އިންފޮމޭޝަން ކޮމިޝަނަރަކީ، ގާނޫނު ނަންބަރު 2014/1 (މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު) ގެ ދަށުން އުފައްދާފައިވާ ދައުލަތުގެ މަގާމެކެވެ. އޭނާއަށް ލިބިދޭ ބާރުތައް އެ ގާނޫނުގައި ލިޔެފައި އޮވެއެވެ. އޭނާ ނިންމާ ނިންމުމަކީ ދަށު ކޯޓެއްގެ ބާރު ލިބިފައިވާ ނިންމުމެކެވެ. މިގޮތަށް ގާނޫނު ލިޔެފައި އޮތީ، ދިވެހިރާއްޖެފަދަ ޑިމޮކްރަޓިކް ވެރިކަމެއް ހިންގާންއުޅޭ ގައުމެއްގައި މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ހައްގު ކަށަވަރު ކޮށްދީފައި އޮތުމަކީ ކޮންމެހެން މުހިންމު ކަމަކަށްވާތީއެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައި، މައުލޫމާތެއް ފޯރުކޮށްދޭން ދައުލަތުގެ އިދާރާއަކަށް ލިބެނީ 21 ދުވަހުގެ މުއްދަތެކެވެ. އާދަޔާ ހިލާފު ހާލަތެއް މެދުވެރިވާނަމަ، އިތުރު 14 ދުވަސް ލިބެއެވެ. އެ މުއްދަތުގެ ތެރޭގައި މައުލޫމާތެއް ނުދީފިނަމަ، ޤާނޫނުގެ ބޭނުމަށް ބަލަނީ "މައުލޫމާތެއް ފޯރުކޮށްދިނުމަށް އިންކާރުކުރީ" ކަމަށެވެ. މިވާހަކަތައް އޮތީ އެ ގާނޫނުގެ 7 ވަނަ މާއްދާގެ (ހ)، (ނ) އަދި (ރ) ގައެވެ. އެ މުއްދަތުގެ ތެރޭގައި މަޢުލޫމާތު ނުދީފިނަމަ ވާނެ ގޮތް، މީގެ ކުރިން އަޅުގަނޑު ލިޔެފައިވާނެއެވެ. މި ލިޔުމުގައިވެސް އެކަމުގެ ނަތީޖާއަށް ބަލާލައިފައިވާނެ އެވެ.
މި ހަފުތާގައި އަޅުގަނޑުމެން އަޑުއެހީ، އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމަކާމެދު ސަރުކާރުން ހިތްހަމަޖެހިވަޑައިނުގަންނަވާތީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 64 ވަނަ މާއްދާ (އިސްތިއުނާފުކުރުމުގެ ބާރު) ގެ (ހ) ގައި އޮތް 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފުކުރެއްވި ވާހަކަ އެވެ. އިސްތިއުނާފު ކުރައްވަން ނިންމެވީ ބަންޑާރަ ނައިބެވެ. އެ މަނިކުފާނުންގެ އޮފީހުގައި، އިސްތިއުނާފަކާމެދު ގޮތެއް ނިންމާނެ އުސޫލުތަކާއި ހަމަތަކާއި، އެކަން ދެނެވަޑައިގަންނަވާ ވަރުވަރުގެ ގާނޫނީ ވަކީލުން ތިއްބަވާނެ އެވެ. ބަންޑާރަ ނައިބުގެ ރަސްމީ މަސައްކަތާ ގުޅިގެން ނިންމެވި އެ ނިންމެވުން ރައީސުލްޖުމްހޫރިއްޔާގެ ހިތްޕުޅަކާ ނުވިއެވެ. އެމައްސަލަ އަނބުރާ ނަންގަވަން ބަންޑާރަ ނައިބަށް އަންގަވައިގެން އަނބުރާ ނަންގަވައިފެ އެވެ.
"ރައީސް މުހައްމަދު މުއިއްޒު އަޅުގަނޑުމެންނަށް އިރުޝާދު ދީފައި ވަނީ އާރުޓީއައިގެ މައްސަލަތަކުގެ ތެރެއިން ގާނޫނީ ގޮތުން ސާފު، އެއްވެސް ފުށުއެރުމެއް ނެތް މިފަދަ މައްސަލަތައް އިސްތިއުނާފްނުކުރުމަށް،" ބަންޑާރަ ނައިބު އަލްއުސްތާޒު އަހުމަދު އުޝާމް ވިދާޅުވިކަމަށް ނޫސްތަކުގައި ރިޕޯޓުކޮށްފައި އެބައޮތެވެ.
މި ހަބަރާބެހޭ ގޮތުން ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޒު އަހުމަދު މުއިއްޒު އެކްސްގައި ލިޔުއްވާފައި އޮތީ "އިސްތިއުނާފަށް ހުށަހެޅޭ ރަނގަޅު ސަބަބުތަކެއް ހަމަ ނެތީބާ؟ ވާނުވާ އެއްޗެއް ރަނގަޅަކަށް ސާފެއްނުވި. ގާނޫނުގައި ކަން އޮތްގޮތް މިފަހަރު ރައީސް ސާފުކޮށްދެއްވީ ނޫންބާ؟" މިހެންނެވެ.
އަޅުގަނޑު މި ބަލައިލަނީ، މިކަމުގެ ގާނޫނީ ނަތީޖާއަށެވެ. މައުލޫމާތު ހޯދުމަށް އެދި ހުށަހަޅާ މީހާއާއި މަޢއުލޫމާތު ފޯރުކޮށްދޭ އިދާރާއާދެމެދު މައްސަލައެއް ޖެހިއްޖެނަމަ، އެމައްސަލައެއް ބެލުމުގެ ބާރު އޮތީ އިންފޮމޭޝަން ކޮމިޝަނަރަށެވެ. އޭނާގެ ނިންމުމަކީ، ގާނޫނީ ބާރު ލިބިގެންވާ ނިންމުމެކެވެ. އެ ނިންމުމާމެދު ހިތްހަމަނުޖެހޭނަމަ، އިސްތިއުނާފުކުރުމުގެ ހައްގުގެ ގާނޫނުގައި އެބައޮތެވެ. އެކަމަށް ލިބެނީ 30 ދުވަހެވެ.
ކޮމިޝަނަރުގެ ނިންމުން ނިންމާތާ 30 ދުވަހުގެ ތެރޭގައި އިސްތިއުނާފުނުކޮށްފިނަމަ، މުއްދަތު ހަމަވުމުގެ ސަބަބުން އިސްތިއުނާފުގެ ހައްގު ގެއްލި، ކޮމިޝަނަރުގެ ނިންމުން އެއީ އެންމެ ފަހުގެ ނިންމުމަށްވެގެން އެކަންތައް ނިމުނީއެވެ. އެކަން ސާފެވެ.
ހައިކޯޓުގައި އިސްތިއުނާފުކޮށްފިނަމަ ވާނެ ގޮތެއް، ގާނޫނުގައި ސާފުކޮށް ލިޔެފައެއް ނެތެވެ. ދެން ބަލަން ޖެހޭނީ، އެކަމުގައި އަމަލުކުރަން ހައިކޯޓާއި ސުޕްރީމް ކޯޓުން ނިންމަވާފައިވާ ގޮތަށެވެ. ހައިކޯޓުގައި އިސްތިއުނާފުކުރުމުގެ ސަބަބުން، ހަމައެކަނި އެސަބަބަށްޓަކައި ކޮމިޝަނަރުގެ ނިންމުމަށް އަމަލުކުރަން ނުޖެހޭ ހާލަތެއް މެދުވެރިވޭތޯ އެވެ.
އެ ސުވާލުގެ ޖަވާބު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 2021/SC-A/28 (މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ މޯލްޑިވްސް ކޮލިޓީ ސީފުޑް ޕްރައިވެޓް ލިމިޓެޑް) ނަންބަރު ގަޒިއްޔާއިން ލިބެއެވެ. އެ ގަޒިއްޔާގެ 16.3 ގައި އޮތީ، "ގާނޫނީ އާންމު އުޞޫލަށް ބަލާއިރުވެސް، މައްސަލައެއް އިސްތިއުނާފު ކުރުމަކީ އޭގެ ސަބަބުން (އޮޓޮމެޓިކުން) ހުކުމް ތަންފީޒުކުރުން ފަސްކުރަންޖެހޭ ސަބަބެއް ނޫނެވެ. ހުކުމް ތަންފީޒުކުރުން ފަސްކުރެވޭނީ އިސްތިއުނާފީ ކޯޓަކުން އެފަދައިން އަމުރުކުރުމުންނެވެ. އަދި އިސްތިއުނާފީ ކޯޓުން ހުކުމް ތަންފީޒުކުރުން ފަސްކުރަން އަމުރުކުރަންވާނީ ހުށަހެޅުމެއްގެ މައްޗަށް ބިނާކޮށް" ކަމަށެވެ.
ވީމާ، ހައިކޯޓުގައި މައްސަލައެއް އިސްތިއުނާފުކުރުމުގެ އޮޓޮމެޓިކް ނަތީޖާއަކީ އެ މައްސަލައިގައި ދަށުކޯޓުން ނިންމާފައި އޮތް ނިންމުމަށް އަމަލުކުރަން ނުޖެހި ހުއްޓުން ނޫންކަން އޮޅުމެއް ނެތި ސާފެވެ. ގާނޫނީ ބާރު ލިބިފައި އޮތް އަސްލު ގޮތަކީ ދަށު ކޯޓުގެ (މިހާލަތުގައި، އިންފޮމޭޝަން ކޮމިޝަނަރުގެ) ނިންމުމެވެ.
އެ ނިންމުމަށް އަމަލުކުރަން ނުޖެހޭނަމަ، އެކަމުގެ މައްޗަށް ހައިކޯޓުން ވަގުތީ އަމުރެއް ނެރެންޖެހޭނެ އެވެ. އެކަމަށް މީހަކު އެދެންވެސް ޖެހޭނެއެވެ. ހައިކޯޓުގެ ގަވާއިދުގެ 68 ވަނަ މާއްދާ (ތަންފީޒުކުރުން ފަސްކުރުން) ގައި އެ ވާހަކަ އެބައޮތެވެ. އެފަދަ އެދުމެއް ނެތި، ހައިކޯޓުން ވަގުތީ އަމުރެއް ނުނެރޭހައި ހިނދަކު، އަސްލަކީ އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުން އޭގެ ޒާތުގައި ދިރިދިރި އޮތުމެވެ.
އޭގެ މާނައަކީ، އެ ނިންމުމަށް އަމަލުކުރަން އޮތް ޒިންމާއިން ބަރީއަނުވުމެވެ. އެ ޒިންމާއިން ބަރީއަވާނެ ގާނޫނީ ހަމައެއް ނެތި، އެ ނިންމުމުގައި އޮތް ގޮތަށް މައުލޫމާތު ނުދީފިނަމަ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 65 ވަނަ މާއްދާގައި ބުނާފަދަ ކުށުގެ އަމަލެއް އެއޮތީ ކުރެވިފަ އެވެ.
ދެން އުފެދޭ ސުވާލަކީ، ހައިކޯޓަށް މައްސަލައެއް ހުށަހެޅުމުން، މައުލޫމާތު ހާމަކުރުމަށް އިންފޮމޭޝަން ކޮމިޝަނަރު ދީފައިވާ މުއްދަތު ގުނުން ހުއްޓުނީތޯ ނުވަތަ ނޫންތޯ އެވެ. ހައިކޯޓަށް މައްސަލައެއް ހުށަހެޅުމުގެ ނަތީޖާއަކީ، މުއްދަތު ގުނުން ހުއްޓުން ކަމަށްވާނަމަ، އެ ވާހަކަ ގާނޫނުގައި ލިޔެފައި އޮތީހެވެ. އެ ފަދަ އިބާރާތެއް ގާނޫނަކު ނެތެވެ. ހައިކޯޓަށް މައްސަލަ ބެލޭނީ ހައިކޯޓުގައި މައްސަލައެއް އިލްތިމާސްކުރާ ހާލަތުގައި އެކަނިކަމަށް ބުނެ، ހައިކޯޓުގެ ބާރުތައްވެސް ގާނޫނުން ހަނިކޮށްފައި އެބައޮތެވެ. އެ ވާހަކަ ގާނޫނުގައި ލިޔެފައި، ހައިކޯޓަށް މައްސަލައެއް ހުށަހެޅުމުން ދުވަސް ގުނުން ހުއްޓޭ ކަމަށް ނުވަތަ ވަގުތީ އަމުރަކާ ނުލައި، ކޮމިޝަނަރުގެ ނިންމުމަށް އަމަލުކުރަން ނުޖެހޭ ކަމަށް ގާނޫނުގައި ލިޔެފައި ނެތުމުން، ގާނޫނުގެ މަގުސަދު ސާފުވެ އެވެ. މަގުސަދަކީ، ހައިކޯޓުން އަމުރެއް ނުނެރޭހައި ހިނދަކު އަސްލު (ކޮމިޝަނަރުގެ ނިންމުން) އޭގެ ފުރިހަމަ ބާރުގައި ދެމިއޮތުމެވެ.
ބަހުސްގެ ބޭނުމަށް، ހައިކޯޓަށް މައްސަލައެއް ހުށަހެޅުމުން، އިންފޮމޭޝަން ކޮމިޝަނަރު ދިން ދުވަސްތައް ގުނުން ހުއްޓުނީކަމަށް ބުނެ (ތާކުންތާކު ނުޖެހުނަސް) ގާނޫނީ ޒުވާބެއް ނެރުމުގެ ފުރުސަތެއް އޮތެވެ. ނަމަވެސް، ރައީސްގެ އެންގެވުމަށް އެ މައްސަލަ ހައިކޯޓުން ނެގި ހިސާބުން، މިހާރު ހައިކޯޓަކު މައްސަލައެއް ނެތެވެ. އެއާ ގުޅިގެން، އެ ޒުވާބުގެ އަސާސް (ހައިކޯޓުގައި މައްސަލައެއް އޮތުން) ވެސް ނެތުނީއެވެ. އަސްލަށް (ކޮމިޝަނަރުގެ ނިންމުމަށް) ރުޖޫއަވާންޖެހުނީ އެވެ. މައުލޫމާތު ދޭން ޖެހުނީއެވެ. ހައިކޯޓަށް މައްސަލައެއް ހުށަނާޅާ ފަދައެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ވެބްސައިޓުގައި، ޑިސެމްބަރު 25، 2024 ދުވަހު ނިންމަވާފައި އޮތް 3 ނިންމެވުމެއް އެބައޮތެވެ. އެ 3 ނިންމެވުން ވެސް ރައްދުވަނީ ރައީސް އޮފީހަށެވެ. އެ ނިންމެވުމުގައި އޮތީ "މި ޝަކުވާއާ ގުޅިގެން މި އޮފީހަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކާއި ބޭއްވުނު ބައްދަލުވުމުގައި ފާހަގަކުރެވުނު ކަންކަމަށް ރިއާޔަތްކުރާއިރު، ގާނޫނު ނަންބަރު 2014/1 (މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު) ގެ 23 ވަނަ މާއްދާގެ ދަށުން ސިޔާސީ މުވައްޒަފުންގެ ނަމާއި، މަގާމާއި، މުސާރައާއި ވަޒީފާއަދާކުރަމުން އައި ތަނަކީ ޒާތީ މައުލޫމާތުކަމަށް އިދާރާއިން ފާހަގަކުރިކަމުގައިވީނަމަވެސް، އެ ގާނޫނުގެ 20 ވަނަ މާއްދާގެ (ހ) ގެ އަލީގައި ހޯދުމަށް އެދިފައިވާ މައުލޫމާތު ދިނުމަކީ މުޅި ރައްޔިތުންގެ މަސްލަހަތު މާ ރަނގަޅަށް ހާސިލުވާނެ ކަމެއް ކަމުގައި، އަދި އެ މައުލޫމާތު ހާމަނުކުރުމުން ރައްކާތެރިކުރެވޭ މަސްލަހަތަށްވުރެ އެ މައުލޫމާތު ހާމަކުރުމުން ރާއްކާތެރިކުރެވޭ މަސްލަހަތު ބޮޑުކަމަށް ކަނޑައަޅައި، ހޯދަން އެދުނު މައުލޫމާތު ރަސްމީ 5 (ފަހެއް) ދުވަހުގެ ތެރޭގައި މައުލޫމާތު ހޯދުމަށް އެދި ހުށަހެޅި ފަރާތަށް ދޫކުރުމަށް އަންގައި މި ޝަކުވާ ނިންމައިފީމެވެ." މިހެންނެވެ.
މިދެންނެވި ނިންމުން ނިންމީ 25ޑިސެމްބަރު 25، 2024 ގައެވެ. އެ ދުވަހުން ފެށިގެން 5 ދުވަސް ވާނީ (ބަންދު ދުވަސް ނުލައި ގުނުމުން) ޖަނަވަރީ 5، 2025 އަށެވެ. މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 65 ވަނަ މާއްދާގައި، މައުލޫމާތު ނުދީގެން ޖިނާއީ ކުށަކަށްވާނެކަމަށް ބުނާ 45 ދުވަސް ގުނުމުގައި، ދުވަސް ގުނާނީ ބަންދު ދުވަސް ހިމަނައިގެންނެވެ. އެ ގޮތަށް ގުނުމުން، 45 ދުވަސް ހަމަވާނީ ފެބްރުވަރީ 9، 2025 އަށެވެ. އެ ދުވަހާ ހަމައަށް މައުލޫމާތު ނުދީފިނަމަ، ބަލާނީ މައުލޫމާތު ނުދިނީކަމަށެވެ. އެ ހިސާބުން، އެ ގާނޫނުގެ 65 ވަނަ މާއްދާގައި ބުނާ ކުށް އެއޮތީ ކުރެވިފައެވެ. މިއީ ޖިނާއީ ތަހުގީގެއް ހިނގާންޖެހޭ ކަމެކެވެ.
ދެން އޮތް ސުވާލަކީ، ގާނޫނުގައި މައުލޫމާތު ދޭންޖެހޭ ދުވަހަށް މައުލޫމާތު ނުދީ، މުއްދަތު ހަމަވި ފަހުން މައުލޫމާތު ދީފިނަމަ، ގާނޫނުގައި ބުނާ ކުށުން ބަރީއަވާނެތޯ އުފެދޭ ސުވާލެވެ. ގާނޫނު ބުނާ ގޮތުން، ގާނޫނުގައި ބުނާ ދުވަހަށް މައުލޫމާތު ނުދޭ ވަގުތު، އެ ހިނދުކޮޅު، ކުށް އޮތީ ފުރިހަމަވެފަ އެވެ. އޭގެ ފަހުން މައުލޫމާތު ދިނަސް ވެސް، ކުށުގެ އުމަލު ފުރިހަމަވެފައިވާތީ، ތަހުގީގު ހިންގަންޖެހޭނެ އެވެ. ދައުވާކުރުމާމެދު ގޮތެއް ނިންމަން ޕީޖީ އޮފީހަށް ފޮނުވަންޖެހޭނެ އެވެ. ދެހާސް ތޭވީސް ވަނަ އަހަރު، ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނައި އިސްލާހާއެކު، ހަމަ އެ އަހަރު ތަންފީޒުކޮށް، މިހާރު ވެސް ހިނގަމުންދާ، (ނަމަވެސް، މިއަހަރުގެ ރިޔާސީ ބަޔާނުގައި މުޅިން އައު ކަމެއްގެ ގޮތުގައި ރައީސް 'ތައާރަފު ކުރެއްވި') އަލަށް ކުށްކުރާ މީހުންގެ ޕްރޮގްރާމްގެ ދަށުން، ރައީސް އޮފީހުގެ މުވައްޒަފު ޖަލަށް ނުލިޔަސް ވެސް، މިކުށަކީ ކޮންމެ ވެސް ގާނޫނީ ނަތީޖާތަކަކާ ކުރިމަތިލާންޖެހޭ ޒާތުގެ ޖިނާއީ ކުށެކެވެ.
ގާނޫނުތަކުގައި ކުށް ކަނޑައަޅައި، އަދަބު ކަނޑައަޅައިފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، މީހުންނަށް އަދަބު ދޭ ހިތަކުންނޫނެވެ. ގާނޫނު ހިނގާކަމާއި، ގާނޫނުގެ ބާރުވެރިކަން ހުރިހާ ރައްޔިތުންގެ މައްޗަށް އެއްވަރަކަށް ހިނގާނެކަން ކަށަވަރު ކުރުމަށެވެ. އެއީ، ސަރުކާރުގެ އޮފީހެއްގެ އިންފޮމޭޝަން އޮފިސަރު ކަމަށް ވިޔަސް، އަދި އާންމުންގެ މީހަކު ކަމަށް ވިޔަސްވެހެވެ. މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު، ރައްޔިތުންގެ މަޖިލީހުން ތަސައްވަރުކުރި ގޮތަށް ހިނގާނީ، މައުލޫމާތު ދިނުމުގެ ސަގާފަތަކާއި، ގާނޫނުގައިވާ ގޮތަށް އަމަލުނުކޮށްފިނަމަ ނުކުންނަ ނަތީޖާއަކީ ވެސް ސީރިއަސް ނަތީޖާއެއް ކަމަށް އިންފޮމޭޝަން އޮފިސަރުންނަށް ސާފުވެގެންނެވެ.
މައުލޫމާތު ނުދިނުމުގެ ކުށުގެ އަމަލެއް އެވަނީ ކުރެވިފައި މައުލޫމާތު ނުދިނުމުގެ ކުށުގެ އަމަލެއް އެވަނީ ކުރެވިފައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ