ޗެލްސީއަށް ދުނިޔޭގެ ޗެމްޕިއަންކަން، ޕީއެސްޖީއަށް ބޮޑު ލަދެއް

ޕީއެސްޖީ އޮތީ އެހެން ޓީމަކަށް އަތްލެވޭ ވަރަށް ވުރެ މާ ކުރީގަ އެވެ. ޕީއެސްޖީއެއް ނުހުއްޓުވޭނެ އެވެ. ބަޔާން މިޔުނިކް އާއި ރެއާލް މެޑްރިޑަށް ހަދާލި ގޮތް ބަލާށެވެ.
މިއީ ރޭ އެމެރިކާގައި އޮތް ކްލަބް ވޯލްޑް ކަޕްގެ ފައިނަލް މެޗުގެ ކުރިން އެތައް ބަޔަކު ދެއްކި ވާހަކަ އެވެ. ހާއްސަކޮށް އިނގިރޭސި ޕްރިމިއަ ލީގުގައި މިދިއަ ސީޒަންގެ ހަތަރު ވަނާގައި އޮތް ޗެލްސީއަށް ޕީއެސްޖީ ހުއްޓުވޭނެ ގޮތެއް ބައެއް މީހުންނަކަށް ނުވިސްނުނެވެ.
ނަމަވެސް މެޓްލައިފް ސްޓޭޑިއަމްގައި، 81،000 މީހުންގެ ކުރިމަތީގައި ޗެލްސީން ވަނީ ފުރަތަމަ ހާފުގައި ޕީއެސްޖީ މައިތިރިކޮށް އެންމެން ހައިރާންކޮށްލައިފަ އެވެ. މެޗުގެ 22 އާއި 30 ވަނަ މިނިޓްގައި އެޓޭކިން މިޑްފީލްޑަރު ކޯލް ޕާމާ، ވާތު ފައިން ގޯލުގެ އަރިމަތިން ކަނަށް ވައްދާލި ރީތި ދެ ލަނޑުން ފުދުނެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ޕާމާގެ ޕާހަކުން ޔާއޯ ޕެޑްރޯ ލަނޑެއް ޖަހައި، 3-0 އިން ޕީއެސްޖީގެ 'ދުވަސް ދުއްވާލި' އެވެ.
ކްލަބް ވޯލްޑް ކަޕަށް ފީފާއިން ގެނައި އާ ބަދަލާ އެކު ކުޅުނު ފުރަތަމަ މުބާރާތުގެ ފައިނަލް މެޗުގެ ކުޅުން ވަރުގަދަ އެވެ. ނަމަވެސް ޗެމްޕިއަންސް ލީގުގެ ފައިނަލްގައި އިންޓަ މިލާން 5-0އިން ބަލިކޮށް އަދި މި މުބާރާތުގައި ވެސް ދުނިޔޭގެ ބޮޑެތި ކްލަބްތަކުގެ މައްޗަށް ހޯދި ފަސޭހަ މޮޅުތަކާ އެކު ޕީއެސްޖީއާ މެދު ކުރި އުއްމީދާ އެއްފެންވަރުގެ ވާދައެއް ވެސް ޗެލްސީ ކައިރީގައި ނުދެއްކުނެވެ.
މިއީ ބޮޑު ބަދަލެއް ގެނެސްފައި އޮތް ޗެލްސީގެ ކުރިމަގަށް އެޅި ވަރަށް މުހިންމު ފިޔަވަޅެކެވެ. ކްލަބްގެ މިހާރުގެ ވެރިން އޮއްސަމުން އަންނަ އެތަައް ސަތޭކަ މިލިއަން ޑޮލަރުން ކާމިޔާބު ޓީމެއް އުފެއްދޭކަމުގެ ވެސް ހެއްކެކެވެ.
ކްލަބް ވޯލްޑް ކަޕްގެ ޗެމްޕިއަންކަމާ އެކު ޗެލްސީއަށް 125 މިލިއަން ޑޮލަރު (1.9 ބިލިއަން ރުފިޔާ) ލިބޭނެ އެވެ. އެއީ ޗެމްޕިއަނުންނަށް ކަނޑައެޅި 40 މިލިއަން ޑޮލަރު (616 މިލިއަން ރުފިޔާ) އާއި ބޯނަސްގެ ގޮތުގައި ލިބޭ 85 މިލިއަން ޑޮލަރު (1.3 ބިލިއަން ރުފިޔާ) އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ