ލަންކާގެ 'މޯސްޓް ވޯންޓެޑް' މީހާ އިންޑޮނޭޝިއާއިން ހައްޔަރުކޮށްފި

ސްރީ ލަންކާގެ ސަލާމަތީ ބާރުތަކުން ހޯދަމުން އަންނަ، 'މޯސްޓް ވޯންޓެޑް'ގެ ގޮތުގައި ސިފަކޮށްފައިވާ ފަސް މީހަކު އިންޑޮނެޝިއާގެ ވެރިރަށް ޖަކާޓާއިން ހައްޔަރުކޮށްފިއެވެ. އެ ފަސް މީހުން ހައްޔަރުކުރީ އިންޑިއާގެ އިންޓެލިޖެންސާއި ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ) އާއި އިންޓަޕޯލާއި އިންޑޮނޭޝިއާ ޕޮލިސް ގުޅިގެން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައެވެ. ޕެރޭރާއާއެކު ފަސް ފިރިހެނުންނާއި އަންހެނަކު ހައްޔަރުކުރިއިރު އޭގެ ތެރެއިން ފަސް ފިރިހެނުންނަށް އިންޓަޕޯލުން އޮތީ ރެޑް ނޯޓިސް ނެރެފައެވެ. އެ އެންމެން ވެސް ހައްޔަރުކުރީ، ގިނަ ބައެއްގެ މަރާއި މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅޭ ތުހުމަތުތަކުގައެވެ. އޭގެ ތެރޭގައި ހިމެނޭ ފިރިހެނުންނަކީ މަންދިނު ޕަދްމަސިރި ޕެރޭރާ (ކެލެހެލްބަދާރާ ޕަދްމީ), ކޮމާންޑޯ ސަލިންޑާ، ބަކޯ ސަމަން، ޕަނަދުރާ ނިލަންގަ އަދި ތެމްބިލީ ލަހިރޫ އެވެ. އެކަމާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާންމު ސަލާމަތާބެހޭ ވަޒީރު، އަނަންދާ ވިޖެޕާލާ ވިދާޅުވީ ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި އެމީހުން ލަންކާއަށް ގެންދާނެ ކަމަށެވެ. "މިއީ ލަންކާގެ ތާރީޚުގައި ކުށުގެ ތުހުމަތުވާ މިހާ ގިނަ މީހުން ގައުމުން ބޭރުން ހައްޔަރު ކުރި ފުރަތަމަ ފަހަރު." ޕަބްލިކް ސެކިއުރިޓީ މިނިސްޓްރީގެ ސެކްރެޓަރީ ރަވީ ސެނެވިރަތުނޭ ވިދާޅުވިއެވެ. މީގެ އިތުރުން ވިޖެޕާލާ ވަނީ، ބައެއް ކުށްވެރިންނަށް ސިޔާސީ އިސް މީހުން ހިމާޔަތް ދޭ ކަމަށް ތުހުމަތު ކުރައްވައި، އެއްވެސް މީހަކީ ގާނޫނަށް ވުރެ މަތީގައި ހުންނަ މީހެއް ނޫން ކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، ރާވައިގެން ހިންގާ ކުށްތަކާ ގުޅޭ މައްސަލަތައް އަވަސް ކުރުމަށް ވަރަށް އަވަހަށް ޚާއްސަ ކޯޓެއް ގާއިމް ކުރާނެ ކަމަށެވެ. އަދި މީގެ ކުރިން ވެސް ގާތްގަނޑަކަށް 75 މީހަކަށް ރެޑް ވޯރެންޓް ނެރެފައިވާއިރު، މިހާރު ވެސް 20 އަށް ވުރެ ގިނަ މީހުން އެމީހުންގެ ގައުމުތަކަށް ފޮނުވާލާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އެ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ، ދުބާއީ، އޮމާން، ރަޝިޔާ، އަދި ފްރާންސް ފަދަ ގައުމުތަކުގައި ލަންކާގެ އަންޑަވޯލްޑް ނެޓްވޯކްތައް ހިންގަމުން އަންނަ ކަމަށާއި އެ މީހުންނާ ދެކޮޅަށް ވެސް ފިޔަވަޅު އަޅަމުންދާ ކަމަށް ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ