އީރާނާ ދެކޮޅު ބައެއް ފިޔަވަޅުތަކަށް އެމެރިކާއިން ލުއިދީފި

އީރާނާއެކު އެކުލަވާލި އާ ސުލްހައިގެ އެއްބަސްވުމުގެ ދަށުން ބޭއްވި ފުރަތަމަ މަޝްވަރާތަކަށް ފަހު، އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ބައެއް ދަތިކުރުމުގެ ފިޔަވަޅުތަކަށް ހޯމަ ދުވަހުން ފެށިގެން 60 ދުވަހުގެ މުއްދަތަކަށް ލުއިދީފި އެވެ.
ނަމަވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، އެއްބަސްވުމުގައިވާ ކަންކަމަށް އީރާނުން އަމަލުނުކުރާ ނަމަ، އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އެމެރިކާއިން އަޅާނެ ކަމަށެވެ.
އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ވިދާޅުވީ ސްވިޒަލޭންޑުގައި އީރާނުގެ އޮފިޝަލުންނާއެކު ކުރިއަށްދިޔަ މަޝްވަރާތަކަކީ ދާއިމީ ސުލްހައިގެ އެއްބަސްވުމަކަށް ދިއުމަށް އެޅުނު ހަރުދަނާ ބިންގަލެއް ކަމަށެވެ. ނަމަވެސް، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ ގޮތުން މަޝްވަރާ ކުރަން ފަށާފައިވާ ކަމަށް ބުނާ ވާހަކަތައް އެ ގައުމުން ވަނީ ދޮގުކޮށްފަ އެވެ.
މިދިޔަ ހަފުތާގައި ސޮއިކުރި ވަގުތީ އެއްބަސްވުމުގެ މައްޗަށް ބިނާކޮށް، ކުރިއަށް އޮތް 60 ދުވަހުގެ ތެރޭގައި ދާއިމީ އެއްބަސްވުމަކަށް ދިއުމަށް ބޭނުންވާ މަގުޗާޓަކަށް ދެ ގައުމުން މިހާރު ވަނީ އެއްބަސްވެފަ އެވެ. 
މީގެ އިތުރުން، އެމެރިކާގެ ބައިވެރިއެއް ކަމަށްވާ އިސްރާއީލާއި އީރާނަށް ތާއީދުކުރާ ހިޒްބުالله އާ ދެމެދު ލުބުނާނުގައި ކުރަމުންދާ ހަނގުރާމަ ހުއްޓާލުމުގެ އުސޫލަކަށް ވެސް ދެ ފަރާތުން ވަނީ އެއްބަސްވެފަ އެވެ. 
ނަމަވެސް، ލުބުނާނުގެ ދެކުނުގައި އޮންނަ ސަލާމަތީ ސަރަހައްދު ދަމަހައްޓާނެ ކަމަށާއި، އިސްރާއީލުގެ ސިފައިންނާއި ރައްޔިތުންނަށް އޮތް ނުރައްކާތައް ނައްތާލުމަށް ކުރާ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށް އިސްރާއީލުން ވަނީ ބުނެފަ އެވެ.
ހޯރްމޫޒް ކަނޑުއޮޅި ބެލެހެއްޓުމާ ގުޅޭ ގޮތުން އީރާނާއެކު މަޝްވަރާ ކުރަމުންދާއިރު، އެ ސަރަހައްދުން ދަތުރުކުރާ ތެޔޮ ބޯޓުފަހަރުގެ އަދަދު ހޯމަ ދުވަހުން ފެށިގެން ވަނީ އިތުރުވާން ފަށާފަ އެވެ. 
އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކާއި، ލުބުނާނަށް އިސްރާއީލުން ދިން ހަމަލާތަކުގައި މިހާތަނަށް އެތައް ހާސް ބަޔަކު މަރުވެ، އެތައް މިލިއަން ބަޔަކު ވަނީ ހާލުގައި ޖެހިފަ އެވެ. އީރާނުގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުތަކަށް ލޮޅުން އަރައި، ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ