އައު ޓާމިނަލް ހުޅުވި ރަސްމިއްޔާތުގައި ރައީސްގެ ޝުކުރު ޔާމީނަށާއި ޞާލިޙަށް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އައު ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޝުކުރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙަށް ދަންނަވައިފިއެވެ. މި ޓާމިނަލްގެ މަސައްކަތް ފެއްޓެވީ ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައެވެ. އަދި ނިމިދިޔަ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ވެރިކަމުގައި ވެސް ޓާމިނަލްގެ ޑިޒައިނަށް ބަދަލުތައް ގެންނަވައި ގިނަ މަސައްކަތްތަކެއް ކުރެއްވެވިއެވެ. އެ މަސައްކަތް ނިންމައި ހުޅުވާފައި މިވަނީ ރައީސް މުއިއްޒުގެ ސަރުކާރުން ކުރެއްވި މަސައްކަތްތަކަށް ފަހުގައެވެ. ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާ ގުޅުވައި، ދިވެހީންގެ ފޮނި އުންމީދުތަކާ ގުޅިފައިވާ ވީއައިއޭގެ އައު ޓާމިނަލް މިރޭ ހުޅުވީ ކުލަގަދަ ރަސްމިއްޔާތެއްގައި ޑްރޯން ޝޯއަކާއި، ހަވާއެރުވުމާއެކުއެވެ. އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް މުއިއްޒު ވިދާޅުވީ އެ މަސައްކަތް ކާމިޔާބުވުމުގެ ފަހަތުގައި ވަނީ އެތައް ބައެއްގެ ބުރަ މަސައްކަތް ކަމަށެވެ. އެގޮތުން މި ސަރުކާރު އައިސް ޓާމިނަލްގެ މަސައްކަތާ ހަވާލުވީއިރު އެ ހިސާބަށް ޓާމިނަލް ގެނައުމުގައި ދެ ސަރުކާރެއްގެ ބުރަ މަސައްކަތް ހިމެނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި މަސައްކަތް ފެށިގެން އައީ ރައީސް ޔާމީނުގެ ވެރިކަމުގައި ކަމަށްވާތީ އެ މަނިކުފާނަށާއި، އެއަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ޞާލިޙުގެ ވެރިކަމުގައި ކަމަށްވާތީ، މި ދެ ރައީސުންނަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން، ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ދެ ސަރުކާރަށް ފަހު، އެ މަނިކުފާނުގެ ސަރުކާރުން 2023ވަނަ އަހަރު ހަވާލުވި ހިސާބުން އެ މަސައްކަތުގައި ޝާމިލުވި ހުރިހާ އެންމެން ގުޅިގެން އެ މަސައްކަތް ނުކުރިނަމަ އަދި އިތުރު ދޮޅު އަހަރަށް ލަސްވީސް ކަމަށް ރައީސް ވިދާޅުވިއެވެ. ފާހަގަކޮށްލެވޭ ގޮތުގައި އައު ޓާމިނަލް ހުޅުވުމުގެ ވާހަކަދެވެން ފެށީންސުރެ، މި ސަރުކާރުން އުޅެނީ އެކަމުގެ 'ކްރެޑިޓް' ނަގަން ކަމަށް ބުނެ ގިނަ ވާހަކަތަކެއް ދެކެވުނެވެ. އެކަމާ ގުޅިގެން ރައީސް މުއިއްޒު ވަނީ އާ އިންޓަނޭޝަނަލް ޓާމިނަލް މަސައްކަތުގެ ކްރެޑިޓް ނަންގަވަން އުޅުއްވުމަކީ "ކުޑަކުދިން އުޅޭ ގޮތެއް" ކަމަށް ވިދާޅުވެ އެ ވާހަކަތަކަށް ރައްދުވެސް ދެއްވައިފައެވެ. ރައީސް މިފަދައިން ވިދާޅުވެފައިވަނީ އާ ޓާމިނަލްގެ މަސައްކަތުގައި ރައީސް މުއިއްޒުގެ 10 ޕަސެންޓު ހިއްސާ ވެސް ނެތް ކަމަށާއި ކުރީގެ ރައީސް ޞާލިޙް ޓާމިނަލަށް ބަދަލު ގެނައުމުގެ ނަމުގައި 300 މިލިއަން ޑޮލަރު އިތުރުކުރީ ކޮރަޕްޝަން ހިންގަން ކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން ވިދާޅުވެފައި ވަނިކޮށެވެ. ފާހަގަކުރެވޭ ގޮތުގައި އާ ޓާމިނަލް ނިންމުމުގެ ކްރެޑިޓް، ސަރުކާރަށް ތާއީދުކުރާ މީހުން ދެނީ ރައީސް މުއިއްޒަށެވެ. އެއީ އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެން އަވަސް ދުވެލީގައި މަސައްކަތް ނިންމައިދެއްވީ ކަމަށް ބުނެއެވެ. https://sun.mv/209066 ނަމަވެސް، މިދިޔަ އެމްޑީޕީ ސަރުކާރުގެ ވެރިންނާއި، ކުރީގެ ރައީސް ޞާލިހަށް ތާއީދުކުރާ މީހުން އާ ޓާމިނަލްގެ ކްރެޑިޓް ދެނީ މިިދިޔަ ސަރުކާރަށެވެ. އެގޮތުން، އެ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ، މިހާރު ފެންނަ އާ ޓާމިނަލްގެ އެތެރެއާއި ބޭރުގެ ހުރިހާ ރީތިކަމަކަށް ކްރެޑިޓް ލިބޭނީ ޞާލިހަށް ކަމަށެވެ. ސަބަބަކީ ޔާމީންގެ ވެރިކަމުގައި ޓާމިނަލްގެ ބޭރު ޑިޒައިން ހުރީ "ކޮންޓެއިނަރެއް"ހެން ކަމަށާއި، ރާއްޖޭގެ މައި އެއް ބިނާގައި އެ ސިފަ ހުރުން ކަމުނުދިޔުމުން ޞާލިހު އެ ޑިޒައިން ބަދަލުކުރެއްވީ ކަމަށެވެ. ދެހާސް ސޯޅަވަނަ އަހަރު ވީއައިއޭގެ އާ ޓާމިނަލްގެ މަސައްކަތް ސައޫދީ ފަންޑުގެ ދަށުން އެ ގައުމުގެ ބިން ލާދިން ކުންފުންޏާ ހަވާލުކުރީ ޔާމީންގެ ސަރުކާރުގައެވެ. އޭގެ ފަހުން ޞާލިހުގެ ސަރުކާރުގައި ވެސް އާ ޓާމިނަލްގެ މަޝްރޫއު ކުރިއަށް ގެންގޮސްފައިވެއެވެ. އެކަމަކު އެ މަނިކުފާނުގެ ވެރިކަމުގައި ޓާމިނަލްގެ މަޝްރޫއު ކުރިއަށް ގެންދިޔައީ އިމާރާތުގެ ފަރުމާއަށް ބަދަލު ގެނައުމަށް ފަހުގައެވެ. ވީއައިއޭގެ އާ ޓާމިނަލް، އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ގޮތަށް ފަރުމާކޮށް، މި މަހުގެ 26 ވަނަ ދުވަހު ހުޅުވަން އެމްއޭސީއެލުން އަންނަނީ ތައްޔާރުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ