ކުރީ ސަރުކާރުން ފެށި 'ގެދޮރުވެރިޔާ' ސްކީމްގެ ދަށުން ދޫކުރި 4،000 ފްލެޓު ލިބޭ މީހުންގެ ލިސްޓް މުރާޖާ ކުރުމަށް ފަހު މި ރޯދަމަސް ފެށެން ގާތްވެފައި އޮއްވާ ނެރުނު ލިސްޓަށް ޝަކުވާ ހުށަހެޅުމަށް އެހީތެރިވުމަށް ސިޓީ ކައުންސިލުން ނިންމާފައިވާއިރު، އެހީތެރިކަން ފޯރުކޮށްދިނުމަށް ކަނޑައެޅި މުއްދަތު މިއަދު އިތުރުކޮށްފިއެވެ.
ސިޓީ ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މިއަދުން ފެށިގެން އެޕްރީލް 15 ވަނަ ދުވަހުގެ ނިޔަލަށް ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ސިޓީ ކައުންސިލުގެ އާންމު ހިދުމަތްތަކާ ބެހޭ ބައިގައި މި މަސައްކަތް ކުރިއަށް ދާނެ ކަމަށެވެ.
ފުރަތަމަ ސިޓީ ކައުންސިލުން އެހީތެރިކަން ފޯރުކޮށްދޭން ނިންމާފައި ވަނީ މި މަހުގެ 11 ވަނަ ދުވަހުން ފެށިގެން މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް މި މުއްދަތު އޭޕްރީލް 15 އަށް އިތުރުކޮށްފައިވާއިރު މިއީ ފްލެޓަށް ޝަކުވާ ހުށަހަޅަން ދީފައިވާ މުއްދަތު ހަމަވާ ތާރީހުވެސް މެއެވެ.
ސިޓީ ކައުންސިލުން ބުނީ މި ދުވަސްތަކުގައި ހެނދުނު 10:00 އިން މެންދުރު 2:30 އަށް އަދި ރޭގަނޑު 9:30 އިން 11:00 ހިދުމަތް ދޭނެ ކަމަށެވެ. އަދި އަންނަ މަހުގެ 6 ވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހުގެ ނިޔަލަށް ހިދުމަތް ލިބިގެންދާނީ ހެނދުނު 09:00 އިން 16:00 އަށް، އަދި ރޭގަނޑު 21:00 އިން 23:00 އަށް ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު ނެރުނު 4000 ފްލެޓް ލިބޭ މީހުންގެ ލިސްޓުން ޝަރުތު ހަމަވާ ކަމަށް އޮތީ 1820 މީހުންނެވެ. އޭގެ ތެރޭގައި ތިން ކޮޓަރީގެ ފްލެޓް ލިބޭ ކަމަށް ޝަރުތު ހަމަވަނީ 1،423 މީހެކެވެ. އަދި ދެ ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވަނީ 397 މީހެކެވެ.
މި ފްލެޓު ލިސްޓަށް ޕޮއިންޓު ދިނުމުގައި އަމަލުކޮށްފައިވާ ގޮތާއި ގުޅިގެން ގިނަ ބަޔަކު ނުރުހުން ފާޅުކޮށްފައިވާއިރު، ލިސްޓުގައި 2،695 މީހެއްގެ ފޯމު ޝަރުތު ހަމަނުވާ ކަމަށް، އަދި 424 މީހެއްގެ ޕޮއިންޓުތަކަށް އައި ބަދަލާ އެކު ފްލެޓް ލިބޭ މީހުންގެ ލިސްޓުން އުނިކޮށްފައި ވެއެވެ.
މިކަމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ފްލެޓް ލިބޭ މީހުންގެ ލިސްޓަށް ޒައްރެއްގެ މިންވަރު ގެ ނުފޫޒެއް ވެސް ފޯރުވާފައި ނުވާނެ ކަމަށާއި، މިއީ ނުފޫޒުން އެއްކިބާވެގެން ނެރެފައިވާ ލިސްޓެއްކަން ފާހަގަކުރައްވާފައެވެ.
ފްލެޓު ލިސްޓަށް ޝަކުވާ ހުށަހެޅުން: ސިޓީ ކައުންސިލުން އެހީތެރިކަން ފޯރުކޮށްދޭ މުއްދަތު އިތުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ