ދެ ދުވަސް ތެރޭ ނަގާނެކަމަށް ބުނި ނަމަވެސް، މޫސުން ގޯސްވުމުގެ ސަބަބުން ޕްލެޓްފޯމް ނުނެގުން

ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރަނިކޮށް މި މަހުގެ 16ވަނަ ދުވަހު ވިލިމާލެ ފަރަށް އެރި ޕްލެޓްފޯމް ދެ ދުވަސްތެރޭ ނަގާނެކަމުގެ ޔަގީންކަން މިދިޔަ އަންގާރަ ދުވަހު އެ މަސައްކަތްކުރާ އިންޑިއާގެ އެފްކޮންސް ކުންފުނިން, އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އަށް ދިން ނަމަވެސް، މޫސުން ގޯސްވުމުގެ ސަބަބުން ދިން މުހުލަތަށް ޕްލެޓްފޯމް ނުނެގި ލަސްވެއްޖެއެވެ. އެފްކޮންސް އިން ބުނީ ދެދުވަސް ތެރޭ ޕްލެޓްފޯމް ނުނެގުނީ މޫސުން ގޯސްވުމުގެ ސަބަބުންކަމަށެވެ. އަދި މޫސުން ރަނގަޅުވިހާ އަވަހަކަށް ޕްލެޓްފޯމް ނަގާނެކަމަށް އެ ކުންފުނިން ބުންޏެވެ. ބްރިޖް ޕްލެޓްފޯމް އެތަނުން ނެގުމަށް އެކަށީގެންވާ ވަަރަށް މަސައްކަތް ކުރާކަމަށް ގަބޫލުނުކުރެވޭކަމަށް ބުނެ މިދިޔަ ހޯމަ ދުވަހު ސޭވް ދަ ބީޗް މޯލްޑިވްސް އާއި ވިލިމާލޭގެ ޖަމިއްޔާއެއްކަމަށްވާ ވިލިޖޯލިން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން އެ ދެ ޖަމިއްޔާ ގުޅިގެން ނެރުނު ބަޔާނެއްގައި ވަނީ ކަމާބެހޭ އިދާރާތަކުން އެކަމަށް މިހާރަށްވުރެ ޚާއްސަ ސަމާލުކަމެއް ދީގެން އެކަން އަވަސް ކުރެވޭނެ ގޮތެއް ހޯދުން މުހިންމު ކަމަށެވެ. އަދި މިއަދު އަހަންމިއްޔަތުކަން ދޭންވީ ޖޫރިމަނާކުރުމަށް ވުރެ ފަރަށް ލިބިދާނެ ގެއްލުން މަދުކުރުމަށް ކަމަށް ވެސް އެ ބަޔާނުގައިވެއެވެ. "ރާއްޖޭގައި މިކަހަލަ މަސައްކަތް ކޮށްއުޅޭ އެކަމަށް ގާބިލު ތަޖުރިބާކާރު މީހުން ތިބިކަމުގައި އަޅުގަނޑުމެން ގަބޫލުކުރަމެވެ. އަދި މިވަރުގެ ޕްރޮޖެކްޓް ހިންގަނީނަމަ މިވަރުގެ މަސައްކަތް ކުރެވޭނެ ސާމާނާއި ތަކެތި ހުންނަންވަނޭކަމުގައި ވެސް އަޅުގަނޑުމެން ގަބޫލުކުރަމެވެ،" އެ ބަޔާނުގައި ވެއެވެ. މީގެއިތުރުން ފަރަށް ލިބުނު ގެއްލުމުގެ އެސެސްމަންޓް ރަނގަޅަށް ހަދައި އެ ހޯދުންތައް ރައްޔިތުންނާ ހިއްސާކުރުމަށް އެ ދެ ޖަމިއްޔާއިން ވަނީ ގޮވާލާފައެވެ. ވިލިމާލެ ފަރަށް އެރި ޕްލެޓްފޯމް ނަގަން އެކަށީގެންވާ މަސައްކަތެއް ނުކުރާކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަޙުމަދު އުޝާމް ވެސް ވަނީ މިދިޔަ ހޯމަ ދުވަހު މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވާފައެވެ. މައްސަލަ ހުށަހަޅުއްވަމުން މެންބަރު އުޝާމް ވިދާޅުވީ ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރުމަށްޓަކައި ބޭނުންކުރާ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އަރައި ވިލިމާލޭ ފަރަށް ބޮޑެތި ގެއްލުންތަކެއް ވަމުން އަންނައިރު އެ ހާދިސާއަށް އެއް ހަފުތާވުމާ ގާތްވެފައިވާ ކަމަށެވެ. ނަމަވެސް މިހާތަނަށް ވެސް އެ ޕްލެޓްފޯމް ނެގުމަށްޓަކައި އެ ބްރިޖުގެ މަސައްކަތް ކުރާ ކުންފުނިން ވެސް އަދި ސަރުކާރުގެ އިދާރާތަކުން ވެސް އެކަށީގެންވާ މަސައްކަތްތަކެއް ކުރަމުން ނުދާ ކަމަށް އޭނާ ވިދާޅުވިއެވެ. މިކަމާ ގުޅިގެން އީޕީއޭއިން ބުނީ ޕްލެޓްފޯމް ފުންކުރުމުން ފަރަށް ލިބުނު ގެއްލުމުގެ ދިރާސާއެއް ކުރާނެ ކަމަށެވެ. ބްރިޖް ފްލެޓްފޯމް ފުންކުރުމުގެ މަސައްކަތް ލަސްވާތީ އާންމުން އެކަމުގެ ކަންބޮޑުވުން އިންތިހާއަށް ސޯޝަލް މީޑިއާގައި ފާޅުކުރަމުންދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ