އެފްއޭއެމަށް ގެއްލިފައި އޮތް އިތުބާރު އަލުން ހޯދާނަން: ތޯރިގު އެފްއޭއެމަށް ގެއްލިފައި އޮތް އިތުބާރު އަލުން ހޯދާނަން: ތޯރިގު

ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ދިވެހިންގެ އިތުބާރު ވަރަށް ބޮޑަށް ގެއްލިފައިވާ ކަމަށާއި، އެކަމަކު، އިއްޔެ އެފްއޭއެމާ ހަވާލުވި އިންތިހާބީ ކޮމިޓީ އިން އެ އިތުބާރު އަލުން ހޯދާނެ ކަމަށް އެފްއޭއެމްގެ އާ ރައީސް އަހުމަދު ތޯރިގް (ޓޮމް) ވިދާޅުވެއްޖެ އެވެ.
އިއްޔެ ބޭއްވި އެފްއޭއެމްގެ އިންތިހާބީ ކޮންގްރެސްގައި ނެގުނު ވޯޓުން ޓީމުތަކުގެ ފުރިހަމަ އަގުލަބިއްޔަތާ އެކު، ތޯރިގު ވަނީ، ދެ ވަނަ ފަަހަރަށް، އެފްއޭއެމްގެ ރައީސް ކަމަށް އިންތިހާބުވެފަ އެވެ.
"އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި އެފްއޭއެމްގެ ރައީސް ތޯރިގު ވިދާޅުވީ، އެފްއޭއެމްގެ މިހާރުގެ ހާލަތަކީ އެސޯސިއޭޝަނެއް ދާނެ އެންމެ "ވިޔާނުދާ" ހާލަތައް ގޮސްފައި އޮތުން ކަމަށެވެ. އަދި، އެފްއޭއެމް އަށް މިވަގުތު ކުޅުންތެރިންނާ، އާންމުން އަދި ކުންފުނިތަކުން ވެސް އިތުބާރު ނުކުރާ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވަމުން އަންނަ ތޯރިގު ވިދާޅުވި އެވެ.
އެކަމަކު، ސަޕޯޓަރުންގެ އުންމީދާއި ސްޕޮންސަރުންގެ އިތުބާރު ހޯދަން އެފްއޭއެމްގެ އާ ހިންގާ ކޮމިޓީ އިން ތެދުވެރިކަމާއެކު މަސައްކަތް ކުރައްވާނެ ކަމަށް ތޯރިގު ޔަގީންކަން ދެއްވި އެވެ.
"އަޅުގަނޑަށް ފާހަގަކުރެވެނީ އެފްއޭއެމް ނުވަތަ، ކުންފުންޏެއް ވިޔަސް ދާނެ އެންމެ ވިޔާނުދާތަނަށް ގޮސްފަ މިއޮތީ. އެއީ ދަރަނިވެރިވެގެން ގޮސްފަ އޮތުން. އެ ތަނަކާ ދޭތެރޭ އިތުބާރު ގެއްލިފައި އޮތުން. އަދި ކުޅުންތެރިންނާ ކޮމިއުނިޓީ އެއްކޮށް އިތުބާރު ގެއްލިފައި އޮތުން. ނަމަވެސް އެ އިތުބާރާ އަދި ސްޕޮންސަރުންގެ އުންމީދާ، ސަޕޯޓަރުންގެ އުންމީދު ހޯދޭނެ އިތުބާރު ހޯދިއްޖިއްޔާއާ." ގައުމީ ޓީމުގެ ކުރީގެ ފޯވާޑް، ތޯރިގު ވިދާޅުވި އެވެ.
މިދިޔަ ދެ ދައުރު އެފްއޭއެމްގެ ރައީސަކަށް ހުންނެވި ބައްސާމް އަދީލް ޖަލީލްގެ ލީޑަޝިޕުން މިދިޔަ އަހަރުތަކުގައި ކަންތައްތައް ކޮށްފައިވާ ގޮތުން، ފުޓްބޯޅައިގެ ސްޕޮންސަރުން ދުވަހުން ދުވަހަށް ވަނީ މަދުވެފަ އެވެ. އެފްއޭއެމް އިން ފައިސާ ދޭން ޖެހޭ ގިނަ ފަރާތްތަކެއްގެ މައްސަލަ ކޯޓުގައި އޮތްއިރު، އެ އިދާރާގެ ޖުމްލަ ދަރަނި 100 މިލިއަނަށް ވުރެ އިތުރު ކަމަށް މައުލޫމާތު ލިިބިފައިވެ އެވެ.
މީގެ ކުރިން، 2016 ވަނަ އަހަރު ހަތަރު ވަރަކަށް މަސް ދުވަހު އެފްއޭއެމްގެ ރައީސަކަށް ހުންނެވި، ތޯރިގު ވިދާޅުވީ، ކުރިއަށް އޮތް އަހަރުގައި އެފްއޭއެމްގެ ހިންގުން ކުރިއަށްދާނީ ދަރަނިތައް ބަރާބަރަށް ދައްކައި، މުބާރާތްތައް ބަރާބަރަށް ނިންމަމުން ކަމަށެވެ.
"ސްޕޮންސަރުންގެ އުންމީދު ހޯދޭނެ އަޅުގަނޑުމެން ތެދުވެރިކަމާއެކު މަސައްކަތް ކޮށްފިއްޔާ. އަޅުގަނޑުމެންދާނީ ދަރަނިތައް ވެސް ދައްކަމުން ނުވަތަ އެކަމަށްވެސް ޓެކުލް ކުރަމުން. އަޅުގަނޑުމެން އިއުލާންކުރާ މުބާރާތްތައް ބަރާބަރަށް ނިންމަމުން ގެއްދެވޭނެކަމަށް ފުރަތަމަ ސީޒަން ތެރޭގައިވެސް." ތޯރިގު ވިދާޅުވި އެވެ.
އެ ގޮތުން، އެފްއޭއެމުން މުބާރާތެއް ފަށައިފިނަމަ ނިންމުމުގެ ޓާގެޓެއް އޮންނަން ޖެހޭނެ ކަމަށާއި، މިދިޔަ އަހަރުތަކުގައި އެފްއޭއެމް އިން ބޭއްވި މުބާރާތްތައް ގޮސްފައި ހުރީ އެ ގޮތަކަށް ނޫންކަން ތޯރިގު ފާހަގަކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ