އެއާޕޯޓު ޓެކްސީ ކިއޫގައި އެތައް އިރަކު މަޑުކުރަން ޖެހުމުގެ ޝަކުވާ ބޮޑުވެއްޖެ

މި ފަހުން އާ ޓާމިނަލެއް ހުޅުވައި ބޮޑެތި ބަދަލުތަކެއް ގެނައި, ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ޓެކްސީ ކިއޫގައި އެތައް އިރަކު މަޑުކުރަންޖެހޭކަމުގެ ޝަކުވާ ބޮޑުވެއްޖެއެވެ. އެއާޕޯޓު ޓެކްސީ ކިއޫ އޮންނަނީ އިންޓަނޭޝަނަލް ޓާމިނަލް ކުރިމަތީ އޮންނަ ވޯކްވޭގައެވެ. ސޯޝަލް މީޑިއާގައި މިއަދު ހެނދުނުގެ ވަގުތުގައި މީހަކު ހިއްސާކުރި ވީޑިއޯއެއްގައި ޓެކްސީ ކިއޫގައި އެތައް މީހުނެއް ފިތި ބާރުވެފައި ތިއްބެވެ. ވާރޭ ކޮންމެވެސް ވަރަކަށް ވެހޭ އެ ވަގުތުގައި އެތައް ލަގެޖަކާއެކު ދަތުރުވެރިން ތިބިކަން އެ ވީޑިއޯއިން އެނގެއެވެ. https://x.com/afraamv/status/1950156331815751745 ތިމާވެށި ހިމާޔަތް ކުރުމާއި ސްކައުޓް ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ, މައީދު ޒާހިރު, މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިގޮތުގައި އެއާޕޯޓް ޓެކްސީ ލައިން އިންތިޒާމް ކުރުމުގައި އިތުރަށް ވިސްނަން ޖެހެއެވެ. އެގޮތުން 30 މިނެޓް ކިޔޫގައި ނުޖެހި ޓެކްސީ ލިބޭނެ އިންތިޒާމެއް ހަމަޖެއްސެން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. https://x.com/maeed/status/1950455587038515376 'ސަން' އާ ވާހަކަދެއްކި ޓެކްސީ ކުރާ މީހަކު ބުނި ގޮތުގައި އެއާޕޯޓުގެ ޓެކްސީ ކިއޫ ދިގުވެ، އެތައް އިރަކު ކާރުތަކަށް ވެސް ގާތް ނުވެވިފައި އޮންނަންޖެހެއެވެ. އެއީ އެވަގުތުތަކުގައި ވެސް އިންޖީނު ޖައްސައިގެން އޮތުމުން ބޭކާރު ވެގެންދާ ތެލުގެ ޚަރަދު ކަމަށާއި، ހަމައެހެންމެ ޓެކްސީ ޑްރައިވަރުންގެ ވެސް ވަރަށް ވަގުތު ކަމަށް ބުނެ އޭނާ ވަނީ ނުރުހުން ފާޅުކޮށްފައެވެ. މީގެ ކުރިން ވެސް އެއާޕޯޓު ބާރުބޮޑުވެ، ޓެކްސީތަކަށް ގިނައިރު މަޑުކުރަންޖެހުމުން އެކި ޓެކްސީ ފީގެ ގޮތުގައި ބޮޑެތި އަގު ނަގާ މައްސަލަ ވެސް ދިމާވެފައި އެބަހުއްޓެވެ. އެއާޕޯޓުގެ ކިއޫ ދިގުވުމާ ގުޅިގެން 'ސަން'އިން ސުވާލުކުރުމުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެމް)އިން ބުނީ، ބާރުބޮޑު ވަގުތުތަކުގައި އަބަދުވެސް އެގޮތަށް ކިއޫ ބޮޑުވާކަން ފާހަގަކުރެވޭ ކަމަށެވެ. ނަމަވެސް އެގޮތަށް ދިމާވަނީ ވަކި މަގެއް ބަންދުކޮށްގެނެއް ނޫން ކަމަށް އެމްއޭސީއެލްއިން ބުންޏެވެ. ނަމަވެސް އެކަން ހައްލުކުރުމުގެ ގޮތުން، ފިޔަވަޅު އަޅާނެ ކަމަށާއި، ޓެކްސީ ކިއޫ މެނޭޖްކުރުމަށް މިހާރު ވެސް އެއާޕޯޓް ސެކިއުރިޓީ ހަރަކާތްތެރިވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އާއްމުގޮތެއްގައި އެއާޕޯޓުގެ ސެކިއުރިޓީ ބަލަހައްޓަނީ ފުލުހުންނާއި، ސިފައިންގެ އިތުރުން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ އޮފިސަރުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ