މީގެ ކުރިން ބޯހިޔާވަހިކަން ދިނުމުގައި ނުފޫޒު ފޯރުވި، މި ސަރުކާރުގައި ނުފޫޒެއް ނުފޯރުވާނެ: ރައީސް

މީގެ ކުރީގެ ސަރުކާރުތަކުގައި ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގައި ނުފޫޒު ފޯރުވި ކަމަށާއި ނަމަވެސް މި ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތެއް ނޯންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމް ”ނޭޝަން ޗެޓް“ ޕްރޮގްރާމުގެ ދެވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މީގެ ކުރިން ނުފޫޒު ގަދަ ފަރާތްތަކުން ބޭނުންވާ ފަރާތްތަކަށް ގޯއްޗާއި ފްލެޓް ލިބޭ ވާހަކައަކީ އަބަދުވެސް ދައްކާ ވާހަކައެއް ކަމަށެވެ. ނަމަވެސް ބޯހިޔާވަހިކަމަކީ އެންމެ ޒަރޫރީ އަދި އެންމެ މުހިންމު ކަންތަކަށްވާއިރު ފްލެޓްތަކާއި ގޯތިތައް ދިނުމުގައި ވަކި މީހަކަށް އިސްކަން ދިނުމުގެ ތަރުތީބެއްވެސް މި ސަރުކާރުން ނުގެންގުޅޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
”އަޅުގަނޑު އެންމެ އިސްކަންދޭ އެއް ކަމަކީ އެކަން ނިމުމަކަށް ގެނެސްދިނުން. މި ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުއަކީ ނުފޫޒުން އެއްކިބާވެގެން ހިންގޭ މަޝްރޫއެއްކަމުގެ ޔަގީންކަން ރައްޔިތުންނަށް ދިނުން. އެ ޔަގީންކަން އަޅުގަނޑު ދެން،“ ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، ރައްޔިތުން ބޯހިޔާވަހިކަން ބޭނުންވެގެން އެންމެ ގިނައިން އެދޭ ބަޔަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށްވާއިރު، ނުފޫޒު ފޯރުވައިގެން އެއްވެސް ފަރާތަކަށް އެ މީހަކު ބޭނުންވާ މީހަކަށް އަދި އެއްވެސް އާއިލާއަކަށް އިސްކަން ލިބޭ ގޮތަށް އެ ފުރުސަތު ނޯންނާނެކަން މެންބަރުންނަށްވެސް މިހާރު އަންގަވާފައިވާނެ ކަމަށެވެ.
”އެވަރުގެ ބޮޑު ކަމެއްގެ ތެރޭގައި އެއްވެސް ވަރެއްގެ ނާޖާއިޒުކަމެއް ހިނގައި، އަދި އެއްވެސް ކަމެއްގައި، ވަކި ކުޑަކަމެއްގައިވެސް ހިނގައިގެން ނުވާނެކަމަށް ގަބޫލުކުރަނީ. މިހާރު މި ހިނގާ ވެރިފިކޭޝަންގެ ތެރެއިންވެސް ވަރަށް ބޮޑަށް ބަލާނަން އެކަންތައް ރަނގަޅަށް ގެންދެވޭތޯ. އިރާދަކުރެއްވިއްޔާ ދާނީ ރަނގަޅަށް،“ ރައީސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ