ދޮގު މައުލޫމާތު ދީގެން ފަގީރުންގެ ދަފްތަރުގައި ޖެހިއްޖެނަމަ ހައްޖުގެ ފުރުސަތެއް ނުދޭނަން: ޝަހީމް
ދޮގު މައުލޫމާތު ދީގެން ފަގީރުންގެ ދަފްތަރުގައި ޖެހިއްޖެނަމަ އެ މީހަކަށް ހައްޖުގެ ފުރުސަތު ނުދެއްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ. ސަރުކާރުން ޚަރަދުކޮށްގެން، މި އަހަރު ހިލޭ ހައްޖަށް ފޮނުވާ 50 މީހުން ގުރުއަތުން ހޮވާފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. އޭގެ ތެރެއިން ގުރުއަތުން ހޮވުނު މީހުންތެރޭގައި ފަގީރުން ނޫން މީހުން އެބަތިބި ކަމަށް ބުނެ ބޮޑެތި ފާޑުކިޔުންތައް ދަނީ އަމާޒުވަމުންނެވެ. އެގޮތުން ތ. އަތޮޅަށް ނިސްބަތްވާ ފަގީރު ނޫން ދެމަފިރިއަކު ވެސް ފަގީރުންގެ ދަފްތަރުގައި ޖެހިގެން ހައްޖަށް ދިޔުމުގެ ފުރުސަތު ހޯދާފައިވާ ކަމަށް ތުހުމަތު ކުރެއެވެ. އެ މައްސަލައާ ގުޅިގެން މީޑިއާތަކަށް ދެއްވި މެސެޖެއްގައި ޝަހީމް ވިދާޅުވީ ސަރުކާރުގެ ޚަރަދުގައި ހައްޖަށް ދާން ފަގީރުންގެ ދަފްތަރުން ހޮވޭ މީހުން ހައްޖަށް ފޮނުވާނީ އިތުރަށް އެ މީހުންގެ ހާލަތަށް ބެލުމަށްފަހު ކަމަށެވެ. އަދި ފަގީރުންގެ ޝަރުތަށް ފެތޭކަން ކަށަވަރުކުރާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ. އެއާ ޚިލާފަށް އޮޅުވާލައިގެން މައުލޫމާތު ދީގެން ދަފްތަރުގައި ޖެހިފައިވާކަން ސާބިތު ވެއްޖެނަމަ ހައްޖުގެ ފުރުސަތު އެ މީހަކަށް ގެއްލޭނެ ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ. މި މައްސަލައަކީ މީގެ ކުރިން ވެސް އެކި ފަހަރުމަތިން ފެންމަތިވެފައިވާ މައްސަލައެކެެވެ. https://sun.mv/203568 މި އަހަރު ހިލޭ ހައްޖަށް ފޮނުވާ 50 މީހުން ކަނޑައަޅާފައިވަނީ ޒަކާތު ހައުސްގެ ފަގީރުންގެ ދަފުތަރުގެ ތެރެއިން ހިލޭ ހައްޖަށް މީހުން ފޮނުވުމާ ގުޅޭ އުސޫލުގެ ދަށުން ޝަރުތުހަމަވާ 302 މީހުންގެ މެދުގައި ގުރު ނަގައިގެންނެވެ. އިސްލާމިކް މިނިސްޓްރީން ގުރު ނަގަން އައިޑީކާޑު ނަންބަރު ބޭނުންކޮށްފައިވާއިރު، އެކަން ކޮށްފައިވަނީ އެންމެންނަށް ފެންނަ ގޮތަށެވެ. އެއްވެސް ސަބަބަކާ ހުރެ، ހައްޖު ދަތުރުގައި ބައިވެރިނުވެވޭ ހާލަތެއް ގުރުއަތުން ހޮވޭ ފަރާތަކަށް މެދުވެރިވެއްޖެނަމަ، އެމީހުންގެ ބަދަލުގައި ފޮނުވާނެ 10 މީހުން ވެސް ވަނީ ގުރުއަތުން ހޮވާފައެެވެ. ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވެރިކަމުގައި 1،000 މީހުން ހިލޭ ހައްޖަށް ފޮނުވުމަކީ އެ މަނިކުފާނުގެ ރިޔާސީ ވައުދުފުޅެކެވެ. އެ ވައުދުފުޅުގެ ދަށުން މިދިޔަ އަހަރު ވެސް 50 މީހަކު ހައްޖަށް ފޮނުވައިފައިވެއެވެ. ނަމަވެސް މިދިޔަ އަހަރު ވެސް އެގޮތަށް ހައްޖަށް ފޮނުވި މީހުންގެ ތެރޭގައި ފަގީރުން ނޫން މީހުން ހިމެނޭ ކަމަށް ބުނެ ފާޑުކިޔުންތައް އަމާޒުވިއެވެ. މީގެ ކުރިން އިސްލާމިކް މިނިސްޓަރު ޝަހީމް ވިދާޅުވީ، ކޮންމެ އަހަރެއްގެ ފަގީރުންގެ ލިސްޓަކީ އަދާހަމަކުރާ ލިސްޓެއް ކަމަށާއި، ކޮންމެ އަހަރަކު ވެސް ހައްޖަށް ފޮނުވާނީ އާ ބަޔަކު ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ