ގާނޫނުއަސާސީގެ ގިނަ މާއްދާހުރީ މަޝްވަރާކުރި ގޮތަކަށްނޫން: ފައްޔާޒު

ދިވެހިރާއްޖެ މިހާރު މިދެކޭ ގާނޫނުއަސާސީ ޑްރާފްޓު ކުރުމުގައި ފިކުރުކޮށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު އޮނަރަބަލް ފައްޔާޒް އިސްމާއީލަށްވެސް ފަހިވެފައި އޮތްކަމަށާއި ގާނޫނުއަސާސީގެ ވަރަށް ގިނަ މާއްދާތައް އެހުރީ އޭރު މަޝްވަރާ ކުރި ގޮތަށް ނޫން ކަމަށް ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ. ފައްޔާޒު އެހެން ވިދާޅުވީ އަދަދު ނޫހުގައި ލިޔުއްވާ މިއަދު ޝާއިއުކުރެއްވި ކޮލަމެއްގައެވެ. 
ގާނޫނުއަސާސީ ޑްރާފްޓު ކުރެއްވުމުގެ މަސައްކަތުގައި އުޅުއްވި ވަކީލުންނާއި، އެކަމުގައި އިސްކޮށް އުޅުއްވި ސިޔާސީ ބޭފުޅުންނާއެކު އެކަމުގެ މަޝްވަރާތައް ކުރަމުން ގެންދެވި ނަމަވެސް ގާނޫނުއަސާސީގެ ވަރަށް ގިނަ މާއްދާތައް އެހުރީ އެބޭފުޅުން އޭރު މަޝްވަރާ ކުރި ގޮތަކަށް ނޫންކަމަށް ފައްޔާޒު ވިދާޅުވެއެވެ.
އެހެން އެކަން ވާން ދިމާވީ އޭރުގެ ސިޔާސީ މަސްރަހު އޮތްގޮތުން، ވެރިކަން ބަދަލުވެގެންދާނޭކަން ކަށަވަރުކުރުމަށް ގާނޫނުއަސާސީ އެކުލަވާލި މަޖިލީހުން ވަރަށް ބޮޑު އިސްކަމެއް ދީފައި އޮތުމުން ކަމަށް ފައްޔާޒު ވިދާޅުވެއެވެ. ގެނެވިފައި ހުރި ހެޔޮ ބަދަލުތައްވެސް ގެނެވުނީ ވަރަށް ގިނަ އިދިކޮޅު ހެދުންތަކާއެކު ރައްޔިތުންގެ ބާރު އެޅުމާއި އިހުތިޖާޖުގެ ތެރެއިން ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
" އޭރުވެސް ރައްޔިތުންގެ މަޖިލީހާއި ހާއްސަ މަޖިލީހުގެ މެންބަރުންގެ މައްޗަށް ޖިނާއީ ތަހުގީގުތައް ހިންގަމުން ގެންދިޔައެވެ. އިދިކޮޅު ސިޔާސީ ހަރަކާތްތަކަށް ހުރަސް އެޅުން ހުއްޓައެއް ނުލައެވެ." ފިއްޔާޒު ވިދާޅުވިއެވެ.
އެހެންކަމުން، ގާނޫނުއަސާސީ ހުރިހާ ގޮތަކުން ފުރިހަމަ ކުރުމަށްވުރެ ބޮޑު އިސްކަމެއް ދެވިފައި އޮތީ އަވަހަށް ނިންމުމަށްކަމަށް އުސްތާޒު ފައްޔާޒު ވިދާލުވެއެވެ. " އަޅުގަނޑުމެން ( ގާނޫނުއަސާސީ ޑްރާފްޓު ކުރެއްވުމުގެ މަސައްކަތުގައި އުޅުއްވި ވަކީލުންނާއި، އެކަމުގައި އިސްކޮށް އުޅުއްވި ސިޔާސީ ބޭފުޅުން ) އެކަމަށް ރުހުނީ އެއީ ފެށުމެއް ކަމަށް ބަލާފައެވެ. ގެންނާންޖެހޭ ބަދަލުތަކަކީ ރައްޔިތުންގެ ރުހުމާއެކު ފަހުން ގެނެވިދާނޭ ބަދަލުތަކެއް ކަމަށް ދެކިގެންނެވެ." އެމްޑިޕީގެ ޗެއަރޕާސަން އޮނަރަބަލް ފައްޔާޒް އިސްމާއީލް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ