އަރުޖުން، ބޫމީ އަދި ރަކުލްގެ ފިލްމު ސްޓްރީމިންއަށް

ފެބްރުއަރީ މަހު ރިލީޒްކުރި ފިލްމު "މެރޭ ހަޒްބެންޑް ކީ ބިވީ" މާދަމާ ޖިއޯހޮޓްސްޓާގައި ސްޓްރީމްކުރަން ފަށާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. ފިލްމީ ޚަބަރުތައް ގެނެސްދޭ ޕިންކްވިލާގައި ބުނެފައިވާ ގޮތުން މި ރޮމޭންޓިކް ކޮމެޑީ ތިއޭޓަރުގައި ރިލީޒްކުރިތާ ދެ މަސް ފަހުން ސްޓްރީމިންގްއަށް ދޫކޮށްލަން ނިންމާފައިވާއިރު ސިނަމާގައި ފިލްމު ބަލާލުމުގެ ފުރުސަތު ނުލިބުނު ގިނަ ބަޔަކަށް މާދަމާއިން ފެށިގެން ފިލްމު ޖިއޯހޮޓްސްޓާ މެދުވެރިކޮށް ބަލާލެވޭނެއެވެ. ފިލްމު "މެރޭ ހަޒްބެންޑް ކީ ބިވީ" އަކީ ތިނެސްކަން ލޯބީގެ ވާހަކައަކަށް ބިނާކޮށްފައިވާ ފިލްމެކެވެ. އަރުޖުން ކަޕޫރު، ބޫމީ ޕެޑްނެކާރު އަދި ރަކުލް ޕްރީތު ސިންގްގެ އިތުރުން އަދިތިޔަ ސީލް، ޑީނޯ މޯރިއާ އަދި ހާޝް ގުޖްރާލް މި ފިލްމުގެ މުހިންމު ރޯލްތަކުން ބެލުންތެރިންނަށް ފެންނާނެއެވެ. ބަތަލާ ބޫމީ ފިލްމު "މެރޭ ހަޒްބެންޑް ކީ ބިވީ"ގެ މަންޒަރެއްގައި--ފޮޓޯ/މިޑްޑޭ މި ފިލްމަކީ، ބަތަލާ ރަކުލް ޕްރީތްގެ ފިރިމީހާ ޖެކީ ބަގްނާނީ ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވާ ފިލްމެކެވެ. ޖެކީ ބަގްނާނީގެ އާއިލީ ފިލްމު ކުންފުނި ޕޫޖާ ފިލްމްސްއިން މުދައްސަރު އަޒީޒު ޑައިރެކްޓްކޮށް ގެނެސްދިން ފިލްމެކެވެ. ފިލްމު "މެރޭ ހަޒްބެންޑް ކީ ބިވީ" ބެލި ގިނަ މީހުންނަށް ފިލްމު ކަމުދިޔައިރު ކްރިޓިކުން ފިލްމަށް ދީފައިވަނީ 4.7ގެ ރޭޓިންއެވެ. މިފަހަކަށް އައިސް ހެއްވާ މަޖާ ފިލްމުތައް ބޮލީވުޑުގައި އުފައްދާ މިންވަރު މަދުވެފައިވާތީ މިއީ އެކަން ފަޅުފިލުވާލަދިން ފިލްމެއް ކަމަށް ބައެއް މީހުން ވަނީ ބުނެފައެވެ. ފިލްމަށް ރަނގަޅު ރިވިއުތަކެއް ލިބުނުއިރު ވެސް ބޮކްސް އޮފީހުގައި ފިލްމަށް ކާމިޔާބު ކުރެވުނީ އެންމެ 12.73 ކްރޯޑު ރުޕީސްއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ