ވައުދުތަކާއި އަހުދުތަކާއި ހިލާފުވާ ބައެއްގެ ތެރެއިން ރަނގަޅު ނަތީޖާތަކެއް ނުކުމެދާނެކަމަށް ގަބޫލުކުރައްވަން ދަތިކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ހދ ނެއްލައިދޫގައި ކުރިއަށް ގެންދިޔަ ކެމްޕެއިން ހަރަކާތެއްގައި ވާހަކަދައްކަވަމުން ގާސިމްވަނީ ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުގެ ތެރޭގައި ކުރެއްވި މަސައްކަތްތަކަށް އަލިއަޅުއްވައި ވާހަކަދައްކަވާފައެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ، އަބްދުﷲ ޔާމީންގެ ވެރިކަން ގެނައުމަށްވެސް މަސައްކަތްތަކެއް ކުރެއްވިކަމަށާއި އެހެންނަމަވެސް ބަދަލުގައި އެއްބަސްވުންތަކާއި އެއްގޮތްވާގޮތުގެ މަތިން އަމަލު ނުކުރާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ގާސިމް ވިދާޅުވީ، ވައުދުތަކުގައި ނުހިފަހައްޓާ ބަޔަކު މީހުންގެ ތެރެއިން މާ ރަނގަޅު ކަންތައްތަކެއް ހާސިލުވެދާނެކަމަށް ގަބޫލުކުރައްވަން އޭނާއަށް ދަތިކަމަށެވެ. ގާސިމް ވިދާޅުވީ، ފެނިވަޑައިގެންފައިވަނީ އެ މަންޒަރުކަމަށެވެ. އެގޮތުން އެ ވެރިކަން ތަކުގައި ސިޔާސީ ގޮތުން އެހީތެރިވި މީހުންނާއި ރައްޔިތުންނަށް ވެފައިވާ ވައުދުތައްވެސް އޮތީ އޮތްތަނުގައިކަމަށް އޭނާ ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ، އެ ވާހަކަތައް ދައްކަވަންޖެހޭތީ މާފަށް އެދިވަޑައިގަންނަވާކަމަށާއި އެހެންނަމަވެސް އެ ވާހަކަތައް ދައްކަން ޖެހޭކަމަށެވެ. އޭނާ ވިދާޅުވީ، ހަގީގަތް އޮޅުވާލައިގެން ވާހަކަތައް ދެކެވެމުންދާއިރު، އަންނަން އޮތް ޖީލުތަކަށް އެކަން ސާފުކޮށް އެނގެން އޮންނަންޖެހޭކަމަށެވެ. އޭނާ ވިދާޅުވީ، އަމިއްލަ ހައިސިއްޔަތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ރައްޔިތުންނަށާއި ރަށްތަކަށް ކޮށްދީފައިވާ ކަންކަމަކީ އޭނާއަށް އިންޓަރނޭޝަނަލް ފައިނޭންސިންގް ކޯޕަރޭޝަނުން(އައިއެފްސީ) ލޯނެއް ލިބިފައިވުމުން ކޮށްދެއްވާފައިވާ ކަންކަންކަމަށް ބުނަމުންދާކަމަށާއި އެމްޑީޕީ އަދި ޕީޕީއެމްއިންވެސް އެ ފަދަ ވާހަކަތައް ދައްކާފައިވަނީ އޭނާއަށް އާންމުންގެ ތެރޭގައި މަގުބޫލުކަމެއް ލިބި ވެރިކަމަށް އައިސްދާނެކަމަށްވުމުން އެކަމަށް ހުރަސް އެޅުމުގެ ގޮތުންކަމަށެވެ.
ގާސިމް ވިދާޅުވީ، އެ ވާހަކަތައް ދެއްކީ ރައްޔިތުންނަށް ހަގީގަތް އޮޅުވާލުމަށްކަމަށާއި އެ ވާހަކަތަކީ ކަނޑައެޅިގެން ”ބުހުތާނު ދޮގު“ ކަމަށެވެ. އޭނާ ވިދާޅުވީ، އައިއެފްސީއިން ފައިސާ ލިބިފައިވާ މީހުން މިހާރުވެސް ރާއްޖޭގައި އެބަތިބިކަމަށެވެ. އޭނާ ވަނީ އެ މީހުންގެ ފަރާތުން އޭނާ ކޮށްދީފައިވާ ފަދަ މަސައްކަތްތަކެއް ފެނިފައިވޭތޯ ސުވާލު އުފަދައްވާފައެވެ.
ގާސިމް ވިދާޅުވީ، ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ ޔުނިވާސިޓީތަކުން އޭނާއަށް އިންސާނިއްޔަތަށް ހިދުމަތްކުރި މީހުންނަށް ދޭ އެންމެ މަތީ ލަގަބާއި ދަރަޖަވެސް ދީފައިވާކަމަށާއި ހަމައެކަނި ލިބިވަޑައިގެންފައިވަނީ ޕީއެޗްޑީއެއް ނޫންކަމަށެވެ. ގާސިމްވަނީ އެފަދަ ލަގަބެއް ލިބިވަޑައިގެންނެވި އިތުރު މީހަކު ދިވެހިރާއްޖޭގައި ހުރިތޯވެސް ސުވާލު އުފައްދަވާފައެވެ.
ވައުދާ ހިލާފުވާ ބައެއްގެ ތެރެއިން ރަނގަޅު ނަތީޖާއެއް ނުކުމެދާނެކަމަށް ގަބޫލުކުރަން ދަތި: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ