ބީބީސީއަކީ ޔަހޫދީ މަހުޖަނުން ކޮންޓްރޯލްކުރާ މީޑިއާއެއް: ޕެޓިޝަން
ލަންޑަން (3 ޖުލައި 2025) : ބްރިޓިޝް ބްރޯޑްކާސްޓިން ކޯޕަރޭޝަން (ބީބީސީ) އަކީ އިސްރާއީލަށް ވާގިވެރިވާ ޔަހޫދީ ޒަޔަނިސްޓް މަހުޖަނުން ކޮންޓްރޯލްކުރާ މީޑިއާއެއް ކަމަށާއި ބީބީސީއަކީ މިނިވަން ނޫސްވެރިކަން ނެތް އިސްރާއީލު ކޮޅަށްޖެހި ހުސްވެފައިވާ މީޑިއާއެއްކަމަށް ބުނެ ނޫސްވެރިންނާއި މީޑިއާގެ ދާއިރާއާބެހޭ އެތައް ސަތޭކަ ބަޔަކު އެކަމާބެހޭ ލިޔުމެއްގައި ސޮއިކޮށްފިއެވެ. މި ލިޔުމުގައި ސޮއިކުރި މީޑީއާ ދާއިރާގެ މީހުންގެ ތެރޭގައި ބީބީސީގައި މަސައްކަތްކުރާ 100 އަށް ވުރެގިނަ މީހުންވެސް ހިމެނެއެވެ. އެތައް ސަތޭކަ ބަޔަކު ސޮއިކޮށްފައިވާ މި ލިޔުން ބުނާގޮތުން ބީބީސީން މަސައްކަތް ކުރަނީ ނޫސްވެރިކަމުގެ ފަންނީ ސްޓޭންޑަޑްތައް ބޮލާލައި ޖެހުމަށްފަހު އިސްރާއީލުގެ އަނިޔާވެރިކަން ފޮރުވުމަށާއި އިސްރާއީލުގެ ސިޔާސީ އަދި އަސްކަރީ މަގުސަދުތައް ޕްރޮމޯޓް ކުރުމަށެވެ. ޣައްޒާގެ ހަތިޔާރު ނެތް އާންމުންނާ ދެކޮޅަށް ކޮންމެ ދުވަހަކު އިސްރާއީލު ހިންގަމުން ގެންދާ ގަތުލުއާންމުތަކުގެ ހަގީގަތް ގެނަސްދިނުމުގެ ބަދަލުގައި ބީބީސީން ޚަބަރާއި މައުލޫމާތާ އަދި އެނަލިސިސް ފަތުރަނީ އިސްރާއީލުގެ އަނިޔާވެރިކަން ފޮރުވުމަށެވެ. ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތަކީ އިސްތިއުމާރާ ދެކޮޅަށް މަސައްކަތްކުރާ ފްރީޑަމް ފައިޓާއިންގެ ބަދަލުގައި އެ މީހުންނަކީ ޓެރަރިސްޓުން ކަމުގައި ދެއްކުމަށެވެ. އަދި އިސްރާއީލުން ޣައްޒާގެ އާންމުން މަރަނީ ސަބަބުތަކެއް ހުރެގެން ކަމަށެވެ. އިސްރާއީލުން ޣައްޒާގެ ހުރިހާ ހޮސްޕިޓަލްތަކެއް ބޮންއަޅައިގެން ފުނޑާލައި ޑޮކްޓަރުންނާއި ނަރުހުންނާއި ބަލި މީހުންގެ އެތައް ސަތޭކަ ބަޔަކު ގަސްދުގައި މަރާލީވެސް ސަބަބުތަކެއް ހުރެގެންކަމުގައެވެ. އެއީ ހަމާސްގެ ބިންގަރާސްތައް އެ ހޮސްޕިޓަލްތަކުގެ އަޑީގައިވާތީ ކަމަށް ބުނެ އިސްރާއީލު ހަދާ ދޮގުތައް ބީބީސީން ޕްރޮމޯޓްކުރާކަމުގައެވެ. އިސްރާއީލުން ޣައްޒާގެ ހަތިޔާރުނެތް ކުޑަކުދިންނާއި އަންހެނުން ގަސްދުގައި ބަނޑަށް ޖައްސައި ހައިހޫނުކަމުގައި ބައިތިއްބާ މައްސަލައާ އަދި ހައިހޫނުކަމުގައި ތިބޭ މީހުން ކާބޯތަކެތި ބަހާ ތަންތަނަށް ގޮސް ކިޔުޖެހިގެން ތިއްބައި އެ މީހުންގެ ގަޔަށް އިސްރާއީލު ސިފައިން ބަޑިޖަހައި ކޮންމެ ދުވަހަކު 90 އިން 100 އިން މީހުން މަރައި ގަތުލުއާންމުތައް ހިންގަމުން ގެންދާ ވާހަކަތައް ބީބީސީން ގެންނަނީ އޮޅުވާލައިގެން އެކަމުގެ ހަގީގަތް ގެއްލޭގޮތަށްކަމަށް ވެސް ބުނެފައިވެއެވެ. މި ގޮތުން އިސްރާއީލު ހިންގާ ޖަރީމާތަކުގެ ހަގީގަތް ބީބީސީން ބުނެނުދެނީ އިސްރާއީލުގެ ނުފޫޒާއެކު ގަސްދުގައި ކަމަށްވެސް މި ސިޓީގައި ފާހަގަކޮށްފައިވެއެވެ. ބީބީސީ ގެ އިތުރުން އެމެރިކާއާއި ޔޫރަޕްގެ އެނޫންވެސް މީޑިއާ ތަކަކީ ޔަހޫދީ ޒަޔަނިސްޓް މަހުޖަނުން ކޮންޓްރޯލްކުރާ މީޑިއާ ތަކެއްކަމަށް ރިޕޯޓްތައް ބުނާއިރު މިކަން މުހައްލިލުންވެސް ވަރަށް ބޮޑަށް ފާހަގަ ކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ