މިއީ ރާއްޖެއަށް ހޫނު ދުވަސްތަކަކަށް ވުމުން ކަރަންޓު ބޭނުންކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުން މުހިންމުކަމަށް ސްޓެލްކޯގެ އެމްޑީ ހުސައިން ފަހުމީ އެދިވަޑައިގެންފިއެވެ.
ހޫނު މޫސުމާއި ދިމާކޮށް ކަރަންޓު ބިލު ރާއްޖޭގައި ބޮޑުވުމަކީ އާންމު ކަމެކެވެ. އަދި ކޮންމެ ހޫނު މޫސުމަކާއި ދިމާކޮށް ސްޓެލްކޯއިން އާންމުން ހޭލުންތެރި ކުރުވައި، މައުލޫމާތުތައް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތައް ކުރާކަން ފާހަގަކުރެވެ އެވެ.
ކުރިޔަށް އޮތީ ހޫނު މޫސުންކަމަށްވެފައި، ހުސްވި މަހުގެ ބިލު ވެސް ބޮޑުވި އެންމެ ބޮޑު ސަބަބަކީ އެއީކަމަށް ސްޓެލްކޯއިން ވަނީ ބުނެފަ އެވެ.
މިކަމާ ގުޅޭގޮތުން ފަހުމީ މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ ރާއްޖެއަށް ހޫނު ދުވަސްވަރެއްކަމަށް ވުމުން އިހުސާސް ކުރެވޭ ހޫނުކަން ވެސް މަތިވަމުންދާ ކަމަށެވެ. އެހެންކަމުން ހުރިހާ ރައްޔިތުން ވެސް ގޭބިސީތަކުގައި ކަރަންޓު ބޭނުންކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް ފަހުމީ އެދިވަޑައިގަތެވެ.
ފަހުމީ ވިދާޅުވީ، ހާއްސަ ގޮތެއްގައި އޭސީ ފަދަ ތަކެތި ބޭނުންކުރާއިރު އޭގެ ފިނިކަން 25 ޑިގްރީއަށްވުރެ ދަށް ނުކުރުމުގެ އިތުރުން ކޮންމެހެން ބޭނުންވާ މިންވަރަށް ނޫނީ ކަރަންޓު ބޭނުން ނުކުރުމަށްވެސް އެދޭކަމަށެވެ. އަދި ވިދާޅުވީ، މި އަހަރުގެ މިހާތަނަށް މާލެ ސަރަހައްދުގައި އެންމެ ގިނައިން ކަރަންޓު ބޭނުންކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގައިކަމަށެވެ.
އެގޮތުން އެ ދުވަހުގެ 15:00 ގައި 114 މެގަވޮޓްގެ ކަރަންޓު ބޭނުންކޮށްފައިވާކަމަށާއި މިއަދު 13:00 ގައި މާލޭގެ ލޯޑް ހުރީ 111 މެގަވޮޓްގައިކަމަށް ފަހުމީ ވިދާޅުވި އެވެ.
ފަހުމީ ވިދާޅުވީ މިކަމަށް ސަމާލުވެ ފަރުދީގޮތުން ކަރަންޓު އިގްތިސާދުކުރުމަށް ކުރެވެންހުރި މަސައްކަތްތައް ކޮށްދިނުމަކީ މުޖުތަމައާއި އަމިއްލަ ލާބައާއި މަންފާއަށް ކުރެވޭ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި ކަރަންޓު ހޭޔޮ ގޮތުގައި ބޭނުންކޮށް އިސްރާފު ނުކުރުމަށް އެންމެންވެސް މަސައްކަތްކުރުމަށް އެދިވަޑައިގެންފައިވެއެވެ.
ކަރަންޓު ހެޔޮގޮތުގައި ބޭނުންކޮށް އިސްރާފުނުކުރަން މަސައްކަތްކުރަންވާނެ: ފަހުމީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ