މިއަހަރަށް ލަފާކުރި ބަޖެޓުގައި ކަނޑައަޅާފައިވާ ގޮތަށް އާމްދަނީ ނުހޯދޭތީ ހަރަދު ކުޑަކުރަން ރާވާފައިވާ ފިޔަވަޅުތައް ވަގުތުން ވަގުތަށް އެޅުމަށް، ސަރުކާރު ހިންގާ ޕީއެންސީ އަށް ނިސްބަތްވާ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ގޮވާލެއްވި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މެންބަރަކަށް ކުރިން ހުންނެވި އަޒާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި އަަހަރުގެ ބަޖެޓުގެ ކޭޝްފްލޯ ޕްލޭންގައިވާ ގޮތުން ފެބްރުއަރީ މަހުގެ ނިޔަލަށް އާމްދަނީގެ ގޮތުގައި 9.1 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ސަރުކާރުން ލަފާކޮށްފައިވާ ކަމަށެވެ.
ނަމަވެސް އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 5.5 ބިލިއަން ރުފިޔާ ކަމަށާއި އެއީ ލަފާކުރި މިންވަރަށް ވުރެ 39.5 ޕަސެންޓުގެ ދަށްވުމެއް ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.
ހިލޭ އެހީގެ ގޮތުގައި 408 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރާއިރު، ލިބިފައިވަނީ އެންމެ 40 މިލިއަން ރުފިޔާ ކަމަށާއި ބޭރުގެ ލޯނުގެ ގޮތުގައި 664 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައި އޮތަސް، ލިބިފައި ވަނީ 300،000 ޑޮލަރު ކަމަށް އަޒާން ވިދާޅުވި އެވެ.
"މިއަހަރުގެ ބަޖެޓުގައި ހުށަހަޅާފައިވާ އަދި އައިއެމްއެފް އިން ލަފާދީފައިވާ ގޮތަށް ހަރަދު ކުޑަކުރުމުގެ ޕްރޮގްރާމްތައް ވަގުތުން ވަގުތަށް ހިންގަން ޖެހޭ،" އަޒާން ވިދާޅުވި އެވެ.
ސަރުކާރު ހިންގާ ޕާޓީގެ މެންބަރަކަށް އަޒާން ހުންނެވިޔަސް ސަރުކާރުގެ ބޭކާރު ހަރަދުތަކާއި، މާލީ ސިޔާސަތު ތަންފީޒުކުރާ ގޮތަށް ކޮމިޓީތަކުގައި ވަރަށް ބޮޑަށް އޭނާ ފާޑުވިދާޅުވެ އެވެ.
މި އަހަރުގެ ބަޖެޓުގައި ހަރަދުތައް ކުޑަކުރުމުގެ ގޮތުން ގިނަ ކަންތައްތަކެއް ކުރަން ރާވާފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ އިންޑައިރެކްޓް ސަބްސިޑީތައް އުވާލުމާއި އާސަންދަ އާއި ވެލްފެއާ ނިޒާމު ރިފޯމުކުރުމާއި ސަރުކާރު ކުންފުނިތައް ރިފޯމްކުރުމެވެ.
ހުލާސާކޮށް އިއްޔެ: ލަފާކުރި އާމްދަނީއެއް ނުހޯދުނު ހުލާސާކޮށް އިއްޔެ: ލަފާކުރި އާމްދަނީއެއް ނުހޯދުނު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ