ދައުރު ނޫހުގެ މައްޗަށް މެންބަރު އަޒާން އެދުނު އަމުރު ނެރެފި

ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން، ދައުރު ނޫސް ހިންގާ ކުންފުންޏާއި އެ ނޫހުގެ އެޑިޓަރު މޫސާ ލަތީފާ ދެކޮޅަށް ކުރި އަބުރުގެ ދައުވާގައި އެދިފައިވާ "ވަގުތީ އަމުރު" ސިވިލް ކޯޓުން މިއަދު ނެރެދީފި އެވެ. މިއަދު ސިވިލް ކޯޓުން ނެރުނު އަމުރުގައި ބުނީ މޫސާ ލަތީފްގެ ލިޔުން މިހާރު އޮތް ހާލަތުގައި އޮތުމުން އާންމުކޮށް ކޮންމެ ކިޔުންތެރިއަކަށް ވެސް ކޮންމެ ވަގުތެއްގައި ވެސް އެ ލިޔުން ހުޅުވައި ކިޔުމަށް ފުރުސަތު ފަހިވެފައިވާ ކަމަށެވެ. މައްސަލައިގައި ގޮތެއް ކަނޑައެޅުމުގެ ކުރިއަށް ހިމާޔަތް ކުރަން ޖެހޭ އަޒާންގެ ހައްގެއް އޮތް ކަމަށް އެނގެން އޮންނަ ކަމަށާއި އަދި ލިޔުން ޑްރާފްޓް ލިޔުމަކަށް ބަދަލުކުރުމުގެ އަމުރެއް ނެރުމުގެ ސަބަބުން ދައުވާ ލިބޭ ފަރާތަށް ލިބޭނެ ގެއްލުމެއް އޮތް ކަމަށް ޝަރީއަތަށް ގަބޫލު ނުކުރެވޭ ކަމަށް އަމުރުގައިވެ އެވެ. 'ދައުރު'ގައި މޫސާ ލިޔުއްވައިފައިވާ އާޓިކަލްގެ ޕަބްލިކޭޝަން ސްޓޭޓަސް "ޑްރާފްޓް"އަށް ބަދަލުކުރުމަކީ ލިއުން ފުހެލުން ނޫން ކަމަށާއި، މިހާރު އެ ލިޔުން އޮތް ހާލަތުގައި ކޮންމެ މީހަކަށް ކޮންމެ ވަގުތެއްގައި އެ ލިޔުން ހުޅުވައި ފުރުސަތު އޮތް ކަމަށް ވެސް އަމުރުގައި ބުނެފައިވެއެވެ.އަޒާން މި ދައުވާ އުފުލާފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުގެރޭ ފުލުހުން 'އަދަދު' ނޫހުގެ އިދާރާއަށް ވަނުމުން 'ދައުރު' ނޫހުގައި ޝާއިއުކޮށްފައިވާ "އަދަދު އަށް ފުލުހުން ވަދެގަތުމާއި އަޒާން ކުރެއްވި ތަޖުރިބާ" މި ސުރުހީގެ ދަށުން ލިޔެފައިވާ ލިޔުމަކާއި ގުޅިގެންނެވެ. ކުރިން ނޫސްވެރިޔެއްގެ ގޮތުގައިވެސް މަސައްކަތް ކުރި އަޒާން ސިވިލްް ކޯޓަށް ހުށައެޅި މައްސަލާގައި ތިން ކަމަކަށް އެދިފައިވެ އެވެ. އެގޮތުން އޭނާގެ އަބުރާ ބެހުމުގެ ގެއްލުމުގެ މައުނަވީ ބަދަލަކަށް 5،000 ރުފިޔާއާއު ގާނޫނީ ހަރަދުގެ ގޮތުގައި ހޭދަވި 28،670 ރުފިޔާގެ އިތުރުން މައްސަލައިގެ ރެޖިސްޓްރޭޝަން ފީގެ ގޮތުގައި ދެއްްކި ފައިސާގެ އަދަދުވެސް ނަގާދިނުމަށް އެދިފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ