ލޯކަލް ގަވަމަންޓް މިނިސްޓްރީން އިންތިޒާމުކޮށްގެން ދިވެހިރާއްޖޭގެ އުފާވެރިކަން މިން ކުރަން ކުރިއަށް ގެންދާ "ހެޕިނެސް އިންޑެކްސް" ގެ މަސައްކަތް ރަސްމީކޮށް މިއަދު ފަށައިފި އެވެ.
ސަލްޓަން ޕާކުގައި ކުރިއަށްދިޔަ ރަސްމިއްޔާތެއްގައި ހެޕިނެސް އިންޑެކްސްގެ "އުފާވެރި ރާއްޖެ" ގެ ލޯގޯ އިފްތިތާހުކޮށްދެއްވީ އެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އެވެ.
ރަސްމިއްޔާތުގައި ހެޕިނެސް އިންޑެކްސްގެ ރިސާޗް ޕާޓްނަރު އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްގެ ޑރ. އައިމިނަތު ޝާފިޔާ ވިދާޅުވީ ދިރާސާ އެކުލަވާލާނެ ގޮތާ ގުޅޭ ގޮތުން ރާއްޖޭގެ އެކި ރަށްރަށުގެ ކައުންސިލްތަކުގެ އިތުރުން ޑަބްލިއުޑީސީތަކާ އެކު މަޝްވަރާ ބައްދަލުވުންތައް ބާއްވައި، އުފާވެރިކަން މާނަކުރާ ގޮތް ދެނެގަނެ ޕްރޮޕޯޒަލެއް އެކުލަވާލައި މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށެވެ.
ދިރާސާގެ މައިގަނޑު މަސައްކަތަކީ ރާއްޖޭގެ އުފާވެރިކަން މާނަކުރެވޭ މިންގަނޑުތަކެއް އެކުލަވާލުންކަން ފާހަގަކުރައްވާ ޝާފިޔާ ވިދާޅުވީ މިނިސްޓްރީން އެދޭ ގޮތަށް އެ ދިރާސާ އެކުލަވާލާނީ ރަށުގެ ފެންވަަރުގައި، އަތޮޅު ފެންވަރުގައި އަދި ގައުމީ ފެންވަރުގައި ކަމަށެވެ.
"ހާއްސަކޮށް މިނިސްޓަރު އެދިލައްވާ ގޮތަށް ރަށުގެ ލެވެލްގައި، ރީޖަނަލް ނުވަތަ އަތޮޅު ލެވެލްގައި، އެއަށްފަހުގައި ގައުމީ ލެވެލެއްގައި. އެކި އުމުރުފުރާގެ ލެވެލްގައި. އެކި މިންތިތަކުގެ ލެވެލްގައި. އެކިއެކި ހިއްސާދާރުންގެ ލެވެލްގައި. އެކިއެކި މަސްލަހަތުތެރިންގެ ލެވެލްގައި. މި އުފާވެރިކަން މާނަކުރާ ގޮތްތައް އަޅުގަނޑުމެން މިން ކުރެވޭނެ ގޮތްތަކެއް ހޯދުމަކީ އަޅުގަނޑުމެންގެ އެންމެ ބޮޑު ޒިންމާ،" އޭނާ ވިދާޅުވި އެވެ.
އުންމީދަކީ މި އަހަރު ނިމޭއިރަށް ހެޕިނަސް އިންޑެކްސް އެކުލަވާލުމަށްފަހު، ދުނިޔޭގެ ފެންވަރުގައި އެކި ތަޖުރިބާކާރުންގެ އިތުރުން ރާއްޖޭގެ ތަޖުރިބާކާރުންނާ އެކު ދިރާސާގެ ފެންވަރު ބަލައި މިނިސްޓްރީއާ ހަވާލު ކުރުން ކަމަށް ޝާފިޔާ ވިދާޅުވި އެވެ.
އުފާވެރިކަމުގެ އިންޑެކްސްއަކީ އެ ގައުމެއްގައި ދިރިއުޅޭ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތަށް ރިއާއަތްކޮށް އެބައެއްގެ ހިތްހަމަޖެހުން ހުންނަ މިންވަރެއްގެ މައްޗަށް ބިނާކޮށް އެކުލަވައިލާ އެއްޗެކެވެ. ދުނިޔޭގެ ގިނަ ގައުމުތަކުގައި މި އިންޑެކްސް އެކުލަވައިލަނީ 0 އިން ފެށިގެން ގޮސް 10 އާ ހަމައަށެވެ.
އެކި ގައުމުތަކުގެ އުފާވެރިކަމުގެ އިންޑެކްސްއަށް ބަލައި 2012 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ އުފާވެރިކަމުގެ ރިޕޯޓެއް ވެސް ނެރެ އެވެ.
ދިވެހިރާއްޖޭގެ އުފާވެރިކަމުގެ އިންޑެކްސްއެއް ކަނޑައަޅާ މިއީ ފުރަތަމަ ފަހަރެވެ. ދުނިޔޭގެ ކުރިއަރާފައިވާ ގިނަ ގައުމުތަކުގައި އެ ގައުމެއްގެ މާލިއްޔަތާއި އިގުތިސާދީ ދުވެއްޔަށްވުރެ ވެސް އިސްކަމެއް ދެނީ އެގައުމެއްގެ ރައްޔިތުންގެ އުފާވެރިކަމުގެ އިންޑެކްސްއަށެވެ.
ދިވެހިރާއްޖޭގެ އުފާވެރިކަން މިންކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފި ދިވެހިރާއްޖޭގެ އުފާވެރިކަން މިންކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ