ކަނޑު ދެނެގަތުމަށާއި، އިހުތިރާމުކުރުމަށާއި، ރައްކާތެރިކުރުމުގެ އަޒުމު އާކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ގޮވާލައްވައިފި އެވެ.
ދުނިޔޭގެ ކަނޑުތަކުގެ ދުވަހާއި ގުޅިގެން ރައީސް އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެފަދަ ގައުމުތަކުގެ ކަނޑުތައް ހޫނުވެ، މަސްތަކުގެ އާބާދީތަކަށް ބަދަލު އައިސް، އަދި ގޮނޑުދޮށްތައް ވެސް ގިރަމުންދާ ކަމަށެވެ.
"މި ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގައި، އަޅުގަނޑުމެން އެންމެންނަށް ދިރިއުޅުމުގެ ގޮތްތައް ހޯދައިދޭ ކަނޑު ދެނެގަތުމަށާއި، އިހުތިރާމްކުރުމަށާއި އަދި ރައްކާތެރިކުރުމަށް އަޅުގަނޑުމެންގެ އަޒުމް އާކުރަމާ ހިންގަވާ،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ ދުނިޔޭގެ ދުޅަހެޔޮކަން ފެށެނީ ކަނޑުތަކުގެ ދުޅަހެޔޮކަމުން ކަމަށްވާއިރު، ދިވެހިރާއްޖެ ފަދަ ޖަރީޒާ ގައުމުތަކަށް ކަނޑަކީ ހަމައެކަނި ވަސީލަތެއް ނޫން ކަމަށެވެ.
މިގޮތުން ރާއްޖެފަދަ ގައުމުތަކަށް ދިރިއުޅުމުގެ ގޮތްތައް ހޯދައިދޭ މަސްވެރިކަމާއި، ފަތުރުވެރިކަމާއި އަދި އެހެނިހެން ގޮތްގޮތުން ދިރިތިބުމަށް ކަނޑުން މަގުފަހިކޮށްދޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މޫސުމަށް އަންނަ ބަދަލުތަކުން ދިފާއު ވާން ހުރިހާ ގައުމުތައް ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށާއި މޫސުމަށް އަންނަ ބަދަލުތަކަކީ މިހާރުގެ ޖީލުތަކާއި އަންނަން އޮތް ޖީލުތަކުގެ މީހުންނަށް ވެސް އޮތް އެންމެ ބޮޑު ނުރައްކާ ކަމަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އދ. ގައި ބޭއްވި "ސަމިޓް އޮފް ދަ ފިއުޗާ" ގައި ރައީސް މުއިއްޒު ވިދާޅުވެފައިވެ އެވެ.
ނަމަވެސް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު އަލް ޖަޒީރާ އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ރައީސް މުއިއްޒު ވަނީ ކަނޑުގެ ލޮނުގަނޑު އުފުލިގެން ރާއްޖެއަށް މާބޮޑު ނުރައްކަލެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.
"އެއީ އަބަދުވެސް ދައްކާ ވާހަކައެއް.... އަޅުގަނޑަކަށް ހީއެއް ނުވޭ އެއީ [ނާސާ ފަދަ ބައިނަލްއަގްވާމީ ޖަމިއްޔާތަކުގެ ރިޕޯޓުތައް] ހަގީގަތެއް ހެނެއް. މީގެ 50 އަހަރު ކުރިން ވެސް އެ ވާހަކަ ދެއްކި. ކަނޑުގެ ލޮނުގަނޑު އެހާ ބޮޑަށް އުފުލޭ މަންޒަރެއް އަޅުގަނޑުމެންނަށް ނުފެނޭ," ރައީސް އޮކްޓޯބަރު، 2023، ގައި ވިދާޅުވި އެވެ.
ކަނޑު ދެނެގަތުމަށާއި، އިހުތިރާމުކުރުމަށާއި، ރައްކާތެރިކުރުމުގެ އަޒުމު އާކުރަން ރައީސް ގޮވާލައްވައިފި ކަނޑު ދެނެގަތުމަށާއި، އިހުތިރާމުކުރުމަށާއި، ރައްކާތެރިކުރުމުގެ އަޒުމު އާކުރަން ރައީސް ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ