ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ޕީޖީ އޮފީހުން އަނބުރާ ގެންދިއުމާ ގުޅިގެން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އޭނާ އަށް މަރުހަބާ ދަންނަވައިފިއެވެ.
ގާސިމް ޓްވީޓެެއް ކުރައްވައި އަލީ ވަހީދަށް ވަރަށް ބޮޑަށް ވެދުމާއި މަރުހަބާ ދަންނަވާ ކަމަށް ވަނީ ވިދާޅުވެފައެވެ.
އަލީ ވަހީދަކީ ޖޭޕީގެ ކުރީގެ ރައީސްގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. ނަމަވެސް އޭނާގެ މައްޗަށް ޖިންސީ ފުރައްސާރަ ކުރުމުގެ ތުހުމަތު ކުރެވި ފަހުން ވަނީ ޓޫރިޒަމް މިނިސްޓަރު ކަމުން ވަކި ކޮށްފައެވެ.
އަލީ ވަހީދުގެ މައްޗަށް 7 ދައުވާ އެއް ކުރެވިފައިވާއިރު މައިގަނޑު ގޮތެއްގައި ހުރިހާ ދައުވާތަކެއް ނިސްބަތްވަނީ ޖިންސީ ފުރައްސާރަ އާއި ރޭޕް އާއި ކަން ފާހަގަކޮށްލެވެއެވެ.
އަލީ ވަހީދު ހޯދުމަށް އިންޓަރޕޯލްގައި މީގެ ކުރިން އިއުލާން ވެސް ކުރިއެވެ. ނަމަވެސް އަލީ ވަހީދުގެ މައްސަލައިގައި ހެކިބަސް ދިން އެކަން އަނބުރާ ގެންގޮސް އޭނާގެ މައްޗަށް ދައުވާ ނުކުރުމަށް ނިންމުމާއި ގުޅިގެން ކޯޓްތަކުގައި އޮތް އޭނާގެ މައްސަލަތައް ވަނީ އަނބުރާ ޕީޖީ އޮފީހަށް ފޮނުވާލާފައެވެ.
މައްސަލަ ތަހުގީގުކޮށް، ކޯޓު މަރުހަލާ ފަށާފައިވަނިކޮށް އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރައިގެން ދިޔައީ ބޭސްފަރުވާއަށް ކަމަށް ބުނެ އެވެ. ބޭނުން ގައުމަށް ދިއުމަށް ފުރުސަތު ދިނުމުން އަލީ ވަހީދު އެންމެ ފުރަތަމަ އެތެރެވީ ތުރުކީ އަށެވެ. އަދި އިނގިރޭސިވިލާތަށް ވަޑައިގެން އިތުރު ސާޖަރީތަކެއް ކުރަންޖެހޭކަމަށް ބުނެ ހުށަހެޅުމުން ކޯޓުން އޭނާއަށް އެ މުއްދަތު ދިނެވެ. އަދި މައްސަލައިގެ ޝަރީއަތްތައް އޮންލައިންކޮށް ކުރިޔަށް ގެންދަން ނިންމި އެވެ. އެ ނިންމުމާއި މެދު ހިތްހަމަނުޖެހި ދައުލަތުން މައްސަލަ ހިފައިގެން ހައިކޯޓަށް ދިއުމުން މައްސަލަ ބޭރުކޮށްލި އެވެ. އެއަށް ފަހު ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުން، އެ ކޯޓުން މައްސަލަ ބަލައިގަނެ އަލީ ވަހީދަށް ޗިޓު ފޮނުވި އެވެ. ޝަރީއަތަށް އަލީ ވަހީދު ހާޒިރުވެފައި ނުވާތީ ސުޕްރީމް ކޯޓުގެ ހުރުމަތް ކެނޑިކަމުގެ ކުށުގައި އޭނާގެ މައްޗަށް 2 މަހާއި ބާރަ ދުވަހުގެ ޖަލު ހުކުމެއް އިއްވި އެވެ.
ދައުލަތުން އަލީ ވަހީދުގެ މައްޗަށް އުފުލި ދައުވާތައް ކުރިއަސް ނުގެންދެވިގެން ކްރިމިނަލް ކޯޓުން އެ ދައިވާތައް އަލުން އަނބުރާ ޕީޖީ އަށް ފޮނުވީ މިދިޔަ އަހަރުގެ ތެރޭގައެވެ. އަދި ޕީޖީ ވަނީ ފަހުން ދައުވާ ކުރާނެ ކަމަށް ބުނެ މައްސަލަ ފުލުހުންނަށް ފޮނުވާލާފައެވެ.
ޕީޖީ މިއަދު ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި މައްސަލަ އަނބުރާ ފުލުހުންނަށް ފޮނުވާލި ފަހުން، އަނިޔާ ލިބުނު މީހުންނާއި ހެކީންގެ ގޮތުގައި ބަޔާން ދިން މީހުން މައްސަލަ ކުރިއަށްގެންދަން ބޭނުން ނުވާ ކަމަށް ބަޔާންކޮށް، އެ އޮފީހަށާއި ފުލުހުންނަށް ސިޓީ ވަނީ ފޮނުވާފައެވެ. އެ މައްސަލައިގެ މުހިންމު ހެކީން، އެ މީހުން ތަހުގީގަށް ދިން ބަޔާންތައް އަނބުރާ ގެންދަން ބޭނުންވާ ކަމަށް ބުނެ ތަކުރާރުކޮށް ފުލުހުންނަށް ސިޓީ ފޮނުވަމުންދާ ކަމަށް ޕީޖީގެ ބަޔާނުގައި ވަނީ ބުނެފައެވެ.
ގާސިމް އަލީ ވަހީދަށް މަރުހަބާ ދަންނަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ