ބީއެމްއެލްއާ ހަވާލުކުރި ހައުސިން މަޝްރޫއަށް، 710 ހައުސިން ޔުނިޓް އިތުރުކުރަނީ
ހުޅުމާލެ ފޭސް އެކެއް، ދޭއް އަދި ވިލިމާލެ ވެސް ހިމެނޭހެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ހަވާލުކުރި 3,260 ހައުސިން ޔުނިޓްގެ މަޝްރޫއުތަކުގެ ތެރެއަށް އިތުރު 710 ޔުނިޓް އިތުރުކުރުމަށް ސަރުކާރުން ނިންމައިފިއެވެ. މިކަން ހާމަކުރެއްވީ ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) މިއަދު ބޭއްވި "ޕްރެސަ ވިތު ދަ ސްޕޮކްސް" ސިރީޒްގެ ބައްދަލުވުމުގައެވެ. އިސް ތަރުޖަމާނު ވިދާޅުވީ، ބީއެމްއެލްގެ ކެޕޭސިޓީ ހުރުމާއެކު މި ޔުނިޓްތައް އިތުރުކުރަން ނިންމާފައިވާ ކަމަށެވެ. އަދި ބީއެމްއެލްއާ ހަވާލުކުރި މަޝްރޫއުތަކުގެ ތެރެއިން އެއް މަޝްރޫއު ފިޔަވައި، އެހެން ހުރިހާ މަޝްރޫއުތަކެއްގެ މަސައްކަތް ކޮންޓްރެކްޓަރުންނާ ހަވާލުކުރެވި، ޑިޒައިންގެ ކުރެހުންތައް ނިމިފައިވާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ. އަދި މިހާރު މި މަޝްރޫއުތައް އޮތީ އަމަލީ މަސައްކަތް ފެށޭ މަރުހަލާއެއްގައި ކަމަށް މުންދު ވިދާޅުވިއެބެ. މިއަދު ކުރިއަށްގެންދިޔަ ''ޕްރެސަ ވިތު ދަ ސްޕޮކްސް'' ސިލްސިލާގެ ހަވަނަ ބައްދަލުކުރެއްވުމުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް ހަމައެއާއެކު މާލީ އިދާރާތަކުން ދޭ ލަފާ ސަރުކާރުން ބަލައިގަންނަކަން ފާހަގަކުރައްވަމުން ތަރުޖަމާން ވިދާޅުވީ، ތަރައްގީގެ ދުވެލީގައި ކުރިއަށް ދާއިރު ރައްޔިތުން އެދޭ އަސާސީ ހިދުމަތްތައް ހުއްޓާލައިގެން ކުރިއަކަށް ނުދެވޭނެ ކަމަށެވެ. "މާލިއްޔަތު ރަނގަޅު ކުރަމުން އިގުތިސާދީ މަސައްކަތް ވެސް ކުރަންޖެހޭ. މާލީ އިދާރާތަކަށް މުހިންމު ވާނީ ހިސާބުތައް ކަމަށް ވިޔަސް، ސަރުކާރު ކުރިއަށް ދާނީ މިކަންކަމުގައި ބެލެންސް ކޮށްގެން،" ތަރުޖަމާނު ވިދާޅުވިއެވެ. https://sun.mv/219628 ފާހަގަކޮށްލެވޭ ގޮތުގައި ބީއެމްއެލްއިން އަޅާ އަގުހެޔޮ ހައުސިން ޔުނިޓުތަކުގެ ކުލި އުޅޭނީ ގާތްގަނޑަކަށް 10،000 ރުފިޔާގައި ކަމަށް އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. ޝަރީފް ވިދާޅުވީ އެ ފުލެޓުތައް 2028 ވަނަ އަހަރުގެ މެދުތެރޭގައި ނިންމުމަށް ހުރިހާ ކޮންޓްރެކްޓަރުން އެއްބަސްވެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ހަމައެއާއެކު ހައުސިން މިނިސްޓްރީއާއި ބީއެމްއެލް ގުޅިގެން ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއެއް ކުރިއަށްގެންދިއުމުގެ މައިގަނޑު މަގްސަދަކީ، އަގުހެޔޮ ފުލެޓަށް ކަނޑައެޅޭ ކެޓަގަރީގެ މީހުންނަށް، ވީހާވެސް ކުޑަ އަގެއްގައި ބޯހިޔާވެހިކަން ފޯރުކޮށްދިނުން ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ