ބަޖެޓު އަރަނިވީ މަޝްރޫއުތައް ނުހިންގާތީ، މުސާރައާއި އާސަންދައިގެ ޚަރަދުވީ ބޮޑު

ދައުލަތުގެ ބަޖެޓު އަރަނަވީ މަޝްރޫއުތައް ނުހިންގާތީ ކަމާއި އަދިވެސް އާސަންދައާއި މުސާރައާއި އިނާޔަތްތަކަށް ކުރި ހޭދަވީ ބޮޑުކަން މާލީ ހިސާބުތަކުން އެނގިއްޖެއެވެ. ސަރުކާރުން ވަނީ މި މަހު 10 ވަނަ ދުވަހާ ހަމައަށް މާލީ ހިސާބުތައް އާންމުކޮށްފައެވެ. އެ ހިސާބުތަކުން ފެންނަ ގޮތުގައި މި އަހަރު މިހާތަނަށް 11.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ. އެއީ، މިދިޔަ އަހަރު މި މުއްދަތުގައި ލިބިފައިވާ 10.7 ބިލިއަނަށްވުރެ 527 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އެކަމަކު، ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ ވީ ދަށެވެ. އެ ގޮތުން، ޓެކުހުގެ ގޮތުގައި މި އަހަރު މިހާތަނަށް ލިބިފައިވަނީ 8.69 ބިލިއަން ރުފިޔާއެވެ. މިދިޔަ އަހަރު 8.75 ބިލިއަން ރުފިޔާ ލިބުނެވެ. އާމްދަނީ އިތުރުވީ ޓެކުހުގެ ގޮތުގައި ނޫން ގޮތްގޮތުން ލިބޭ އާމްދަނީއެވެ. ޓެކްސް ނޫން ގޮތްގޮތުން މި އަހަރު 2.47 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އެއީ، މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ 581 މިލިއަން އިތުރު އަދަދެކެވެ. ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު: މަޝްރޫއުތަކަށް ކުރި ޚަރަދު ވަނީ ދަށްވެފައި -- ފޮޓޯ/ މިނިސްޓްރީ އެ މުއްދަތުގައި ޖުމުލަ ޚަރަދުކޮށްފައިވަނީ 9.08 ބިލިއަން ރުފިޔާއެވެ. އެއީ، މިދިޔަ އަހަރުގެ މި މުއްދަތަށް ވުރެ 2.75 ބިލިއަން ދަށް އަދަދެކެވެ. އެހެންވެ، ދައުލަތުގެ ޚަރަދު ކުޑަވުމުން އާމްދަނީއަށް ވުރެ މިހާތަނަށް ކުރި ޚަރަދު 3.4 ބިލިއަން ރުފިޔާ މަދެވެ. ނުވަތަ، އެ މިންވަރަށް ވަނީ އަރަނިވެފައެވެ. އެކަމަކު، ޚަރަދުގެ ބޮޑު އިންސައްތައެއް އުނިވީ މަޝްރޫއުތައް ނުހިންގާތީއެވެ. އެ ގޮތުން، މިދިޔަ އަހަރުގެ މި މުއްދަތުގައި މަޝްރޫއުތަކަށް 2.9 ބިލިއަން ރުފިޔާ ޚަރަދުކުރިއިރު މި އަހަރު އަދި ޚަރަދުކޮށްފައިވަނީ އެންމެ 693 މިލިއަން ރުފިޔާއެވެ. އެހެންވެ، ޚަރަދުން 2.28 ބިލިއަން ރުފިޔާ ދަށްވީ މަޝްރޫއުތަކަށް ޚަރަދު ނުކުރާތީއެވެ. ހިންގުމުގެ ޚަރަދު ވެސް މި މުއްދަތުގައި 470 މިލިއަން ރުފިޔާ ވަނީ ދަށްވެފައެވެ. ރައީސް މުއިއްޒު ކާމިޔާބީތައް ކިޔައިދެއްވަނީ: މުސާރައަށް ކުރި ޚަރަދު ކުޑައެއް ނުކުރޭ --- ފޮޓޯ/ މަޖިލިސް އެކަމަކު، ފާހަގަކޮށްލެވޭ ގޮތުގައި މުސާރައާއި އިނާޔަތްތަކަށް ކުރި ޚަރަދު ވަނީ މިދިޔަ އަހަރަށްވުރެ 268 މިލިއަން ރުފިޔާ އިތުރުވެފައެވެ. އަދި، އާސަންދައަށް ކުރި ޚަރަދު ވެސް 179 މިލިއަން ރުފިޔާ އިތުރެވެ. މި އަހަރު މިހާތަނަށް އާސަންދައަށް 665.9 މިލިއަން ރުފިޔާ ޚަރަދުކޮށްފިއެވެ. ފާހަގަކޮށްލެވޭ ގޮތުގައި ދައުލަތުގެ ޚަރަދުތައް ކުޑަކުރަން ބޭރުގެ މާލީ އިދާރާތަކުން ގޮވާލަމުން އަންނަތާ އެތައް ދުވަހެއް ވެއްޖެއެވެ. އެ ތަންތަނުން ވަނީ އާސަންދައާއި ސަބްސިޑީތަކާއި އަދި މުސާރައާއި އިނާޔަތްތަކަށް ކުރާ ބޭކާރު ޚަރަދު ވެސް ކުޑަކުރަން ގޮވާލައިފައެވެ. ސަރުކާރުން ވަނީ ޚަރަދުތައް ކުޑަކޮށް މާލީ ގޮންޖެހުންތަކުން އަރައިގަނެވޭނެކަމުގެ ޔަގީންކަން ދީފައެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ މި އަހަރާއި އަންނަ އަހަރަކީ ސަރުކާރުގެ ވައުދުތަކާއި ހިންގަން ވައުދުވި މަޝްރޫއުތައް ހިންގާ ނިންމާނެ ދެ އަހަރު ކަމަށް އިއުލާނުކުރައްވައިފައެވެ. ރަށްރަށަށް ވަޑައިގެން ވެސް އެ މަނިކުފާނު އެކަން އިއުލާނުކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ