ގާޒާގައި އިޒްރޭލްގެ ސިފައިންނާއެކު ހަނގުރާމަކުރި އިނގިރޭސިވިލާތުގެ 10 ރައްޔިތުންނާ ދެކޮޅަށް ހަނގުރާމަވެރި ކުށްތަކުގެ ދައުވާ ލަންޑަންގެ މެޓްރޮޕޮލިޓަން ޕޮލިސްއަށް ހުށަހަޅައިފި އެވެ.
މައިކަލް މޭންސްފީލްޑް އަދި ދަ ހޭގްގައި ތިބި އެހެނިހެން ގާނޫނީ ވަކީލުން އެކުލަވާލި 240 ސަފްހާގެ މި ރިޕޯޓު ހުށަހަޅާފައިވަނީ ފަލަސްތީނުގެ އިންސާނީ ހައްގުތަކުގެ މަރުކަޒު (ޕީސީއެޗްއާރު) އަދި އިނގިރޭސިވިލާތުގައި ހިންގާ ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ)ގެ ފަރާތުންނެވެ. މި ދެ ޖަމްއިއްޔާއިން ތަމްސީލުކުރަނީ ގާޒާގައި އަދި އިނގިރޭސިވިލާތުގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުންނެވެ.
މި މީހުންގެ މައްޗަށް ދައުވާކުރެވިފައިވަނީ ނަސްލު ނައްތާލުމާއި، ބަޔަކު އެ ސަރަހައްދުން (ގާޒާ) ނެރުމާއި، މަރާލުން ފަދަ ހަނގުރާމަވެރި ކުށްތަކާއި އިންސާނިއްޔަތާ ދެކޮޅު ކުށްތައް ކުރިކަމުގެ ތުހުމަތުގަ އެވެ.
"އަހަރެން ދުށް މަންޒަރު ހިތުން ނުފިލާ: ގިނަ ހަށިގަނޑުތަކެއް އެކަކު އަނެކަކާ ޖެހިގެން އޮތީ،" މިހެން ބުނެފައިވަނީ ޕީސީއެޗްއާރުއިން އެއްކުރި ހެކިބަހެއްގައި، އިޒްރޭލްގެ ހަމަލާއެއްގައި އޭނާގެ އާއިލާގެ މީހުން މަރުވި ފަރާތަކުންނެވެ.
ޝާއިއުކޮށްފައިނުވާ މި ރިޕޯޓުގައި ވަނީ މަދަނީ މީހުންނަށާއި އެހީވެރިންނަށް އަމާޒުކޮށް ހަމަލާތައް ދިން ކަމަށް ބުނެ ވަގުތުން ތަހުގީގު ކުރުމަށް ގޮވާލާފަ އެވެ. ރިޕޯޓުގައި ހިމަނާފައިވަނީ 10 މީހެއްގެ މައްޗަށް ކަމަށާއި، އެމީހުންގެ ތެރެއިން ބައެއް މީހުންނަކީ އިޒްރޭލްގެ ރައްޔިތުން ކަމަށްވެސް ވަނީ ބުނެފަ އެވެ. ނަމަވެސް އެމީހުންގެ ނަންތައް ހާމަކޮށްފައެއްނުވެ އެވެ.
ދަ ގާޑިއަން ނޫހުގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން، ތާރީޚީ، އާސާރީ ތަންތަނާއި ދީނީ ތަންތަނަށް ހަމަލާދިނުމާއި، މަދަނީން އެ ސަރަހައްދުތަކުން ބޭރުކުރުމުގެ ތުހުމަތުތައްވެސް މި ރިޕޯޓުގައި ހިމަނާފައިވެ އެވެ.
އިނގިރޭސި ނޫހުން ޝޯން ސަމާފީލްޑް ނަމަކަށް ކިޔާ، މި ރިޕޯޓު އެކުލަވާލުމުގައި ބައިވެރިވި ގާނޫނީ ވަކީލަކާ ހަވާލާދީ ބުނެފައިވަނީ، މި ދިރާސާގައި ރިއާޔަތްކޮށްފައިވަނީ އާންމުކޮށް ލިބެންހުރި ހެކިތަކާއި ހެކިވެރިންގެ ބަޔާންތަކަށް ކަމަށާއި، މިއީ ހަގީގަތުގައިވެސް "ވަރަށް ބުރަދަންހުރި" މައްސަލައެއް ކަމަށެވެ.
"އަޅުގަނޑުމެން މިހާރު މިތިބީ ގާނޫނީ ނިޒާމު ވެއްޓިދާނެ ހިސާބުގައި. ސަބަބަކީ ބައެއް ގައުމުތަކުން... އެ މީހުންނަށް ގާނޫނީ ޒިންމާ ނެތް ކަމަށް ދެކިގެން ކަންކަން ކުރަމުންދާތީ،" ފުލުހުންގެ އިމާރާތުން ބޭރުގައި މޭންސްފީލްޑް ނޫސްވެރިންނާ ވާހަކަދައްކަމުން ބުނެފައިވެ އެވެ.
އެމެރިކާގެ ޒެޓިއޯ އޮންލައިން ނޫހާ ވާހަކަދައްކަމުން މޭންސްފީލްޑް ބުނެފައިވަނީ ދައުވާތަކުގެ ތެރޭގައި "ގިނަ އަދަދަކަށް މީހުން މެރުމާއި، ފުޅާ ދާއިރާއެއްގައި ތަންތަން ހަލާކުކުރުމާއި، އަދި ބަޔަކު އެ ސަރަހައްދުން ބޭރުކުރުން،" ހިމެނޭ ކަމަށެވެ.
މި ރިޕޯޓުގައި ބުނެފައިވަނީ ބައިނަލްއަގްވާމީ ގާނޫނުގެ ދަށުން، ބައިނަލްއަގްވާމީ ކުށްތައް ކޮށްފައިވާ މީހުން ތަހުގީގުކޮށް ދައުވާ ކުރުމުގެ ޒިންމާ އިނގިރޭސިވިލާތަށް އެޅިފައިވާ ކަމަށެވެ.
އިޒްރޭލްގެ ސިފައިންގެ ގޮތުގައި ޚިދުމަތްކުރުން އިނގިރޭސިވިލާތުގެ ސަރުކާރުން މަނާކުރަންވާނެތޯ އެއްސެވުމުން، މޭންސްފީލްޑް ބުނީ "ސަރުކާރަށް އެންގިދާނެ، އެހެން ކަންކަމުގައިވެސް އަންގާފައިވާ ފަދައިން، ސަރުކާރުގެ ނަޒަރުގައި ނުހައްގު ހަނގުރާމައެއް ކުރަމުންދާ ސިފައިންގެއަކަށް ގުޅުމަކީ ގާނޫނާ ޚިލާފު ކަމެއް ކަމަށެ"ވެ.
މޭންސްފީލްޑް އިތުރަށް ސަރުކާރުން ފިޔަވަޅު ނާޅާތީ ބުނެފައިވަނީ، ދުނިޔޭގެ ގިނަ ގައުމުތަކުން "އެއްވެސް ކަމެއް ނުކުރާ" ކަމަށާއި، އޭގެ ބަދަލުގައި އިޒްރޭލްގެ ސަރުކާރަށް އެހީތެރިވަމުންދާ ކަމަށެވެ.
ގާޒާގައި ހިންގިހަނގުރާމައިގެ ކުށްތަކަށް އިނގިރޭސިވިލާތުގެ 10 މީހެއްގެ މައްޗަށް ދައުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ