ޖޭމީ ލީ އެކްޓިިން ދޫކޮށްލަނީ

ހޮލޮވީން ފަދަ ހޮލީވުޑްގެ ކްލެސިކް ފްރެންޗައިޒްއިން ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދި އޭ ލިސްޓު ތަރި ޖޭމީ ލީ ކާޓިސް އެކްޓިން ދޫކޮށްލަން ނިންމައިފިއެވެ. އުމުރުން 66 އަހަރުގެ އެކްޓަރު ދާދި ފަހުން އިނގިރޭސިވިލާތުގެ ނޫހެއް ކަމަށްވާ "ގާޑިއަން"އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ފިލްމީ ދާއިރާއިން މިހާރު ދުރަށް ދިޔުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން، ވަރަށް ގަޔާވެގެން ފެންނަ ޕްރޮޖެކްޓެއް ނޫނިއްޔާ މިހާރު ނަގަން ބޭނުންނުވާ ކަމަށް އޭނާ ފާހަގަކުރިއެވެ. އޭނާ ބުނި ގޮތުގައި ފިލްމީ ދާއިރާގައި މިހާރު ހާސިލުކުރަން ބޭނުންވާ ގޯލުތައް އޭނާއަށް ހާސިލުކުރެވިއްޖެ ކަމަށް ގަބޫލުކުރެއެވެ. އެހެންވީމާ މިހާރު ދާއިރާގެ މުއްދަތު ހަމަވީ ކަމަށް އޭނާ ފާހަގަކުރިއެވެ. ޖޭމީ އެންމެ ފުރަތަމަ އެކްޓިންއަށް ނުކުތީ 1977 ވަނަ އަހަރެވެ. އޭރު އޭނާގެ އުމުރުން 19 އަހަރެވެ. އޭނާ އެކްޓިން ފެށީ އެ ދުވަސްވަރު ދެއްކި ޓީވީ ޝޯތަކުންނެވެ. ނަމަވެސް، މާ ގިނަ ދުވަސްތަކެއް ނުވެ ބޮޑެތި ޑައިރެކްޓަރުންނަށް އޭނާގެ ހުނަރު ފެނި ފިލްމުތަކުން ޖާގަ ދޭން ފެށިއެވެ. އެއާއެކު އޭނާ ފެނުނީ "ހޮލޮވީން" ފްރެންޗައިޒްއިންނެވެ. މިއީ އެންމެ މަގުބޫލު ބިރުވެރި ފިލްމު ފްރެންޗައިޒްތަކުގެ ތެރޭގައި ހިމެނޭ ފިލްމެކެވެ. އެއަށް ފަހު އޭނާ ވަނީ އެކި ޖޯންރާތަކުގެ ފިލްމުތަކުން ފެނިގެން ގޮސްފައެވެ. އަދި، 2021 ވަނަ އަހަރު ނެރުނު ސައިފައި ފިލްމު "އެވްރިތިން އެވްރިވެއާ އޯލް އެޓް ވަންސް"އިން އޭނާއަށް ވަނީ އޮސްކާގެ އެންމެ މޮޅު ސަޕޯޓިން އެވޯޑު ލިބިފައެވެ. އަދި، މި އަހަރުގެ އެމީ އެވޯޑުގައި ބޮޑު ރޯލަކަށް އޭނާ ވަނީ ނޮމިނޭޓްވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ