެ ކަމަށް ދާއޫދު އަހުމަދު ބުނެފައިވޭ."
ނަމަވެސް މިނިސްޓަރު އިހުސާން ކޮމިޝަނަށް ދެއްވި ބަޔާނުގައި ވިދާޅުވީ އޭޕްރިލް 18، ގެ ރޭގަނޑު ދާއޫދު ގުޅުމުން ފޯނު ނަގައި ވާހަކަ ދެއްކެވި ކަމަށާއި އޭނާ ކުރި މެސެޖުތަކަށް ވެސް ޖަވާބު ދީފައިވާ ކަމަށެވެ. އޭނާއަކީ 2023 ގެ ރިޔާސީ އިންތިހާބުން ފެށިގެން ދަންނަ މީހެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ދާއޫދު ވަކިކުރަން ނިންމިއިރު އޭނާ ހުރީ މަގާމުން ސަސްޕެންޑުކޮށްފަ އެވެ. އޭނާ ސަސްޕެންޑުކުރީ ސޯޝަލް މީޑިއާގައި ދައުރުވަމުންދިޔަ ފޮޓޯތަކުގެ މައްސަލައިގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ ޔޫތު އެޑްވައިޒަރީ ބޯޑުން އިސްތިއުފާ ދޭން ދާއޫދުއަށް އަންގައި، ރައީސް އޮފީހުން ސަސްޕެންޑުކުރީ ސޯޝަލް މީޑިއާގައި ދައުރުވަމުންދިޔަ އޭނާގެ ކުރީގެ ފޮޓޯތަކާއި ގުޅިގެން އަޅާނުލައި ނުހުރެވިގެން ކަމަށެވެ.
"ދެން އަޅުގަނޑަށް އެކަމުގައި ހަމަ އުނދަގުލީ އަޅާ ނުލައި ދޫކޮށްލަން. އެ ފޮޓޯގެ ގޮތުން އިނގޭތޯ އެހެންވީމަ އަޅުގަނޑު ދެންނެވިން ޔޫތު އެޑްވައިޒަރީ ބޯޑުގެ ރައީސްކަމުން އިސްތިއުފާ ހުށަހަޅުއްވަން ދެންނެވިން. ދެން ރައީސް އޮފީހުގެ މަގާމުން އަޅުގަނޑު އެހެރީ މިހާރު ސަސްޕެންޑްކޮށްފައި، މުސާރަ ނުލިބޭ ގޮތަށް،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ ދާއޫދުއަށް ފިޔަވަޅު އެޅީ ދައުރުވަމުންދަނީ ކިޔަވަން ހުރި ދުވަސްވަރުގެ ފޮޓޯތަކެއް ކަމަށް އަމިއްލައަށް އެއްބަސްވެ، އެކަން އެންގުމުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ