މަހުދީ ނިޔާވި ޑައިވުގައި ވީގޮތް އެހާ ފަސޭހައިން ވަޅުލެވޭކަށް ނެތް!

ވާވު އަތޮޅު ދެވަނަ ކަނޑުގެ ހޮހޮޅަ ތެރޭގައި ފުރާނަދިޔަ އިޓަލީގެ ފަސް ޑައިވަރުންގެ ހިތާމަވެރި ހާދިސާއަށް މުޅި ދުނިޔޭގެ ސަމާލުކަން ވަނީ ހުއްޓިފަ އެވެ. އިޓަލީގެ ޕްރޮސެކިއުޓަރުން މިހާރު ވެސް ދަނީ މީހަކު މެރުމުގެ އަމަލެއް ހިންގުމުގެ ކުށުގެ ބޮޑު ތަހުގީގަކަށް ތައްޔާރުވަމުންނެވެ. ދުނިޔޭގެ ބޮޑެތި މީޑިއާތައް ވެސް އޮތީ، މި ހާދިސާގެ އަސްލު ހޯދަން ފެންބޮވައިގެންފަ އެވެެ.
އިޓަލީގެ އިދާރާތަކާއި މުޅި ބައިނަލްއަގުވާމީ މީޑިއާއިން އިޓަލީގެ ޑައިވަރުންނަށް ވީގޮތުގެ ހަގީގަތް ހޯދަން މަސައްކަތްކުރަމުންދާއިރު، އެ މީހުން ހޯދަން ފީނި ދިވެހި ސިފައިންގެ މީހާ ނިޔާވި ހާދިސާގެ ހަގީގަތް ހޯދުމުގެ ވަށައިގެން އޮތީ ހިމޭންކަމެވެ. 
ހުރިހާ ދިމާލަކުން ލިބޭ މައުލޫމާތުން ވެސް ބުނަނީ، އެމްއެންޑީއެފްގެ ސާޖަންޓު މުހައްމަދު މަހުދީ (44 އަހަރު) އަކީ، ކޯސްޓުގާޑުގައި ހުރި އެންމެ މޮޅު، އެންމެ ހިތްވަރުގަދަ އެއް ޑައިވަރު ކަމަށެވެ. ކުރިން ވެސް ސާޗް، ރެސްކިއު އަދި ރިކަވަރީ މިޝަންތަކުގައި ބައިވެރިވެފައި ހުރި ތަޖުރިބާާކާރު ސިފައިންގެ މީހެއް ކަމަށެވެ.
މިދިޔަ ހޮނިހިރު ދުވަހު ވެސް އޭނާގެ ޓީމާއެކީ، ވާވުގެ އޮއެގަދަ ކަނޑުގެ އަޑީގައިވާ ހޮހޮޅައަށް ފީނަން  މަހުދީ އެރުނީ، އޭނާއަށް ލިބިފައިވާ އޯޑަރާ އެއް ގޮތަށް އިޓަލީގެ ޓޫރިސްޓުން ހޯދުމުގެ "މިޝަން" ކާމިޔާބުކުރާށެވެ. ނަމަވެސް، މި ޑައިވް ވެގެން ދިޔައީ މަހުދީގެ ފަހު ޑައިވަށެވެ. މަހުދީއާއެކީ ފޭބި ސިފައިންގެ ހަތް ޑައިވަރުން އެރި ނަމަވެސް، އޭނާ މައްޗަކަށް ނާރަ އެވެ.
ސަރުކާރުން ބޭރުގެ މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި ސިފައިންގެ ޑައިވަރުންނަށް މަހުދީ ނެތް ކަން އެނގުނީ ވެސް ފެނުން މައްޗަށް އެރި  ފަހުންނެވެ. އެހާ ހިސާބުން މަހުދީ ސަލާމަތްކުރަން ހިންގި "ރެސްކިއު" އޮޕަރޭޝަނަކަށް ފަހު، އޭނާ އަޑިން ނަގައިގެން، ހޮސްޕިޓަލަށް ގެންދިޔަ ފަހުން މަހުދީ ނިޔާވީ އެވެ. ހަމަ އެ ރޭ، އެއްވެސް ފޮރެންސިކް އޮޓޮޕްސީއެއް ހެދުމެއް ނެތި މަހުދީ ވަނީ، ގައުމީ ބަތަލެއްގް ޝަރަފާއެކީ ރަސްމީ އިއްޒަތުގައި ވަޅުލާފަ އެވެ.
 އެ ދުވަހުގެ ފަހުން މިއަދާ ހަމައަށް ސަރުކާރާއި އެމްއެންޑީއެފްއިން މަހުދީ ނިޔާވި ހާދިސާގެ ވަށައިގެން ހިމޭންކަމުގެ ބޮޑު ފަރުދާއެއް ކަހާލާފަ އެވެ. މި ކަމާ ގުޅިގެން ސުވާލެއް ކުރުމުން ޖަވާބު ނުދޭ ތަނުގައި ކަން ހިނގި ގޮތް ކަމަށް ބުނެ ބޭރުގެ މީޑިއާތަކަށް ދީފައިވާ މައުލޫމާތުގެ އިތުރުން އެހެން މައުލޫމާތެއް ދޭން ވެސް ފުލުހުންނާއި ސިފައިން ވަނީ އިއުތިރާޒު ވެފަ އެވެ. ސުވާލެއް އެހުމުން ބުނަނީ ރައީސް އޮފީހަށް ގުޅާށެވެ.
މަހުދީ ނިޔާވި ވާހަކަ ދެއްކުން މަނާކަމަށް ބާރުދޭ އެންމެ ބޮޑު ހެއްކަކީ މި ހާދިސާ ހިނގި ފަހުން ޗީފް އޮފް ޑިފެންސް ފޯސް އިބްރާހިމް ހިލްމީ އާއި ކޯސްޓުގާޑުގެ ކޮމާންޑާންޓު މުހައްމަދު ސަލީމް ލައިވް ޓީވީގައި ދެއްވި އިންޓަވިއު އެވެ. ގާތްގަނޑަކަށް ގަޑިއިރަކަށް ދެމިގެން ދިޔަ އެ އިންޓަވިއުގައި ދެ މީހުން ކުރެ އެކަކު ވެސް މަހުދީގެ ނަން ވެސް ބުނެނުލަ އެވެ. 
މަހުދީ ނިޔާވި ހާދިސާގެ ވާހަކަ ނުދައްކާ ތިބެނީ އެ ހާދިސާއަށް އޮތް ސަމާލުކަން ގެއްލުވާލަން ނަމަވެސް، ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ގިނަ ބަޔަކު އަންނަނީ ވީކިހިނެއްތޯ ސުވާލުކުރަމުންނެވެ. މި ސުވާލުތައް ކުރަމުންްދަނީ އެ ޑައިވުގައި ކަން ހިނގައި ދިޔަ ގޮތާ ގުޅިގެން ދައްކާފައި ހުރި ވާހަކަތަކުގައި ހުރި ފުށުއެރުންތަކާ ގުޅިގެންނެވެ.
ޑައިވިންގެ ސްޓޭންޑާޑް އޮޕަރޭޓިންގް ޕްރޮސީޖާސްގައި ބަދަލުނުވާ އަސާސެއް އޮވެ އެވެ. އެއީ ބަޑީ ސިސްޓަމް (ބައިވެރިޔަކާއެކު އުޅުން) އެވެ. ޑައިވަރުން މަސައްކަތްކުރަނީ ދެމީހުންގެ ލައިފް-ސަޕޯޓް ރެޑަންޑަންސީ ނޫނީ އަވަސް އެހީ އެކަކު އަނެކަކަށް ލިބޭ ގޮތަށް، ޕެއާ އެއްގެ ގޮތުގަ އެވެ. މިއީ ރެކްރިއާޝަނަލް ޑައިވިނާއި މިލިޓަރީ ޑައިވިނުގައި ހިފަހައްޓަން ޖެހޭ ހަރުކަށި އުސޫލެކެވެ.
ނަމަވެސް، އަދަދު ނޫހުން ވާހަކަ ދެއްކި މަސްދަރުތަކުން ބުނަނީ މީޑިއާތަކުގައި ރިޕޯޓުކުރަމުން އަންނަ ގޮތަށް ފެނުން މައްޗަށް އެރި ފަހުން މަހުދީ ނެތް ކަން އެނގުނުނަމަ، އެ އޮތީ އޮޕަރޭޝަނަލް ޕްރޮޓޮކޯލް މުޅިން މުގުރިގެން ގޮސްފަ އެވެ. މަހުދީ ޑައިވްކުރީ ހަމަޖެހިފައިވާ ޕެއާއެއްގެ ބައެއްގެ ގޮތުގައި ނަމަ، އެ މީހުން ވަކިވީ ކީއްވެގެން ހެއްޔެވެ؟ ވަކިވީ ކޮން ހިސާބަކުން ހެއްޔެވެ؟ މަހުދީއަށް އަޑީގައި ހާލަތެއް ދިމާވިއިރު، އޭނާގެ ޑައިވް ބަޑީ ކޮބައިހެއްޔެވެ؟ މަހުދީގެ ރިޑަންޑަންސީ ޕްލޭނުގައި ބަރޯސާވާން ޖެހޭ ޑައިވް ބަޑީ ހަގީގަތުގައި ކުރަމުންދިޔައީ ކޮން ކަމެއް ހެއްޔެވެ؟
މި ހާދިސާ ހިނގައިދިޔަ ގޮތާ ގުޅިގެން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ކަށަވަރު ނުވާ މައުލޫމާތުތަކުން ކުރަހައިދެނީ މުޅިން އެހެން މަންޒަރެކެވެ. މި ރިޕޯޓުތައް ބުނާ ގޮތުގައި، ސިފައިންގެ ޑައިވަރުން މައްޗަށް އަރާފައި މަހުދީ އޮތީ ހޮހޮޅައިގައި ކަން އެންގުމުން އޭނާ ހޯދަން އަޑިއަށް ފީނީ މެރިން ޕޮލިސްގެ ޑައިވަރުންނެވެ. މިއީ ސިފައިންގެ ޑައިވަރުންގެ އޮންނަ ވަރުގެ ހުއްދައެއް ވެސް ނޯންނަ ރެކްރިއޭޝަނަލް ޑައިވިން ހުއްދަތައް އޮތް ޑައިވަރުންތަކެއް ކަމަށް ވެސް ވަނީ މައުލޫމާތު ލިިބިފަ އެވެ. 
މެރިން ޕޮލިސްގެ ޑައިވަރުން މަހުދީ ނެގި ކަމަށް ބުނަނީ، ކޭވްގެ ދެ ވަނަ ޗެމްބަރުގެ ފުން ހިސާބަކުންނެވެ. އަދަދު ނޫހާ ވާހަކަ ދެއްކި އޮޕަރޭޝަނުގެ މައުލޫމާތު އެނގޭ މީހަކު ނަން ނުޖަހާ ގޮތަށް ބުނި ގޮތުގައި ސިފައިން އެ ދުވަހު ކުރި ޑައިވްއަކީ ހޮހޮޅައިގެ ތިން ވަނަ ޗެމްބަރާ ހަމައަށް ފީނަން ކުރި ފުރަތަމަ ޑައިވް އެވެ. އޭނާ ބުނި ގޮތުގައި އޭގެ ކުރިން ދުވަސްތަކުގައި ސިފައިން ވަނީ ފުރަތަމަ ޗެމްބަރާއި ދެ ވަނަ ޗެމްބަރަށް ފީނާ، ޓެދާ ލައިން ނުވަތަ ގައިޑް ލައިން (މަގުދައްކާ ވާގަނޑު ދަމާފަ) އެވެ. 
އެހެން ސިއްރު މަސްދަރަކުން އަދަދު އަށް ދިން މައުލޫމާތުގައި ބުނީ، މަހުދީ ހޮހޮޅައިގެ އެންމެ އެތެރޭގައި ހުރި ތިން ވަނަ ޗެމްބަރަށް ވަނެވެ. މަހުދީ ހޭނެތުނީ އެ ޗެމްބަރަށް ވަނުމަށް ފަހު ދެވަނަ ޗެމްބަރަށް ނިކުމެވުނުތަނާހެނެވެ. އެ ތަނުގައި މަހުދީ އޮއްވާ އޭނާގެ ޑައިވް ބަޑީ އޭނާ ނަގަން މަސައްކަތް ކުރި އެވެ. ނަމަވެސް މަހުދީ ނެގޭ ގޮތް ނުވެ، އޭނާގެ ވެސް ވައި ހުސްވުމުގެ ބިރު އޮތުމާއެކީ މަހުދީ އެ ޗެމްބަރު ތެރޭގައި ބާއްވާފައި ޑައިވް ބަޑީ މައްޗަށް އެރީ އެވެ.
"މަހުދީ ހޭނެތުނީ ކޭވްގެ އެތެރޭގައި. އޭނާގެ ސަޕޯޓް ޑައިވަރު އޭނާ ނެރެން މަސައްކަތްކުރި. ނަމަވެސް، އޭނަގެ އަމިއްލަ ގޭސް ލިމިޓާއި، އަދި ކަނޑުއަޑީގެ ކުއްލި ސިލްޓް-އައުޓް (ޗަކަ ފެތުރި ލޮލަށް ނުފެނުން) ގެ ބިރުވެރިކަމާ ހުރެ، އޭނާ ނުނެރެވި، އަމިއްލަ ފުރާނަ ސަލާމަތްކުރުމަށްޓަކައި އެކަނި މައްޗަށް އަރަން މަޖުބޫރުވީ" މި ނޫހާ ވާހަކަ ދެއްކި މަސްދަރުން ބުންޏެވެެ.
މި ވާހަކަތަކުގެ ޒައްރެއްގެ މިންވަރު ކަށަވަރުވެއްޖެ ނަމަ، ސަރުކާރުގެ ހުރިހާ ވާހަކަތަކާއި ހާދިސާ ހިނގައިދިޔަ ގޮތް ކަމަށް ބުނެ ދެއްކި ޓައިމްލައިން އެއްކޮށް ފުނޑުފުނޑިވީ އެވެ. މިހާ ހިސާބުން އަނެއްކާ ވެސް އުފައްދަން ޖެހެނީ ކުރަން އުނދަގޫ އެހެނަސް ޖަވާބު ބޭނުންވާ ސަުވާލުތަކެކެވެ. ޓެކްނިކަލް ތަމްރީނާއި ސާމާނު ނެތި މި އަނދިރި، ހޮހޮޅައިގެ ތެރެއަށް ވަނުމުގެ ހުއްދަ ކޯސްޓްގާޑު ޔުނިޓަށް ދިނީ ކާކު ހެއްޔެވެ؟ އަދި، ޑައިވަރަކު ހޭނެތިއްޖެނަމަ އޮތް ރެޑަންޑަންސީ ޕްލޭން (ބެކަޕް ޕްލޭން) ކޮބައިހެއްޔެވެ؟
ޓެކްނިކަލް ރިކަވަރީ ޕްރޮޓޮކޯލްތައް ބުނާގޮތުން ސްޓޭންޑްބައި ޑައިވަރުން ގޭސް ސްވިޗުތަކާއެކު ތިބެން ޖެހެ އެވެ. ނިކުންނަ ދޮރުމަތީގައި ސްޓޭޖް ސިލިންޑަރުތައް ހުންނަން ޖެހެ އެވެ. އަދި ސާފު "ހޭންޑް-އޮފް" ޕްލޭންތައް އޮންނަން ޖެހެ އެވެ. ސިފައިން އަމަލުކުރި ކަމަށް ބުނާ ގޮތުން ދޭހަ ވަނީ މި ހުރިހާ ޕްރޮސީޖާތަކެއް އެއްކައިރިކޮށްފައި އަވަސް އަރުވާލައިގެން ހިނގި ހަލަބޮލި އޮޕަރޭޝަނެކެވެ.
ސަރުކާރުން ބޭރުގެ މީޑިއާތަކާ ވާހަކަ ދައްކައިގެން މަހުދީ ނިޔާވި ޑައިވުގެ ހާދިސާ ވަކި ގިންތިއަކަށް ފެއްތި އެވެ. ބޭރުގެ މީޑިއާތަކަށް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފު (މުންދު) ވިދާޅުވީ މަހުދީ ނިޔާވީ ޑިކޮމްޕްރެޝަން ސިކްނަސް (ޑީކޯ ވެގެން) ޖެހިގެން ހާލުދެރަވެގެން ހޮސްޕިޓަލަށް ގެންދިޔަ ފަހުން ކަމަށެވެ. 
ސަރުކާރުން މިހެން ބުންޏަސް، އަދަދު އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަހުދީ ފެނުން މައްޗަށް ނެގި އިރު ވެސް އެއްވެސް ވިންދެއް ނެތެވެ. އޭނާ މައްޗަށް ނެގުމަށް ފަހު ސީޕީއާރު ދިނުމުން ވެސް ހެޔެއް ނާރަ އެވެ.
މި ހާދިސާ މިހެން ހިނގުމަށް ވުރެ ކަންބޮޑުވާ ކަމެއްގެ ގޮތުގައި އޮތީ، މަހުދީ ނިޔާވި ކަމަށް ބުނާ ޑީކޮމްޕްރެޝަން ސިކްނަސްގެ ބައެއް ކްލިނިކަލް ހަގީގަތްތަކާ ސަރުކާރުގެ ނެރޭޓިވްގައި ހުރި ވާހަކަތަަކާ ދިމާނުވުމުވެ.  މަހުދީގެ ހާލު ދެރަވެގެން ހޮސްޕިޓަލަށް ގެންދިޔުމާ އޭނާ ނިޔާވީ ކަމަށް ބުނުމާ ހަމައަށް ހޭދަވީ ވަގުތުން ބޮޑަށް ގަބޫލުކުރެވެނީ މަހުދީ ނިޔާވީ ސެރީބްރަލް އާޓީރިއަލް ގޭސް އެމްބޮލިޒަމް (ކޭޖު) ގެ ސަބަބުން ކަމަށެވެ. މިއީ ހަގީގަތް ނަމަ، ސަރުކާރުން ވަނީ އެންމެނަށް އޮޅުވާލާފަ އެވެ. 
ސަރުކާރުން އޮޅުވާލާފައިވާ އޮޅުވާލުމުގެ ފުންމިން ދެނެގަތުމަށްޓަކައި، މި ދެ ފިޒިއޮލޮޖިކަލް ހާލަތުގެ މެދުގައި ހުރި ސާފު ތަފާތުތަކަށް ބަލަންޖެހެ އެވެ.
އަދަދު އިން ވާހަކަ ދެއްކި ފުންނާބު އުސް ޑޮކްޓަރަކު ވިދާޅުވި ގޮތުގައި ޑީކޮމްޕްރެޝަން ސިކްނަސްއަކީ ގޭސް ސޮލިއުބިލިޓީގެ ސަބަބުން ލިބޭ އަނިޔާއެކެވެ. އެއީ ޑައިވަރަކު ފުނުގައި ގިނައިރު ހުރުމުގެ ސަބަބުން، ނައިޓްރޯޖަން ގޭސް ސީޑާ އެ މީހާގެ ޓިޝޫތަކަށް އެބްސޯބްވުމަށްފަހު (ގިރިގެން ދިޔުމަށް ފަހު) މައްޗަށް އަރާއިރު ދިމާވާ ކަމެކެވެ. އެ މީހުން ޑީކޮމްޕްރެޝަން ސްޓޮޕްތައް ދޫކޮށްލައިފި ނަމަ، އެ ގޭސްތައް ގަޑިއިރުތަކެއްގެ ތެރޭގައި ލެޔާއި ހުޅުތަކުގެ ތެރޭގައި ބޮކިތަކަކަށް ބަދަލުވެ އެވެ.
އެހެންނަމަވެސް، ކޭޖްއަކީ، ޑޮކްޓަރު ބުނި ގޮތުގައި ކުއްލިއަކަށް ހިނގާ، ބާރުގަދަ ޓްރޯމާއެކެވެ. މިއީ ފުއްޕާމޭ މާބޮޑަށް ފުޅާވުމުގެ ސަބަބުން ލިބޭ އަނިޔާއެކެވެ. ޑައިވަރަކު ބިރުގަނެގެން، ނުވަތަ އިކުއިޕްމަންޓްގެ ކުއްލި މައްސަލައެއް ދިމާވެގެން، ނުވަތަ ކޮންޓްރޯލުން ނެއްޓިގެން މައްޗަށް އަރާއިރު ނޭވާ ހިފަހައްޓައިފިނަމަ، ވަށައިގެންވާ ފެނުގެ ޕްރެޝަރު ދަށްވަމުންދާއިރު ފުއްޕާމޭގެ އެތެރޭގައި ހުރި ވައި ބާރުމިނުގައި ފުޅާވެ އެވެ.
މީގެ ސަބަބުން ފުއްޕާމޭގެ ނާޒުކު އަލްވިއޮލައި ފަޅައިގެންދެ އެވެ. ފުޅާވަމުންދާ ގޭސް ސީދާ ފުއްޕާމޭގެ ކެޕިލަރީތަކުގެ ތެރެއަށް ވަދެ، ހިތް މެދުވެރިކޮށް ސީދާ ސިކުނޑީގެ ލޭހިނގާ ނާރުތަކަށް ދަތުރު ކުރެ އެވެ. އެ ތަނުން ސިކުނޑީގެ އާޓަރީތައް ބެދި، ސިކުނޑީގެ ޓިޝޫތަކުން އޮކްސިޖަން ކަނޑާލައި، މައްޗަށް އަރާތާ މިނެޓްތަކެއްގެ ތެރޭގައި ކުއްލިއަކަށް ހޭނެތުމާއި، ތެޅުމާއި އަދި މަރުވުން ދިމާވެ އެވެ.
ފެންނަން ހުރި ކަށަވަރު ޓައިމްލައިނުން ހާމަވާ ގޮތުގައި،  މަހުދީއަށް ދިމާވީ ޑައިވް ނިންމިތާ ގަޑިއިރުތަކެއް ފަހުން ހުޅުތަކުގައި ރިއްސުން ނުވަތަ ހަށިގަނޑުގައި ބޮކި އުފެދުމުގެ ލަސްވުމެއް ނޫނެވެ. އޭނާ ފުންމިނުން މައްޗަށް އެރީ އަރަން ޖެހޭ ވަރަށް ވުރެ ބާރަށެވެ. މި ނޫހާ ވާހަކަ ދެއްކި ޑޮކްޓަރު ބުނީ މަހުދީ އަޑިން މައްޗަށް ނެގި ވަގުތާ ދާދި އެއް ވަގުތެއްގައި އޭނާ އޮތީ ނިޔާވެފަ އެވެ.
މިހާ ހިސާބުން އަނެއްކާ ވެސް ސަރުކާރާއި ކަމާބެހޭ އިދާރާތަކުން ކޮންމެހެން ޖަވާބު ބޭނުންވާ ސުވާލުތަކެކެވެ. މަހުދީ ނިޔާވީ ޑީކޯ ވެގެން ހޮސްޕިޓަލަށް ގެންދިޔުމުން ކަމަށް ދައްކަން މި އުޅެނީ ކީއްވެ ހެއްޔެވެ؟ މަރުވީ އަސްލު ސަބަބު ހާމަނުކޮށް ސަރުކާރުން ބޭނުންވެގެން މި އުޅެނީ ކޮން ސިއްރުތަކެއް އޭގައި ފޮރުވިފައިވާތީ ހެއްޔެވެ؟
މަހުދީގެ ގުރުބާނީގައި ހިތާމަވެރި، އަދި ހިތްދަތި ކަމެއް ފާހަގަކުރަން ޖެހެ އެވެ. އޭނާގެ މިޝަންގައި ފޮނުވުނީ އެކަށީގެންވާ ތަމްރީނާއި ސާމަނު ނެތް ޑައިވަރުންތަކެއް ކަނޑުއަޑީގައި ތާށިވެފައި ތިބިގެންނެވެ. ސިފައިންގެ ކޮމާންޑުން މަހުދީ ވެސް އަޑިއަށް ފޮނުވީ ހަމަ އެގޮތަށް، ތަމްރީނެއް ނެތި، އެއް ގޮތަކަށް ވެސް ކަމުނުދާ އިކުއިޕްމަންޓު ހިފައިގެންނެވެ. 
އެމްއެންޑީއެފް ކޯސްޓްގާޑު ޑައިވަރުންނަކީ އެންމެ ގިނަވެގެން 50 މީޓަރުގެ ފުންމިނަށް އޮޕަރޭޝަނަލް ސެޓިފިކެޓް ލިބިފައިވާ ބައެކެވެ. ފުނުގައި ދިމާވާ ނައިޓްރޯޖަން ނާކޯސިސް (އަމަލުވުމުން) އިން ސިކުނޑީގެ ފުސްކަން ސާފުކުރުމަށް ބޭނުންވާ ހީލިއަމް ހިމެނޭ ޓްރައިމިކްސް ނުލައި، އާދައިގެ ކޮމްޕްރެސްޑް ވައިގައި، 60 މީޓަރަށް އެމީހުން ފޮނުވުމަކީ ސިފައިން ކޮމާންޑުން ހެދި ބޮޑު ގޯހެކެވެ. 
ސިފައިންގެ ކޮމާންޑުން މި ގޯސް ހެދުމަށް ފަހު، މިސްރާބު ހުރީ މި ވާހަކަތަކަށް ފަސް އަޅައި ފޮރުވާށެވެ. މިހެން މި ބުނަނީ މި ހާދިސާގައި ފުރާނަ ގެއްލިގެން ދިޔަ އިޓަލީ މީހުންގެ މައްސަލައަށް އެ ގައުމުން އިޖާބަދީ ބޮޑު ތަހުގީގަކަށް ތައްޔާރުވަމުންދާއިރު، އަހަރަމެންގެ ސިފައިންގެ މީހާ މަރުވީ ކިހިނެއްތޯ ވެސް ކަށަވަރުނުކޮށް ވަޅުލީމަ އެވެ. ސަރުކާރުން މަހުދީ މަރާ މެދު ކަން ކުރަމުން ގެންދަނީ އޮޕަރޭޝަނަލް ލަޔަބިލިޓީއެއް ގޮތަށެވެ. 
ސަރުކާރުގެ ސްޓްރެޓަޖީ ވަރަށް ސާފެވެ. އެއީ  މީޑިއާ ބްލެކްއައުޓެއް ދަމަހައްޓައި، ހޮހޮޅައިގައި ހިނގި ކަމަށް ބުނާ ގޯސް ރިކަވަރީގެ ވާހަކަތަކަށް އަޅާނުލައި، ހަބަރުތައް އެހެން ދިމާލަކަށް އެނބުރެންދެން މަޑުކުރުމެވެ. އެކަމަކު މަހުދީގެ ވާހަކަ އެހާ ފަސޭހައިން އޮއްބާލެވޭކަށް ނެތެވެ. މިއީ ގައުމީ ބޮޑު މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށް ޒިންމާދާރު ކުރަން ޖެހޭ ބަޔަކު ޒިންމާދަރުކުރަން ކޮންމެހެން ވެސް މަސައްކަތް ކުރަން ޖެހޭ ހާދިސާއެކެވެ. 
މިކަމުގެ ހަގީގަތް ހޯދެން އޮތް ހަމައެކަނި ގޮތަކީ މިހާރުން މިހާރަށް މިނިވަން ތަހުގީގެއް ނޫނީ ބޭރުގެ ބަޔަކާ ހަވާލުކޮށްގެން ވިޔަސް އިންކުޔަރީއެއް ހެދުމެވެ. އެ ޑައިވްގެ ހުއްދަ ދިނީ ކާކުތޯ އާއި، ބަޑީ ސިސްޓަމް ބޮއްސުންލީ ކީއްވެގެންތޯ އާއި، ކަނޑުގެ ސަރަހައްދު ބަލަހައްޓާ ސިފައިން، ސައިޓްގައި ޕޯޓަބަލް ރީކޮމްޕްރެޝަން ޗޭމްބަރުތަކެއް ނެތި ތަމްރީނު ވެސް ނެތީސް ފޮނުވަން ޖެހުނީ ކީއްވެގެންތޯ ޔަގީންކުރަން ޖެހެ އެވެ. 
މި ގައުމަށް ޓަކައި ފުރާނަދިން އިހުލާސްތެރި ސާޖަންޓު މަހުދީގެ ހަނދާންތަކަށް އިހުތިރާމްކުރުމަށް ޓަކައި ވިޔަސް މި ހަގީގަތް ހޯދަން ޖެހެ އެވެ. މުޙައްމަދު މަހުދީ ނިޔާވީ އޭނާގެ ނާގަބިލުކަމުން ނޫނީ ގުދުރަތީ ކަމެއް މެދުވެރިވެގެން ނޫނެވެ. މަހުދީ ނިޔާވީ އޭނާ ހުވާކުރި މުއައްސަސާއިން އޭނާއަށް ރައްކާތެރިކަން ނުދިނުމުންނެވެ.  އެ މީހުން މަހުދީ ވަޅުލާ، ފަސް އަޅާ ފޮރުވިޔަސް، މަހުދީގެ ހަނދާނުގައި މި ހާދިސާއަށް އެހެން ވިޔަ ނުދޭނަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ