24 ގަޑިއިރު ތެރޭ އެންމެ ގިނައިން ވާރޭ ވެހުނީ ހަނިމާދުއަށް، މިއަދުވެސް އެކި ހިސާބުތަކަށް ވިއްސާރަކުރާނެ: މެޓް
ވޭތުވެދިޔަ 24 ގަޑިއިރުތެރޭ އެންމެ ގިނައިން ވާރޭވެހިފައި ވަނީ ހދ. ހަނިމާދުއަށްކަން މޫސުމާބެހޭ ގައުމީ އިދާރާ، މެޓް އޮފީހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރާގައި އެކި ހިސާބުތަކަށް ދަނީ މޫސުން ގޯސްވުމުގެ ސަބަބުން ބޯކޮށް ވާރޭ ވެހެމުންނެވެ. މެޓް އޮފީހުން މިއަދުގެ މޫސުން ލަފާކުރި ގޮތުގައި އުތުރާއި ދެކުނުގެ އެކި ހިސާބުތަކަށް ވިއްސާރަކުރުމާއެކު ގުގުރާނެއެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި، މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެކަމަށް ވަނީ ލަފާކޮށްފައެވެ. ހަމައެއާއެކު އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން، އެހެން ހިސާބުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓުން ބުންޏެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް އެ އޮފީހުން ބުންޏެވެ. ކަނޑުގަދަ ދުވަހެއްގައި ދޯންޏެއް ދަތުރުކުރަނީ -- ސަން ފޮޓޯ/ އިބްރާހިމް ނާއިޝް ނަމަވެސް ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި، ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ރާޅުގެ އުސްމިން ހުންނާނީ ތިން ފޫޓާއި ފަސް ފޫޓާ ދެމެދަށް ކަމަށް އެ އޮފީހުން ބުންޏެވެ. ތަފާސްހިސާބުތަކަށް ބަލާއިރު އިއްޔެގެ ހެނދުނު 08:00އިން ފެށިގެން މިއަދުގެ ހެނދުނު 08:00އާ ދޭތެރޭ އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ ހަނިމާދުއަށެވެ. އެގޮތުން އެ ރަށަށް 40.8 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައެވެ. ދެން އެންމެ ގިނައިން ވާރޭ ވެހުނީ ނ. މާފަރަށެވެ. އެ ރަށަށް ވަނީ 29 މިލިމީޓަރުގެ ވާރޭ ވެހިފައެވެ. ތިންވަނައަށް އެންމެ ގިނައިން ގދ. ކާޑެއްދޫއަށް ވެހުނުއިރު އެ ރަށަށް ވަނީ 21 މިލިމީޓަރުގެ ވާރޭ ވެހިފައެވެ. މޫސުން ގޯސްނަމަ، މޫސުމަށް ސަމާލުވެ ކަނޑުދަތުރުތައް ކުރާއިރު ވެސް މޫސުމަށް ބަލައި ދަތުރުތައް ރާވަން މެޓުން އަބަދުވެސް އިލްތިމާސްކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ