ވެންޓިލޭޓަރު ހިޔާނާތް: ދުބާއީ ކުންފުނީގެ ވެރިޔާ ހޯދަން ރެޓް ނޯޓިސް ނެރެން އެދިއްޖެ

ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭ ވެންޓިލޭޓަރު ގަންނަން ފައިސާ ދިނުމުން އެތަކެތި ސަޕްލައިނުކުރި ދުބާއީ ކުންފުނި، އެގްޒެކިއުޓާސް ޖެނެރަލްް ޓްރޭޑިންގެ ވެރިޔާ އިންޓަޕޯލްގެ ރެޑް ނޯޓިސް ނެރެގެން ހޯދަން ފުލުސް އޮފީހުގައި އެދިއްޖެ އެވެ.
އެނގުން މުހިންމު - އޮޑިޓް އޮފީހުން ހެދި އޮޑިޓް ރިޕޯޓުން ހާމަވެފައިވާ ގޮތުގައި 75 ވެންޓިލޭޓަރު ގަންނަން އެޕްރީލް 2020ގައި ހެލްތު މިނިސްޓްރީން އެ ކުންފުންޏާ އެކު އެއްބަސްވުން ހެދި އިރު އެއްވެސް ގެރެންޓީއަކާ ނުލާ އެ ކުންފުންޏަށް ވަނީ އެޑްވާންސަށް 30.91 މިލިއަން ރުފިޔާ ދީފަ އެވެ. 
ތަފްސީލް - މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ މިދިޔަ ސަރުކާރުގެ ތެރޭ ހިނގި ވެންޓިލޭޓަރުގެ ހިޔާނާތާ ގުޅިގެން އެ ފައިސާ ރިކަވާ ކުރުމަށް މިހާތަނަށް ކުރި މަސައްކަތް ކާމިޔާބު ވެފައި ނުވާ ކަމަށެވެ. އެގޮތުން، އޭނާ ވިދާޅުވީ: 
އާބިޓްރޭޝަނުން ނިންމައިގެން ފައިސާ އަނބުރާ ހޯދަން ބެލިއިރު އެ ކުންފުނީގެ ވެރިޔާއަކީ ކޮބައިކަން ވެސް އަދި އޭނާ އުޅޭ ތަނެއް ވެސް އަދި ގުޅޭނޭ ގޮތެއް ވެސް އިދާރާތަކަށް ހޯދިފައެއް ނުވޭ
ރެޑް ނޯޓިސް ނެރެގެން ވެސް އޭނާ ހޯދިއްޖެ ނަމަ ވެންޓިލޭޓަރަށް ދެއްކި ފައިސާއާ ގުޅިގެން ކަންކަން ހިނގާ ދިޔަ ގޮތް ސާފުވާނެ އަދި އެ ފައިސާ ޓްރޭސް ކުރެވޭނެ 
"މަދަނީ ގޮތުން އާބިޓްރޭޝަނަށް ގޮސްގެން އެ ފައިސާ ހޯދޭނޭ އެއްވެސް ގޮތެއް ނުވި ތަން މި ފެންނަނީ. އާބިޓްރޭޝަން އެވޯޑް ކުރިތާ އެއް އަހަރު ވެގެން ދިޔައީ. އެ މީހާ ނުވެސް ހޯދޭ. ވީ ތަނެއް ވެސް ނޭނގޭ.  ގުޅޭ ގޮތެއް ވެސް ނުވޭ،" ނާޒިމް ވިދާޅުވި އެވެ.
"ޖިނާއީ މައްސަލައެއްގެ ގޮތުގައި މި އޯނާ ހޯދާފައި ރެޑް ނޯޓިސް ނެރެފައި އެ ހިސާބުން އޭނާ އަތުވާނެ ނޫންތޯ. އޭރުން ރިޝްވަތުގެ ގޮތުގައި ވެސް ނޫނީ އެހެން ގޮތަކުން ވެސް މީހަކަށް ފައިސާއެއް ދިންކަން ވެސް ހޯދޭނެ. މި މަގުން މިކަން ކުރަން އަޅުގަނޑުމެން ވާނީ ފުލުހުގައި ދަންނަވާފައި."
އޭނާ ވިދާޅުވީ ވެންޓިލޭޓަރުގެ މައްސަލައިގައި ހިމެނޭ މީހުންނަށް ދައުވާތައް ވެސް އުފުލިފައި ނުވާތީ އެ މައްސަލައަކީ މަކަރާއި ހީލަތް ހެދުމުގެ މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަން ޕީޖީން މިހާރު ފުލުހުންނަށް ލަފާދީފައިވާކަން ވެސް އެނގިފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ. 
ފަސްމަންޒަރު - މި ސަރުކާރުން ނިންމާފައިވަނީ ވެންޓިލޭޓަރުގެ ހިޔާނާތާ ގުޅޭ މައްސަލަ އަލުން ތަހުގީގު ކުރުމަށެވެ. 
އެ މައްސަލައިގައި އޭސީސީން، އޭރުގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންއާ އެކު އެ މިނިސްޓްރީގައި މަސައްކަތް ކުރި 11 މީހެއްގެ މައްޗަށް ދައުވާ ކުރަން ވެސް ފޮނުވި އެވެ. ނަމަވެސް އެކަށީގެންވާ ހެކި ނެތި އެ މައްސަލައިގައި ޕީޖީން ދައުވާ ނުއުފުލާ މައްސަލަ އަނބުރާ ފޮނުވާލި އެވެ. 
އެ މައްސަލައިގައި ގެއްލުނު ފައިސާ ހޯދަން ރާއްޖޭގެ އާބިޓްރޭޝަން ސެންޓަރަށް މިިދިޔަ ސަރުކާރުގައި މައްސަލަ ހުށަހެޅުމުން އާބިޓްރޭޝަނުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ހުކުމް ކުރީ ގެއްލުމުގެ ބަދަލު ހިމެނޭ 34 މިލިއަން ރުފިޔާ އެގްޒެކިއުޓާޒް ކުންފުނިން ދިވެހި ސަރުކާރަށް ދެއްކުމަށެވެ.
އެ މައްސަލައިގައި ގޮތް ނިންމީ ވެސް އެ ކުންފުނީގެ ގައިރު ހާޒިރުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ