ތިމާވެއްޓަށް ލިބޭ ގެއްލުންތައް ބޮޑުވާނެ ކަމަށް ބުނެ އެތައް ބަޔަކު ފާޅުކުރަމުންދިޔަ ކަންބޮޑުވުންތަކަށް ބީރުކަންފަތެއް ދީ ރ. ފައިނުގައި އެއާޕޯޓު އެޅުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.
ފައިނު އެއާޕޯޓުގެ އަމަލީ މަސައްކަތް ކުރަން އެމްޓީސީސީއާ ހަވާލުކުރީ އެމްއޭސީއެލް އިންނެވެ. އެ ކުންފުނީގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނީ މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރީ މިއަދު ކަމަށެވެ.
މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަރައްގީގެ އަމާޒަށް ވާސިލްވުމަށް ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށާއި ފައިނުގައި އެޅޭ އެއާޕޯޓާއެކު ދަތުރުފަތުރަށް ލުއިލިބި ސަރަހައްދީ އިގުތިސޯދަށް ވެސް ހެޔޮ އަސަރުކުރާނެ ކަމަށް އެމްއޭސީއެލް އިން ބުނެފައިވެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ފައިނު އެއާޕޯޓު އެޅުމަށް ނިންމާ އެންވަޔަރްމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ވެސް ހެދި އެވެ. އެ ރިޕޯޓުން ދެއްކި ގޮތުން ފައިނުގައި އެއާޕޯޓު އެޅުމަށް 5،792 ގަސް ކަނޑަން ޖެހެ އެވެ.
ނަމަވެސް އެންވަޔަރްމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އޭރު ބުނީ އެ އީއައިއޭ ފުރިހަމަ ނޫން ކަމަށެވެ. އަދި ކަނޑަން ޖެހޭ ގަހުގެ އަދަދު އިތުރުވުމުގެ ފުރުސަތު ބޮޑު ކަމަށް އެ އިދާރާއިން ފާހަގަކޮށްފައިވެ އެވެ.
ރ. ފައިނުގެ ސެޓްލައިޓު ފޮޓޯއެއް : އެއާޕޯޓު އަޅަން މި ފެންނަ ގިނަ ގަސްތައް ކަނޑާލާނެ ---- ފޮޓޯ: ގޫގުލް އާތު
އޭރުގެ އީއައިއޭ ރިޕޯޓުން ދައްކާ ގޮތުން ފައިނުގައި އެއާޕޯޓު އަޅާނަމަ އެ ރަށުގައި ހުރި 20 މީޓަރުގެ ބޮޑު 20 ނިކަ ގަހާއި 29 މީޓަރުގެ ފުނަ ގަހެއް ވެސް ކަނޑަން ޖެހެ އެވެ. މިކަންކަމާ ދެކޮޅަށް 'ސޭވް ފައިނު' ގެ ނަމުގައި އޭރު ހަރަކާތެއް ހިންގާ ރައްޔިތުން އަޑުވެސް އުފުލި އެވެ.
އެއަށްފަހު މިދިޔަ ސަރުކާރުން އެ ރަށުގައި އެއާޕޯޓު ނޭޅުމަށް އެޕްރީލް 16، 2019 ގަ އެވެ. ސަބަބަކަށް ދެއްކީ ތިމާވެށްޓަށް ލިބޭނެ ކަމަށް ފެންނަ ގެއްލުމެވެ.
ރ. އަތޮޅު ދެކުނު ބުރީގައި އެއާޕޯޓެއް އެޅުމަށް އެމްޑީޕީ ސަރުކާރުންވެސް ވައުދުވީއިރު، އެ އެޕާޓު އަޅާނީ އެ އަތޮޅު ބެރިޔަންފަރުގައި ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ޖޫން 2023 ގެ ތެރޭގަ އެވެ. ނަމަވެސް، ފައިނުގައި އެއާޕޯޓު އަޅައިދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވީ ރިޔާސީ ކެމްޕޭނުގެ ތެރޭގަ އެވެ.
އެ ވައުދު ފުއްދަވާނެ ކަމަށް މިދިޔަ މަހު ރ. އަތޮޅަށް ކުރެއްވި ދަތުރުގެ ތެރެއިން ރައީސް މުއިއްޒު ވާހަކަދެއްކެވި އެވެ.
އެ ގޮތުން، ފައިނު އެއާޕޯޓަކީ މުޅި އެ ސަރަހައްދުގެ އިގްތިސާދީ ކުރިއެރުމާ ވަރަށް ބޮޑަށް ގުޅިފައި އޮތް އެއާޕޯޓެއްކަން ފާހަގަކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ އެ އެއާޕޯޓުން ވަޒީފާތައް އުފެދުމުގެ އިތުރުން އެ ސަރަހައްދަށް ގިނަ ރިސޯޓުތައް އައުމަށް ވެސް މަގުފަހިވެގެންދާނެ ކަމަށެވެ.
ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދީ ފައިނުގައި އެއާޕޯޓު އަޅަން އެމްޓީސީސީއާ ހަވާލުކޮށްފި ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދީ ފައިނުގައި އެއާޕޯޓު އަޅަން އެމްޓީސީސީއާ ހަވާލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ