ޓިކްޓޮކް ތަރި ހުނޫ ދޫކޮށްލި އަމުރު ހައި ކޯޓުން ބާތިލް ކޮށްފި
މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ދައުވާ އުފުލާފައިވާ، ފިލްމީ ތަރި ހުނޭސާ އާދަމް ނަސީރު (ހުނޫ) ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައި ކޯޓުން މިއަދު ބާތިލްކޮށްފިއެވެ. ހުނޫ ދޫކޮށްލާފައި ވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު ބޭއްވި ބަންދު މުރާޖައާ ކުރުމުގެ އަޑުއެހުމުގައެވެ. އެ ނިންމުން ކްރިމިނަލް ކޯޓުން ނިންމާފައިވަނީ، ފެނުނު މަސްތުވާތަކެއްޗާ އޭނާއާ ގުޅުވޭނެ ހެއްކެއް ނެތުމުންނެވެ. ކްރިމިނަލް ކޯޓުން ހުނޫ ދޫކޮށްލުމަށް ކުރި އަމުރު ދައުލަތުގެ ފަރާތުން މި މަހުގެ ދެވަނަ ދުވަހު ވަނީ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައެވެ. ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލުމަށް ކުރި އަމަރުގައި ވަނީ މަސްތުވާތަކެތި ފެނުނު ތަނަކީ އޭނާ ދިރިއުޅޭ ތަނަށް ނުވުމާއި، ފެނުނު ތަކެތީގެ ޒިންމާ އެހެން މީހަކު ފެށުނީއްސުރެ ނަގާފައިވާކަން ފާހަގަކޮށްފައެވެ. އަދި، އެ ތަކެއްޗާ ހުނޫއާ ގުޅުވޭނެ އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާކަން ވެސް ކޯޓުން ފާހަގަ ކޮށްފައިވެއެވެ. އެ މައްސަލަ ދައުލަތުން އިސްތިއުނާފު ކުރި މައްސަލަ ބެލުމަށްފަހު ހައި ކޯޓުން މިއަދު ނިންމީ މަސްތުވާތަކެތި ފެނުނީ ހުނޫ ދިރިއުޅޭ ގެއިން ނޫން ނަމަވެސް އެ ތަކެއްޗާ އޭނާއާ ގުޅުވާލެވޭނެ ހެކިތައް އެބަހުރި ކަމަށެވެ. ހުނޫ ކުރި ކަމަށް ތުހުމަތު ކުރެވެނީ ޖިނާއީ ބޮޑު ކުށަކަށްވާއިރު އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަައުއަށް ގެއްލުންވެދާނެ ކަމަށް ބެލުމުގެ ފުރުސަތު އެބަ އޮތް ކަމަށް ހައި ކޯޓުން ބުނެފައިވެއެވެ. އެ މައްސަލައިގައި ދައުލަތުން ހައި ކޯޓުގައި އެދިފައިވަނީ ހުނޫ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްދިނުމަށެވެ. ނަމަވެސް އެފަދަ އަމުރެއް ކޯޓުން ނުނެރެއެވެ. ހުނޫ ބަންދުގައި ބަހައްޓަން ބޭނުން ވާނަމަ އެކަމަށް އެދި ކްރިމިނަލް ކޯޓަށް ހުށަހެޅިދާނެ ކަމަށް ހައި ކޯޓުގެ ހުކުމްގައިވެއެވެ. ހުނޫގެ މައްޗަށް ދައުވާ އުފުލީ މިދިޔަ މާޗް މަހުގެ 28 ވަނަ ދުވަހު އޭނަ އާއި އޭނާގެ ލޯބިވެރިޔާ މާލޭގައި ތިބި ގެއަކުން މަސްތުވާތަކެތި ފެނުނު މައްސަލައިގައެވެ. އޭނާގެ މައްޗަށް އުފުލާފައި ވަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އާއި ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާގެ އިތުރުން މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ޓްރެފިކްކުރުމުގެ ދައުވާއެވެ. އެ މައްސަލައިގައި ހުނޫގެ ލޯބިވެރިޔާއާއި އިތުރު އެހެން މީހަކަށް ވެސް ދައުވާކޮށްފައިވެއެވެ. ހުނޫއަކީ ޓިކްޓޮކްގައި މަޝްހޫރުކަން ހޯދާފައިވާ މީހެކެވެ. އިންސްޓަގްރާމްގައި އޭނާގެ 25،000އަށް ވުރެ ގިނަ ފޮލޯވަރުން ތިބެއެވެ. ޑާކްރެއިންގެ ގިނަ ފިލްމުތަކުން ފެނިފައިވާ ހުނޫ ހައްޔަރުކުރިއިރު ވެސް އޭނާ ދިޔައީ ބައެއް ފިލްމުތަކުގެ މަސައްކަތް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ