އޮޑި ސްޓްރީޓް ސޮކާ ތިމަރަފުށީގެ ޗެމްޕިއަންކަން ކަންމައްޗަށް އޮޑި ސްޓްރީޓް ސޮކާ ތިމަރަފުށީގެ ޗެމްޕިއަންކަން ކަންމައްޗަށް

ތ. ތިމަރަފުށީގައި ކުރިއަށްދިޔަ އޮޑި ސްޓްރީޓް ސޮކާ މުބާރާތުގެ ޗެމްޕިއަންކަން، ކަންމަތި ސްޕޯޓްސް ކްލަބް އިން ހޯދައިފި އެވެ.
ރޭ ކުޅުނު ފައިނަލް މެޗުގައި، ކަންމަތިން ވަނީ ގަލްފް ސްޕޯޓްސް ކްލަބްގެ މައްޗަށް ކުރިހޯދައިފަ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި، 0-0 އިން އެއްވަރުވެފައި އޮތުމުން، ޕެނަލްޓީ ޖަހަން ޖެހުނެވެ. ޕެނަލްޓީގައި، ކަންމަތި މޮޅުވީ، 2-1 އިންނެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ، ކަންމަތި ޓީމުގެ މުހައްމަދު ޝާހިލް އެވެ. އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި، ކަންމަތީގެ އަޒްޔާން އާއި ޝާހިލްގެ އިތުރުން ހިމެނެނީ، ގަލްފްގެ ހާޒިމް ފައުޒީ އާއި ހުސެއިން އަލީ (އަޗޭ) އެެވެ.
ޖުމްލަ އެކު، 12 ޓީމަކާ އެކު މި މުބާރާތް ކުޅެފައިވަނީ، މީގެ 10 އަހަރު ކުރިން ތިމަރަފުށީގައި ހުޅުވި، މެޓް ފުޓްސަލް ދަނޑުގަ އެވެ. މި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި ވަނީ އެކި ގޮތްގޮތުން އެހީތެރިވި ފަރާތްތަކުގެ އަގުވަޒަންކޮށްފަ އެވެ.
އޮޑި ސްޓްރީޓްސް ސޮކާ މުބާޜާތަކީ، މި ގޮތަށް ތިމަރަފުށީގައި ކުރިއަށްގެންދިޔަ މި ފަދަ ފުރަތަމަ މުބާރާތެވެ. މީގެ ކުރިން، އެ ރަށުގައި، އެކި ލެވަލްގައި ގިނަ މުބާރާތްތަކެއް ކުރިއަށްގެންގޮސްފައިވެ އެވެ.
ތިމަރަފުށި އަކީ ރާއްޖޭގައި ފުޓްސަލްގެ އެންމެ ކާމިޔާބު ރަށެވެ. އެ ރަށުން ވަނީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް ތިން ފަހަރު ކާމިޔާބު ކޮށްފަ އެވެ. އެއާއެކު އެ ރަށް ވެގެން ގޮސްފައިވަނީ މި މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބު ކުރުމުގެ ޝަރަފު އޮތް ރަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ