ތިބާ ދުނިޔެއަށް އުފަންކުރެއްވެވުންވެސް އަންގައިދެނީ ﷲ ތަޢާލާގެ ޙަޟްރަތުގައި ތިބާގެ ޚާއްޞަކަން ބޮޑު މިންވަރުކަމާ އެކަން އެނގޭ ސަބަބު އެނގޭތަ؟!

ކޮންމެ އިންށާނަކު ދުނިޔެއަށް އުފަންކުރައްވަވަނީ ﷲ ތަޢާލާއެވެ. މައަކާއި ބަފައަކު މެދުވެރިކުރައްވަވައެވެ. އެކަމުގައި ހިނގާ ޚާއްޞަ ކަންތައްތައް މިއަދު އެބުނެދެނީ ދީނީ ޢިލްމްވެރިންނެއް ނޫނެވެ. ސައިންސްވެރިންނެވެ. ވީމާ އަޑުއަހާށެވެ.
އަހުރެމެންނަށް ދުނިޔެއަށް އުފަންވެވުމުން އެއީ ﷲ ތަޢާލާ ތިމާއަށް ދެއްވެވި ކިހައި ބޮޑު ނިޢުމަތެއް ކަމާއިމެދު ވިސްނައިލެވޭ ހެއްޔެވެ؟ ދުނިޔެއަށް އައުދެވޭ ގޮތާއިމެދު ވިސްނައިލެވޭ ހެއްޔެވެ؟ ދުނިޔެއަށް އުފަންވުމުގެ ނަޞީބުލިބޭ ގޮތާއިމެދު ސައިންސްވެރިންގެ ބަހަށް ވިސްނައިލަމާހެއްޔެވެ؟
ސައިންސްވެރިން ބުނަނީ ޞިއްހަތު ރަނގަޅު ފިރިހެނެއްގެ ގުނަވަނުން ފަހަރަކު ބޭރުވާ މަނީގައި 400 މިލިއަން ސްޕާމް (ފަނި) ހިމެނޭކަމަށެވެ. އަހަރެމެންގެ ތެރެއިން ކޮންމެ މީހަކީ އެ 400 މިލިއަން ފަނީގެ ތެރެއިން އެންމެ ފަންޏެއް ކަމަށެވެ. ދުނިޔެއަށް އައުމުގެ ނަޞީބު ލިބުނު ހަމައެކަނި ފަންޏެވެ.
ވިސްނައިލަންވީ މައިމީހާގެ ބަނޑުގައި އަށަގަތްގޮތާއިމެދުގައެވެ. ތިމާގެ ހުރި ނިކަމެތިކަމާއިމެދުގައެވެ. އެއްވެސް ބާރެއް ނެތްކަމާއިމެދުގައެވެ. ލޮލަށް ނުވެސް ފެންނަ ކުޑަކުޑަ ފަންޏަކުން އުފެދުނުއިރު އަތެއްފައެއް ލޮލެއް ބޮލެއް ކަންފަތެއް އެއްވެސް ގުނަވަނެއް ނެތްކަމެވެ.
މިއަދު ފުރިހަމަ އިންސާނެއްގެ ގޮތުގައި ދުނިޔޭގައި އުޅެމުންގެންދާއިރު މިބަޔާންކުރި ކަންކަމަށް ވިސްނައިނުލާނަމަ އެމީހާއަށް ﷲ ތަޢާލާ ދެއްވެވި ސިކުނޑީގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ ވިސްނުމުގެބާރު ދެއްވެވި ސަބަބާއިމެދު ވިސްނައިލި ނަމަވެސް މިބަޔާންކުރި ކަންކަން އެނގިގެންދާނެއެވެ.
ﷲ ތަޢާލާ ތިބާ އުފައްދަވައި ހުރިހާ ނިޢްމަތްތައް މިންވަރުކުރެއްވެވުމުން ޝުކުރުވެރިނުވެވޭނަމަ ތިބާގެ ކިބައިގައި އެންމެ ކުޑަމިނުން އިންސާނިއްޔަތުކަންވެސް ނެތީ ނޫންހެއްޔެވެ؟ އިންސާނާގެ ކިބައިގައި އިންސާނިއްޔަތުކަން ހުރުމަކީ ފުރަތަމަކަމެއްގެ ގޮތުންވެސް ތިމާއަށް އިންސާނެއްގެ ދަރަޖަ ދެއްވެވި ﷲ ތަޢާލާއަށް ޝުކުރުވެރިވެ ކިޔަމަންތެރިވުން ނޫންހެއްޔެވެ؟
ތިމާ އުފެދުނުގޮތާއިމެދު މިބުނިމަގުން ވިސްނައިލުމުން ތިމާގެ ނިކަމެތިކަން އިޙްޞާޞްކުރެވޭނެއެވެ. މަރުވާނެކަމާއި މަރުވުމުން ތިމާގެ އެއްވެސް އަމިއްލަބާރެއް ތިމާގެ އެއްވެސް ކަމަކަށް ނުއޮންނާނެކަމާއިމެދު ވިސްނައިލުމުން ދުނިޔޭގައި ހުރެވޭއިރު ﷲ ތަޢާލާއަށް ބިރުވެތިވެ ކިޔަމަންތެރިކަން އަދާކުރަންޖެހޭ މިންވަރު ވަޒަންކުރެވޭނެއެވެ. އެކަންކަން ވަޒަން ނުކުރެވި ﷲ ތަޢާލާއަށް ބިރުވެތި ނުވެވޭނެއެވެ. ﷲ ތަޢާލާއަށް ބިރުވެތިނުވެވި ދުނިޔެވެސް އާޚިރަތްވެސް ކާމިޔާބެއް ނުކުރެވޭނެއެވެ!
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ