ނުބައިވަސް ދުވާތީ ބެލިއިރު ކެފޭއަކާއި، ގެއެއްގެ ޖަންކްޝަން ހޮޅި ދޫކޮށްފައިއޮތީ ޕޭވްމަންޓަށް
ރޯޝަނީމަގުގައި ނުބައި ވަސް ދުވާތީ މާލޭ ސިޓީ ކައުންސިލުން މަގުގެ ޕޭވްމަންޓް ނަގައިގެން ބެލި ބެލުމުން އެއީ މަގުގައި ހުރި ކެފޭއަކާއި ގެއަކުން ޖަންކްޝަން ހޮޅި ޕޭމަންޓަށް ދޫކޮށްފައިހުރުމުން ހިނގާ ކަމެއްކަން އެނގި، އެ ކަން ހައްލުކުރުމުގެ މަސައްކަތް ސިޓީ ކައުންސިލާއި، އެމްޑަބްލިއުއެސްސީ ގުޅިގެން މިއަދު ފަށައިފިއެވެ. ރޯޝަނީމަގުން ނުބައިވަސް ދުވާތީ އެ މައްސަލަ އެތައް ފަހަރެއްގެ މަތިން އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ވަނީ މާލޭ ސިޓީ ކައުންސިލަށް ހުށަހަޅާފައެވެ. އެކި ފަހަރުމަތިން ބަލައި ދެ މަސް ފަހުން އެ ކައުންސިލަށް ވަނީ އެ ކަން މެދުވެރިވާ ސަބަބު ހޯދިފައެވެ. އެގޮތުން މާލޭ ސިޓީ ކައުންސިލުން މިއަދު ބުނީ ނުބައި ވަސް ދުވަން މެދުވެރިވާ ސަބަބަކީ އެ މަގުގައި ހުންނަ ރިފާޒުކެފޭގެ ޖަންކްޝަން ހޮޅި ޕޭވްމަންޓަށް ދާގޮތަށް ހުރުމުން ކަމަށެވެ. ނަޖިސް އެޅިފައިވަނީ ކޭބަލް ކާނުތަކަކަށެވެ. މިއަދު އެ ސަރަހައްދުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، މީގެ ކުރިން ވެސް އެ ކާނުތަކަށް ނަޖިސް އެޅި ވަސް ދުވާތީ ސާފުކުރި ކަމަށެވެ. ނަމަވެސް ތަކުރާރުކޮށް އެ ކަން މެދުވެރިވާތީ، އެކި ފަހަރު މަތިން ބެލިއިރު، އަސްލު މައްސަލަ ދެނެގަނެވުނީ މުޅި މަގުގެ ދެ ފަރާތުން ކާނުތައް ނަގައި ބެލުމުން ކަމަށެވެ. "އަޅުގަނޑުމެން ޑިސައިޑްކުރީ މަގުގެ ދެ ފަރާތުގެ ހުރިހާ ކާނެއް ނަގައިގެން ނޫނީ މަސައްކަތް ނިންމައިނުލަން. އެގޮތުން އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ މިތާ އިން ކެފޭއަކުންނާއި މިތާ އިން ގެއަކުން ކޮންޓިނުއަސްކޮށް އަންނަ ހުރިހާ އެއްޗެއް މަގުމައްޗަށް ދޫވާ ގޮތަށްކަން އެ ތަންތަން ހުރީ،" އާޒިމް ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ އެ ތަންތަން ބަންދުކުރަން މިހާރު އަންގައިފައިވާނެ ކަމަށާއި، އެ މައްސަލަ ހައްލުކުރުމުން ނޫނީ އިތުރު ހުއްދަތަކެއް ކައުންސިލުން ދޫނުކުރާނެކަމަށެވެ. މީގެ އިތުރުން މަގުމައްޗަށް ނަޖިސް ދޫކުރި ގޭގައި ދިރިއުޅޭ މީހުން ވެސް ހުސްކުރަން އަންގައިފައިވާނެކަމަށް ވިދާޅުވިއެވެ. "އެޗްޕީއޭއިން ވެސް އެންމެ ހަރުކަށި ފިޔަވަޅު އަޅަންޖެހޭ މި ކަންތައްތަކުގައި. އެއީ ރައްޔިތުންނަށް މިހާ ބޮޑު އުނދަގުލެއް، މިކަމެއްގައި ރައްޔިތުން އުޅޭތާ އެތަކެއް ދުވަހެއް ވެއްޖެ," އާޒިމް ވިދާޅުވިއެވެ. އާޒިމް ވަނީ މިފަދަ ކަންތައްތައް ރައްޔިތުން ނުކުރުމަށް އެދިފައެވެ. އަދި ކަމެއް ހިނގި ނަމަވެސް އެ ކަންތައްތައް އިދާރާތަކަށް ނުފޮރުވައި، އެއްބާރުލުން ދިނުމަށް އާޒިމް ވަނީ އެދިވަޑައިގެންފައެވެ. "ވަރަށް ދެރަކޮށް ހިނގައިފައި ހުރި ކަންތައްތައް މިހިރަ ކަންކަމަކީ،" އާޒިމް ވިދާޅުވިއެވެ. ރޯޝަނީމަގުން ނުބައިވަސް ދުވާތީ ކައުންސިލުން އެކަން ބަލަމުން އަންނަތާ ވަރަށް ގިނަ ދުވަސްވެއްޖެއެވެ. ނަމަވެސް ސީދާ މައްސަލަ މީގެ ކުރިން އެނގިފައި ނެތުމުން މައްސަލައަށް ދާއިމީ ހައްލެއް އޮތީ ނުލިބިފައެވެ. މީގެ ކުރިން ވެސް މިފަދަ މައްސަލަތައް ދިމާވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ