މޫދު ބުޅާ ޑައިވް ސެންޓަރާ ގުޅުވައި ސޯޝަލް މީޑިއާގައި ފަތުރަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް: ޒޫނާ

މޫދު ބުޅާ ޑައިވް ސެންޓަރާ ގުޅޭގޮތުން ޖިންސީ ގޯނާގެ އެއްވެސް މައްސަލައެއް މިހާތަނަށް ފުލުހަށް ހުށަހަޅައި ބަލަމުންދާކަން އެނގިފައި ނެތް ކަމަށާއި ދޮގު ތުހުމަތުތަކެއް ކޮށް ސޯޝަލް މީޑިއާގައި ހަގީގަތާ ހިލާފު ވާހަކަތަކެއް ބަޔަކު ފަތުރަމުންދާތީ އެކަމާ ހިތާމަކުރާ ކަމަށް އެ ސެންޓަރުގެ ވެރިޔާ ޒޫނާ ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ. 
ވީ ކިހިނެއް؟ - ވިލިމާލޭގައި ހިންގަމުން އަންނަ މޫދު ބުޅާ ޑައިވް ސެންޓަރުން ހިދުމަތް ހޯދި ބައެއް މީހުންނަށާއި ކުޑަކުދިންނަށް އެތަނުގެ ބައެއް މުވައްޒަފުން ޖިންސީ ގޯނާ އާއި ފުރައްސާރަ ކުރި ކަމަށް ބުނެ ތުހުމަތުތަކެއް ކޮށްފައިވަނީ ކާކުކަން ނާންގައި ހިންގަމުންދާ އެކްސް އެކައުންޓަކުންނެވެ. މިކަމާ ގުޅުވައި، މި މަހު ފަހުކޮޅު ހުޅުމާލޭގައި ބާއްވާ ވެކޭޝަން އެކްސްޕޯގައި މޫދު ބުޅާ ބައިވެރި ނުކުރުމަށް ބާރުއަޅާ އޮންލައިން ޕެޓިޝަނެއްގައި ސޮއިކުރުމަށް އެ އެކައުންޓުން ދަނީ ގޮވާލަމުންނެވެ.
ޒޫނާ އިއްޔެ ވަނީ ތުހުމަތުތައް ދޮގުކުރައްވައި ބަޔާނެއް ނެރުއްވައިފަ އެވެ.
ތަފްސީލް - އެ ތުހުމަތުތަކާ ގުޅިގެން 'ދައުރު'އާ ވާހަކަދައްކަވަމުން ޒޫނާ ވިދާޅުވީ މޫދު ބުޅާ ޑައިވް ސެންޓަރުން ހިދުމަތް ހޯދި އެއްވެސް މީހަކަށް ޖިންސީ ފުރައްސާރަ ކޮށްގެން ހުށަހަޅާފައިވާ އެއްވެސް މައްސަލައެއް އޮތްތޯ ބަލަން ފުލުހަށް އެ މައްސަލަ ހުށަހަޅުއްވާފައި ވާނެ ކަމަށެވެ. އެކަމަކު އެފަދަ އެއްވެސް މައްސަލައެއް ބަލަމުންދާކަން އޭނާއަށް ފުލުހުން މިހާތަނަށް އަންގާފައި ނުވާ ކަމަށް ވިދާޅުވި އެވެ.
ބުނީ ކީކޭ؟ - "ވަކި ބަޔަކު ނުވަތަ މީހަކު މި އުޅެނީ ސޯޝަލް މީޑިއާގައި އަޅުގަނޑުމެންނާ ދޭތެރޭ ކޮންމެވެސް ކަމަކާ ހިތްހަމަނުޖެހިގެން. ތަފާތު އެކިއެކި ގޮތްގޮތަށް އެއްވެސް ހަގީގަތެއް ނެތް ކޭސްތަކެއް ލިޔަމުންދާތީވެ އަޅުގަނޑު އެންމެ ފަހުން ފުލުހަށް ހުށަހެޅީ އެފަދަ އެއްވެސް މައްސަލައެއް މިހާތަނަށް ހުށަހެޅިފައި އޮތްތޯ ބަލަން،" ޒޫނާ ވިދާޅުވި އެވެ.
ޒޫނާ ފާހަގަކުރެއްވި ގޮތުގައި:
ޑައިވް ސެންޓަރާއި އެތަނުގެ މުވައްޒަފުންގެ އަބުރު ކަތިލެވޭފަދަ ގޮތަކަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާ އެ އެކައުންޓުން އެފަދަ ޕޯސްޓުތައް ކުރާތާ ދުވަސްގަނޑެއް ވެއްޖެ 
އެކަމަކު 2023ވަނަ އަހަރު ހިނގި ކަމަށް ބުނާ އެ ޖިންސީ ފުރައްސާރައިގެ މައްސަލައެއް ނުވަތަ އެހެން ވެސް މައްސަލައެއް ފުލުހަށް ހުށަހަޅާފައިވާކަމެއް އެނގިފައެއް ނެތް
އެފަދަ މައްސަލައެއް އޮތް ނަމަ، ސޯޝަލް މީޑިއާގައި އަގުވެއްޓޭ ގޮތަށް އެފަދަ ތުހުމަތުތައް ނުކޮށް އަދި މައްސަލަ ޑައިވް ސެންޓަރަށާއި ފުލުހަށް ހުށަހަޅައިގެން ކުރިއަށްދާން އޭނާ އެދިވަޑައިގެންނެވި
"އެއީ ހުސް އުފައްދާފައިވާ ވާހަކަތަކެއް ކަމަށް އަޅުގަނޑަށް ބެލެވެނީ. އެއީ މިކަމުގައި އަޅުގަނޑު އުޅޭތާ 30 ވަރަކަށް އަހަރު ވީއިރު މިހާތަނަށް ނެތް އެފަދަ އެއްވެސް ޝަކުވާއެއް މިތަނުން ހިދުމަތް ހޯދި އެއްވެސް މީހެއްގެ ފަރާތުން އައިސްފައެއް،" ޒޫނާ ވިދާޅުވި އެވެ.
"އަނެއްކާ މި ވާހަކަތައް ދައްކާ ކުއްޖާއަކީ ދުވަހަކު ވެސް މި ސެންޓަރުން ހިދުމަތް ހޯދި ކުއްޖެއް ވެސް ނޫން." 
ޒޫނާ ވިދާޅުވިގޮތުގައި މޫދު ބުޅާ ސެންޓަރުން މިހާތަނަށް އެތަކެއް ޕްރީ ސްކޫލަކަށް ވެސް ސްނޯކްލިން ސެޝަންތައް އެތައް ފަހަރެއްގެ މަތިން ނަގައިދީފައިވާނެ އެވެ. އެކަމަކު އެތަނުގެ މުވައްޒަފަކާ ގުޅުވައި އެފަދަ މައްސަލައެއް އެއްވެސް ފަރާތަކުން މިހާތަނަށް ޖައްސާފައެއް ނުވެ އެވެ.
ސާބިތު ނުހިފޭ އެ ތުހުމަތުތަކުގެ ސަބަބުން، އެތައް ދުވަހެއްގެ ބުރަ މަސައްކަތުން އޭނާ ފައްކާކޮށް އެތައް ބައެއްގެ އިތުބާރު ހޯދާފައިވާ އެ ސެންޓަރަށާއި އޭނާގެ 30 އަހަރުވީ ހިދުމަތަށް ވަރަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް ޒޫނާ ވިދާޅުވި އެވެ.
ގުޅުންހުރި - ޒޫނާ ތުހުމަތުތައް ދޮގުކުރައްވައި ނެރުއްވި ބަޔާނުގައި ވާގޮތުން: 
2023 ވަނަ އަހަރު ތެރޭ އެ ތަނުގެ ޑައިވަރެއް ބޭއަދަބީ ކޮމެންޓްތަކެއް ކުރި ކަމަށް ބުނެ އޭނާއާ ހަމައަށް ޝަކުވާއެއް އައި 
އެ ޝަކުވާ އޭރު ބެލިއިރު، އެކަން ހިނގީ ކެފޭއެއްގެ ތެރޭ ކަމަށާއި އަދި އެއީ އެ ސެންޓަރުގެ ޑައިވަރުން ކަމަށް ބުނި ނަމަވެސް އެއީ އެ ސެންޓަރުގައި މަސައްކަތް ކުރާ ޑައިވަރުންނެއް އަދި މުވައްޒަފުންނެއް ވެސް ނޫން. އަދި އެ ބަސްތައް ރައްދުވި ފަރާތް ވެސް އެ ވަގުތު އެ ކެފޭގައި ނެތް
އިތުރަށް މިކަން ބެލިއިރު ބޭއަދަބީ ބަސްތައް ބޭނުން ކުރީ ކޮން ބައެއް ކަމެއް ވެސް އަދި އެ މީހުން ބޭއަދަބީކޮށް ބުނި އެއްޗެއް ވެސް ސާފެއް ނުވޭ
އެ ޝަކުވާއަށް ފަހު، މިހާތަނަށް އެފަދަ އެއްވެސް ޝަކުވާއެއް އޭނާއާ ހަމަށް ލިބިފައެއް ނުވޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ