ބީއެމްއެލްއަކީ ހަގީގީ މާނައިގައިވެސް ދިވެހިންގެ ބޭންކުކަމަށް ރައީސް ސާބިތުކޮށްދެއްވައިފި: ޝުޖާޢު

ބޭންކް އޮފް މޯލްޑިވްސްއަކީ ހަގީގީ މާނައިގައިވެސް ދިވެހިންގެ ބޭންކުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސާބިތުކޮށްދެއްވައިފިކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ވިދާޅުވެއްޖެއެވެ.
މެންބަރު ޝުޖާޢު ވިދާޅުވީ ދިވެހިންގެ ބޭންކަކީ ހަގީގީ މާނައިގައިވެސް ދިވެހިންގެ ބޭންކަކަށްވާންޖެހޭ ކަމަށާއި، އެކަން ހާސިލްކުރެވޭނީ ކުޑަރަށެއް އަދި ބޮޑުރަށެއް ތަފާތުނުކޮށް މީހުން ދިރިއުޅޭ ކޮންމެ ރަށަކުން އެ ބޭންކުގެ ޚިދުމަތް ލިބިގެން ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ހއ. އަތޮޅަށް ކުރެއްވި ދަތުރުފުޅަށްފަހު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ އަތޮޅުގެ ރަށްތަކުގައި ބީއެމްއެލް އޭޓީއެމް ޚިދުމަތް ގާއިމުވެގެން ގޮސްފައިވާކަން ފާހަގަކުރެއްވިއެވެ.
ކުރިން ހއ. އަތޮޅުގެ ރަށްރަށުގެ ވިޔަފާރިވެރިންނާއި ރައްޔިތުން ބޭންކުގެ ޚިދުމަތް ހޯދަން ދާންޖެހެނީ ވެރިކަން ކުރާ ރަށް، ދިއްދޫއަށް ކަމަށާއި، މިކަމުގެ ސަބަބުން ދަތުރުފަތުރުގެ ޚަރަދުތައް ކުރަންޖެހި، ގިނަ ދަތިތައް ދިމާވަމުން އައި ކަމަށް ޝުޖާޢު ވިދާޅުވިއެވެ. ނަމަވެސް މިހާރު ރަށްރަށުގެ ކުޑަ އިގްތިސާދުގައި ހަރަކާތްތެރިވާ ހުރިހާ އެންމެންނަށްވެސް ލުއިތަކެއް ލިބިގެންގޮސްފައިވާ ކަމަށް ފާހަގަކުރެއްވިއެވެ.
"މިއީ ހަގީގަތުގައި ދިވެހިންނަށް މިވެރިކަމުން މި ހޯދައިދޭ އުފާވެރިކަމަކީ. މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ދިވެހި ލޮބުވެތި ކޮންމެ ރައްޔިތަކަށްވެސް އެމީހަކު ހުރި ފަސްގަނޑަކުން އުފާވެރިކަން ލިއްބައިދޭގޮތަކީ. އަޅުގަނޑު ގަބޫލުކުރާގޮތުގައި އަޅުގަނޑު ދާއިރާގެ ދެން ހުރި ރަށްރަށުގައިވެސް ތަރައްގީގެ މަޝްރޫއުތައް ބާރު ދުވެލީގައި މިއަހަރު ފެށިގެންދާނެ،" މެންބަރު ޝުޖާޢު ވިދާޅުވިއެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބީއެމްއެލްގެ އޭޓީއެމް ބަހައްޓައި، އެ ބޭންކުގެ ޚިދުމަތް ފެށުމަށް ސަރުކާރުން ވަނީ "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" ގެ ނަމުގައި ހާއްސަ މަޝްރޫއެއް ފަށްޓަވާފައެވެ. މިއަހަރަކީ ކޮންމެ ދިވެއްސަކަށްވެސް ހިތްހަމަޖެހުމާއި އުފާވެރިކަން ލިބިގެންދާނެ އަހަރަކަށް ވެގެންދާނެ ކަމަށް މެންބަރު ޝުޖާޢު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ