މައުމޫން ޕީޕީއެމް "ހިސާރުކޮށްފައި" އޮތް އޮތުން ހުއްޓުވަން ޕީޖީ ގްރޫޕުން ކޯޓަށް!

ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޕާޓީ ހިސޯރު ކުރައްވާފައިވާ ކަމަށް ބުނެ އެކަން ހުއްޓުވައި ދިނުމުގެ އަމުރަކަށް އެދި ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުން މިއަދު ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.
ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ރައީސް މައުމޫނާ ދެމެދު އުފެދިފައިވާ ކޯޅުމާ އެކު ޕީޕީއެމްގެ ތެރޭގައި ވަނީ ދެ ބޭފުޅުންގެ ފެކްޝަން އުފެދިފަ އެވެ. މި ބައިބައިވުމުގެ ތެރެއިން މައުމޫން ވަނީ ޕާޓީގެ ކޮމިޓީތަކުގެ މަސައްކަތްތައް ހުއްޓުވާލައްވާފަ އެވެ. އަދި ޕާޓީ ހިންގުން ވެސް ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲގެ އަތުން ވަނީ ނަންގަވާފަ އެވެ.
ޕީޕީއެމްގެ މަޖިލިސް މެމްބަރަކު ވިދާޅުވި ގޮތުގައި ޕީޖީ ގްރޫޕުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި އެދިފައި ވަނީ މައުމޫންގެ އެ ނިންމެވުންތައް ބާތިލް ކަމަށް ކަނޑައަޅައި ދިނުމަށެވެ.
އެ މެމްބަރު ވިދާޅުވި ގޮތުގައި ވަކި ބޭފުޅަކު ބޭނުންވުުމުން އެއްވެސް ސިޔާސީ ޕާޓީއެއް ހުއްޓުވާފައި ނުބޭއްވޭނެ އެވެ. ޕީޕީއެމްގެ ތެރޭގައި ޖެހިފައިވާ މައްސަލަ އޮތީ ފަސޭހަަ އިން ހައްލެއް ލިބޭނެ ހިސާބުގައި ނޫން ކަމަށާއި އެހެންވެ ގާނޫނުގެ ތެރެއިން ހައްލެއް ހޯދަން ސިވިލް ކޯޓަށް ދާން ޖެހުނީ ކަމަށް އޭނާ ވިދާޅުވި އެވެ.
"ވެރިކަން ކުރާ ޕާޓީ މި ގޮތަށް ހުއްޓިފައި އޮތުމުން ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ،" އެ މެމްބަރު ވިދާޅުވި އެވެ.
މައުމޫނާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއިރު، ތިން ދުވަސް ތެރޭގައި ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް ބާއްވައިދޭން އެދި ކައުންސިލްގެ ގިނަ މެމްބަރުންތަކެއް މައުމޫނަށް ފޮނުއްވި ސިޓީ އަށް އެ މަނިކުފާނު އިޖާބަ ދެއްވާފައެއް ނުވެ އެވެ. ކައުންސިލް ބައްދަލުވުމެއް ނުބާއްވައިފި ނަމަ، މައްސަލަ އަށް ގާނޫނީ ހައްލެއް ހޯދުމުގެ މަސައްކަތް ފަށަން ރައީސް ޔާމީނާ އެކު މިދިޔަ ހަފުތާގައި ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ޕީޕީއެމްގެ ކައުންސިލް މެމްބަރުން ވަނީ މަޝްވަރާކޮށްފަ އެވެ.
ޕީޕީއެމްގެ އަސާސީ ގަވައިދާ އެއްގޮތަށް އަމަލުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ވެސް ވަނީ މައުމޫނަށް މިއަދު އަންގާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ