ކެފޭއަކުން ކެއުމަށްފަހު ބިލު ނުދެއްކުމުން 10 ދުވަހަށް ބަންދުކޮށްފި

ކެފޭއަކުން ކެއުމަށްފަހު ބިލު ނުދެއްކި މައްސަލައިގައި ދިވެހި ފިރިހެނަކު 10 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކޮށްފިއެވެ. އެއީ އުމުރުން 23 އަހަރުގެ ޒުވާނެކެވެ. އޭނާގެ މައްޗަށް ކުރަނީ ހުއްދަ ނޫން ޚިދުމަތެއް ހޯދުމުގެ ތުހުމަތެވެ. މުއްދަތުގެ މަޖިލީުގައި މީނާ ބުނެފައި ވަނީ، އޭނާ ކެފޭއިން ކެއި ކަމަށާއި، ބިލު ދެއްކުމަށް ބޭބެއަށް ގުޅިކަމަށެވެ. ނަމަވެސް ފަހުން ބޭބެފެ ފޯނު އޮތީ ނިވިފައިކަމަށާއި އެ ފައިސާ ފޮނުވި ކަމަށް އޭނާ ބުނެފައިވާ ކަމަށް ކޯޓު އަމުރުގައިވެއެވެ. އެހެންނަމަވެސް އޭނާ އެ ބިލަށް ފައިސާ ދައްކާފައި ނުވާކަމަށް އިންވެސްޓިގޭޓިވް އޮފިސަރު (އައިއޯ) ފާހަގަކުރި ކަމަށް ކޯޓު އަމުރުގައިވެއެވެ. އަމުރުން އެނގޭ ގޮތުގައި އޭނާއަކީ ބަންދު ރެކޯޑު އޮތް ފަރާތެކެވެ. އަދި އޭނާ އެފަދަ އަމަލުތައް ތަކުރާރުކޮށް ކުރަމުންދާކަން އާއިލާގެ ފަރާތުން ހިއްސާކޮށްފައިވާކަން އައިއޯ ވަނީ ފާހަގަކޮށްފައެވެ. މި މައްސަލައިގައި ވަކީލެއްގެ ފުރުސަތު ބޭނުންނުވާކަމަށް އޭނާ ބުނެފައިވެއެވެ. އެއާއެކު ކްރިމިނަލް ކޯޓުން ވަނީ އޭނާގެ މައްޗަށް 10 ދުވަހުގެ ބަންދުގެ މުއްދަތު ޖަހައިފައެވެ. ބަންދުގައި ބެހެއްޓުމުގެ ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގައި ބަޔާންކުރާ ކަންކަން ފުރިހަމަކަމަށް ބެލެވޭތީ ކަމަށް އަމުރުގައި ބުނެފައިވެއެވެ. އަދި އެ މައްސަލައިގައި އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެއްކާއި ގަރީނާ ހުށަހަޅާފައިވާ ކަމަށް ކޯޓު އަމުރުގައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ