ރިނބުދޫ މީހުން ހިޖުރަކުރުން: 20 އަހަރު ކުރިން ވެސް ތުލުސްދޫ އިން ދެއްކީ މިސާލެއް

ހދ. ހިރިމަރަދޫ މީހުން އެހެން ރަށަކަށް ބަދަލުވާން ބޭނުންވުމުން، އެކަމަށް އެންމެ ފުރަތަމަ އިޖާބަދިނީ، ކ. ތުލުސްދޫ އިންނެވެ. ކައިރީގައި ގިނަ ރަށްތަކެއް އޮތް ނަމަވެސް، މާދުރުގައި އޮތް އަތޮޅެއްގެ، މާދުރުގައި އޮތް ރަށަކުން އެކަމަށް އިސް ނެގީ، އާބާދީ ބޮޑުވުމުން ވާނެ ފަސޭހަ ވަޒަން ކުރެވިފައި އޮތުމުންނެވެ.
އެކަމަކު ބީރައްޓެހިންތަކަކަށް އަމިއްލަ ހިޔާވަހި ދީގެން، މީގެ 20 އަހަރު ކުރިން ވެސް ތުލުސްދުއިން ވަނީ ހަމަ އެ ނަމޫނާ ދައްކައިފަ އެވެ.
މުޅި ރާއްޖެއަށް ސިހުން ގެނުވި، ސުންނާފަތިކަން ބޮޑު 2004ގެ ސުނާމީއިން ދ. ރިނބުދޫއަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އެކަމުން އަރައިގަނެ، އާ ދިރިއުޅުމެއް ފެށުމަށް ސަރުކާރުން ހުޅުވާލި ފުރުސަތުގައި ރިނބުދޫ ރައްޔިތުންނަށް މަރުހަބާ ކިޔަން ބޭނުންވި އެންމެ ފުރަތަމަ ރަށްތަކުގެ ތެރޭގައި ތުލުސްދޫ ހިމެނުނެވެ. އެއާއެކު އެ ރަށުގެ ތިން ބައި ކުޅަ ދެބައި މީހުން ތުލުސްދުއަށް ހިޖުރަ ކުރިތާ އިއްޔެ 20 އަހަރު ފުރުނީ އެވެ.
އެ ހަނދާންތައް އާ ކުރައްވަމުން، ތުލުސްދޫ ކައުންސިލްގެ މެމްބަރު މުހައްމަދު ޝަހީމް ވިދާޅުވި ގޮތުގައި 300އަށް ވުރެ ގިނަ މީހުންނާ އެކު، އެ ރަށުން ކީ ހޫނު މަރުހަބާ އެކެވެ. ލޯންޗާއި ދޯނި ފަހަރުގައި ރިނބުދޫ މީހުން، އައުމުން އެ މީހުންގެ އިސްތިގްބާލުގައި މުޅި ރައްޔިތުން އަތިރިމައްޗަށް ނުކުމެ ތިއްބެވެ. މަރުހަބާގެ ސަގާފީ ނެށުންތައް ހުށަހަޅައިދިނެވެ. 
ރިނބުދޫ މީހުން އަންނަން ވާއިރަށް، އެ ރަށުގެ، މިފްކޯގެ މަސް ސެންޓަރު ކައިރީ ވަގުތީ ހިޔާތައް އެޅި އެވެ. އަދި އިތުރަށް ހިޔާވަހިކަން ބޭނުންވާ މީހުންނަށް ރަށުގެ އިޖްތިމާއީ މަރުކަޒު ހަމަޖައްސައިދިނެވެ. ރަށުގައި ރައްޔިތުން ހިންގަމުން ދިޔަ ކާޑުގެއިން ހިލޭ ތިން ބާވަތުގެ ކާޑު ރިނބުދޫ މީހުންނަށް ދިނެވެ.
"ވަރަށް އެކުވެރިކަމާ އެކު ހުރިހާ ކަމެއް ހިނގައިގަތީ،" ޝަހީމް ވިދާޅުވި އެވެ.
ސަރުކާރުގެ އެހީގައި ރިނބުދޫ މީހުން ގެއަޅައި، އާ ގެތަކުގައި ދިރިއުޅެން ފަށައިގަނެވޭވަރުވީ، ރަށަށް ބަދަލުވިތާ ދޮޅު އަހަރު ފަހުންނެވެ. އެއީ އޭރު، ތުލުސްދޫގެ އާއްމުން އުޅޭ ސަރަަހައްދާ ތަންކޮޅެއް ދުރެ އެވެ. އެކަމަކު ރަށުގެ ބިމުގެ ދަތިކަން އޮތްގޮތުން، ދުރުގައި ގެތައް އަޅަން ޖެހުނީ ކަމަށް ޝަހީމް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އޭރު ވެރިންގެ ވެސް ވިސްނުން ހުރީ، އެންމެން އެކުގައި އުޅެވޭނެ ގޮތަށް، ކައިރީގައި ގެތައް އެޅުމަށެވެ.
އާ މެހެމާނުން ރަށަށް ހިޖުރަކުރިތާ ގިނަ ދުވަސްތަކެއް ނުވެ، އޭގެ ނަތީޖާ ފެންނަން ފެށި ކަމަށް ޝަހީމް ވިދާޅުވި އެވެ. ރައްޔިތުންނަށް ގޮވާލާ ކޮންމެ ފަހަރަކު، ބޮޑު އާބާދީއެއް ނުކުންނަން ފެށި އެވެ. ރަށުގެ ތަރައްގީގެ މަސައްކަތުގައި އިތުރު އަތްތަކަކާއި އެހީތެރިކަމެއް ލިބުނެވެ. ނަތީޖާއެއްގެ ގޮތުން، އެކި ގޮތްގޮތުން ރަށް ތަރައްގީވާން ފެށި ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް އެއްވެސް ވަރަކަށް އިހުސާސެއް ނުކުރެވޭ އެއީ ރަށުން ބޭރުން އައިސް ތިބި ބައެއް ކަމަށް. އެހާ ވެސް އެކުވެރިކަމާއި ގާތްކަން އޮތް،" ޝަހީމް ވިދާޅުވި އެވެ.
މިހާރު ވެސް ތުލުސްދޫގެ ވިސްނުން ބަދަލެއް ނުވެ އެވެ. އެ މީހުން ބޭނުންވަނީ އިތުރު ގިނަ ރަށްރަށުން އަދިވެސް މީހުން އެ ރަށުގައި އާބާދުވާށެވެ. އާބާދީ ކުޑަވެ، ހއ. ހިރިމަރަދޫން މީހުން ފައިބަން ބޭނުންވުމުން، އެ ރަށުގެ މީހުންނަށް ވެސް އެ ފުރުސަތު ހުޅުވާލި އެވެ. މ. ރަތްމަންދޫން މީހުން ބަދަލުވާން ބޭނުން ވުމުން، އެ މީހުންނަށް ވެސް އެ ފުރުސަތު ދިނެވެ.
އެކަމަކު ހިރިމަރަދޫ މީހުން އެންމެ ފަހުން ބަދަލުވީ، ކައިރީގައި އޮތް އެ އަތޮޅު ހަނިމާދުއަށެވެ. ރަތްމަންދޫ މީހުންނާ މެދު އަދި ގޮތެއް ނުނިންމަ އެވެ.
ތުލުސްދޫން ދެކޭގޮތުގައި، މިހާރު 1،800 މީހުންގެ އާބާދީއެއް އޮތް އެ ރަށުގައި ކުރިއަށް ދާނެ ފުރުސަތުތައް އެބަހުއްޓެވެ. ރަށުގައި ލޯކަލް ޓޫރިޒަމްގެ ފުރުސަތުތައް ފުޅާވަމުންދާއިރު، އެހެން ގޮތްގޮތުން ވެސް ރަށްދަނީ ތަރައްގީވަމުންނެވެ. އެހެންވެ، ތުލުސްދޫއަކީ މުސްތަގްބަލެއް އޮތް ރަށެއް ކަމަށް އެރަށުގެ ވެރިން ގަބޫލު ކުރެ އެވެ.
"މިރަށުގެ އާބާދީ އަދިވެސް އަޅުގަނޑުމެންނަށް މަދު. ކޮންމެ ރަށަކުން އަޔަސް އަޅުގަނޑުމެން އެ މީހުންނަށް މަރުހަބާ ކިޔާނަން." ޝަހީމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ