ބިންހެލުމާ ގުޅިގެން ރައީސްގެ ތައުޒިޔާގެ މެސެޖެއް ތައިލެންޑަށް

މިޔަންމާއާއި ތައިލެންޑަށް އައި ބިންހެލުމާ ގުޅިގެން، ރައީސް ޑރ. މުޙައްމަދު މުއިއްޒު ތައިލެންޑުގެ ބޮޑުވަޒީރު ޕެޓޮންޓާން ޝިނަވަޓްރައަށް ތައުޒިޔާ ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުން ބުނީ، ރައީސް ފޮނުއްވި މެސެޖުގައި، ބިންހެލުމުގައި މަރުވި މީހުންގެ އާއިލާތަކާއި ގެއްލުން ލިބުނު މީހުންގެ ހާލަތާ މެދު ހިތާމަފާޅުކުރައްވާފައިވާ ކަމަށެވެ. އަދި އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން، ގެދޮރު ގެއްލުނު މީހުންނަށް ވެސް ވީހާ ވެސް އަވަހަށް ހައްލެއް ލިބޭނެ ކަމުގެ އުއްމީދު އެ މަނިކުފާނު ފާޅުކުރެއްވިއެވެ. މީގެ އިތުރުން، މި ދަނޑިވަޅުގައި ދިވެހީން ތައިލެންޑުގެ ރައްޔިތުންނާއެކު ތިބި ކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ގައުމު އާރާސްތު ކުރުމުގެ މަސައްކަތްތައް ރަނގަޅަށް ކުރިއަށްގެންދެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް އެ މަނިކުފާނުގެ މެސެޖުގައިވެއެވެ. މިޔަންމާ ގަޑިން 12:50ހާއިރު، 7.7 މެގްނިޓިއުޑުގައި އައި ބިންހެލުމުގެ އަސަރު ކައިރީ ގިނަ ގައުމުތަކަށް ކުރިއިރު، ތައިލެންޑުގެ ވެރިރަށް ބެންކޮކަށް ވެސް ވަރަށް ބޮޑަށް ކުރިއެވެ. ގިނަ އަދަދެއްގެ ދިވެހީން އުޅޭ ބެންކޮކްގައި، ބިންހެލުމުގެ ސަބަބުން އިމާރާތްތަކަށް ގުޑުން އަރައި، ބައެއް އިމާރާތްތައް ވެއްޓިފައިވެއެވެ. އެ ދެ ގައުމުން އެންމެ ފަހުން އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން، ބިންހެލުމުގެ ސަބަބުން މިހާތަނަށް މިޔަންމާއިން 144 މީހަކު މަރުވެފައިވާއިރު، ތައިލެންޑުން ނުވަ މީހަކު މަރުވެފައިވެއެވެ. https://sun.mv/204163 ރާއްޖޭގެ ފޮރިން މިނިސްޓްރީން ވަނީ އެ ހާދިސާގައި ދެ ގައުމުން ވެސް އެއްވެސް ދިވެއްސަކަށް ގެއްލުމެއް ވެފައިވާ ކަމުގެ ރިޕޯޓު މިހާތަނަށް ލިބިފައިނުވާ ކަމަށް ބުނެފައެވެ. އަދި އެހީއެއް ބޭނުންވާ ދިވެއްސަކު ހުރި ނަމަ ތައިލެންޑުގެ އެމްބަސީއަށް ނުވަތަ ފޮރިން މިނިސްޓްރީއަށް ގުޅުމަށް ވަނީ އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ