ރިޔާސީ އިންތިހާބު ކައިރިވާ ވަރަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ނުރައްކަލެއް ކަމަށް ފެންނަ ބޭފުޅުން ސަރުކާރާއި ޕާޓީގެ ލީޑަރޝިޕުން އެކަހެރިކުރަމުން ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި، ފައްޔާޒް ވިދާޅުވީ، އެމްޑީޕީގައި ރައީސްކަން ކުރައްވަން ބޭނުންފުޅުވާ ބޭފުޅުން ތިއްބެވި ނަމަވެސް، އެމްޑީޕީއާއި ޕީއެންސީއާ ދެމެދު ބޮޑު ތަފާތެއް އެބައޮތް ކަމަށެވެ. އެގޮތުން އެމްޑީޕީގެ ބޭފުޅުން ރައީސްކަން ބޭނުންވަނީ ގައުމަށް އޮތް ތަސައްވުރެއް ހާސިލުކުރުމަށް ކަމަށާއި، ނަމަވެސް ޕީއެންސީގެ ތެރޭގައި ރައީސްކަން ބޭނުންވެގެން އުޅެނީ ބާރާއި މުއްސަނދިކަން ހޯދުމަށް ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.
އޭގެ އިތުރުން، ޕީއެންސީގެ ތެރޭގައި ރައީސްކަމަށް ޝައުގުވެރިވާ ބޭފުޅުން ތިއްބެވި ނަމަވެސް، އެ ބޭފުޅުން ތިއްބެވީ ބިރުން ކަމަށާއި، ނުރައްކަލެއް ކަމަށް ފެންނަ ބޭފުޅުން އެކަހެރި ކުރަމުންދާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. މިސާލެއްގެ ގޮތުން އޭނާ ފާހަގަކުރެއްވީ ކެބިނެޓުން ވަކިކުރި ކަމަށް ބުނާ ކުރީގެ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނާއި ލޯކަލް ގަވަރމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރެވެ.
”ބޮޑު ބަދަލު“ އިސްލާހީ އެޖެންޑާއާ ގުޅޭގޮތުން އުފެދިފައިވާ ސުވާލުތަކަށް ޖަވާބުދެއްވަމުން ފައްޔާޒް ވިދާޅުވީ، އެމްޑީޕީގެ ތެރޭގައި ވެރިކަމުގެ ނިޒާމާ މެދު އަބަދުވެސް ތަފާތު ދެ ޚިޔާލެއް އޮންނަ ކަމަށެވެ. އެގޮތުން ޕާޓީގެ އިސް ބައެއް މެންބަރުން ބަރުލަމާނީ ނިޒާމަކަށް ތާއީދުކުރެއްވި ނަމަވެސް، އަނެއް ބަޔަކު ރިޔާސީ ނިޒާމަށް ތާއީދުކުރައްވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ފައްޔާޒް އިތުރަށް ވިދާޅުވީ، ”ބޮޑު ބަދަލު“ގެ ދަށުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން އުޅޭ ކަމަށް ބުނެ ދައްކަނީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށެވެ. އާ އިސްލާހުތަކުގެ ދަށުން ވެސް ރައީސުލްޖުމްހޫރިއްޔާ އިންތިހާބުކުރާނީ ސީދާ ރައްޔިތުންގެ ވޯޓުން ކަމަށާއި، ޕީއެންސީން މަސައްކަތް ކުރަނީ އެ ހުށަހެޅުމުގެ އެންމެ ކަމެއް ދައްކައިގެން އޮޅުވާލަން ކަމަށް އޭނާ ވިދާޅުވިއެވެ.
މި އިސްލާހުތަކުގެ މައިގަނޑު ބޭނުމަކީ ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުގައި ހުރި ބާރުތައް މަދުކޮށް، ދައުލަތުގެ މުއައްސަސާތައް މިނިވަންކޮށް ހިންގޭނެ މަގުފަހިކުރުން ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އޭނާ މި ނިޒާމަށް ދެވިދާނެ ނަމެއްގެ ގޮތުގައި ފާހަގަކުރެއްވީ ”ރައްޔިތުންގެ ނިޒާމު“ (ސިޓިޒަންސް ސިސްޓަމް) އެވެ.
”މިއީ ހަމައެކަނި ރާއްޖެއަށް އޮތް ހައްލެއް ނޫން. މިއީ މުސްތަގުބަލުގައި މުޅި ދުނިޔެއަށް ވެސް ނަމޫނާއަކަށް ވާނެ ނިޒާމެއް. ފަހަރުގައި މިއަދުން ފެށިގެން 100 އަހަރު ފަހުން އެހެން ގައުމުތަކުން ވެސް މި ނިޒާމު އިހްތިޔާރު ކޮށްފާނެ،“ ފައްޔާޒް ވިދާޅުވިއެވެ.
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ވިދާޅުވީ، މި މަސައްކަތުގެ އެންމެ ބޮޑު މަގުސަދަކީ ވަކި ފަރާތަކަށް މަންފާ ހޯދައިދިނުމުގެ ބަދަލުގައި، ދެމެހެއްޓެނިވި އަދި ރައްޔިތުންގެ މަސްލަހަތަށް އިސްކަންދޭ، ޖަވާބުދާރީކުރެވޭނެ ވެރިކަމުގެ ނިޒާމެއް ރާއްޖޭގައި ގާއިމުކުރުން ކަމަށެވެ.
އިންތިހާބު ކައިރިވާ ވަރަކަށް ރައީސް މުއިއްޒު ގެންދަވަނީ ނުރައްކަލެއް ކަމަށް ފެންނަ ބޭފުޅުން އެކަހެރިކުރައްވަމުން: ފައްޔާޒު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ