ސްވިޑެންގައި މުޞްޙަފެއް އެންދި މައްސަލަ ގާސިމް ކުށްވެރިކުރައްވައިފި
މިދިޔަ ބުދަ ދުވަހު ސްވިޑެންގައި މުޞްޙަފެއް އެންދި މައްސަލަ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ކުށްވެރިކުރައްވައިފިއެވެ. ގާސިމް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އީދު ދުވަހުގެ ފުރަތަމަ ދުވަސް ފާހަގަ ކުރަމުން ދަނިކޮށް ސްވިޑެންގައި މީހަކު މުޞްޙަފެއް އެންދުން އޭނާ އާއި ޖޭޕީއިން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އެގައުމުގެ ކަނާތު ފިޔައިގެ ސިޔާސީ ޕާޓީއެއްގެ ލީޑަރަކު ވެސް މިދިޔަ ޖެނުއަރީ މަހު މުޞްޙަފެއްގައި ރޯކުރިކަން ފާހަގަކުރައްވަމުން ގާސިމް ވިދާޅުވީ، އިސްލާމްދީނާ ދެކޮޅަށް ހިންގާ މިފަދަ އަމަލުތައް ތަކުރާރު ކުރަމުން ދިޔުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. "މިއީ އަޅުގަނޑުމެންގެ ދުނިޔޭގައި ނަގަހައްޓަން ޖެހޭ ގަދަރާއި އެއް ބަޔަކު އަނެއް ބަޔަކާ ގުޅިގެން ދިރިއުޅުމުގެ އުސޫލުތަކާ މުޅިން ޚިލާފު އަމަލުތަކެއް،" ގާސިމްގެ ޓްވީޓްގައިވެއެވެ. https://twitter.com/qasimibrahim/status/1675565955215429632 ހަމައެއާއެކު، އެފަދަ އަމަލުތައް ހިންގުމަށް ފަހު ބަސްބުނުމުގެ މިނިވަންކަން ބަހަނާއެއްގެ ގޮތުގައި ދައްކައިގެން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ދިވެހި ސަރުކާރުން ވަނީ ސްވިޑަންގައި ޤުރުއާން މުޞްޙަފެއް އެންދުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް ބަޔާނެއް ވެސް ނެރެފައެވެ. އަދި އެފަދަ އަމަލުތަކަކީ ޚިޔާލު ފާޅުކުރުމުގެ ހައްގުގެ ދަށުން ބަލައިގަނެވޭނެ އަމަލުތަކެއް ނޫންކަމަށާއި އެފަދަ އަމަލުތައް ތަކުރާރުކޮށް ހިންގުމަކީ ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި ދިރިއުޅޭ އެތައް މިލިއަން މުސްލިމުންގެ ދީނީ ޝިއާރުތަކަށް ގެއްލުންދެނިވި ކަމެއްކަން ފާހަގަކޮށްފައިވެއެވެ. މީގެއިތުރުން، އިސްލާމް ދީނާ މެދު ބިރުވެރިކަމާއި ނަފުރަތު އުފެދޭ ފަދަ އަމަލުތަކުގެ ސަބަބުން އެކި ފިކުރާއި އަގީދާތަކުގެ މީހުން އެކުގައި ހަމަޖެހިގެން ދިރިއުޅުމުގެ އުސޫލުތައް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އެޅޭކަން ފާހަގަކޮށް، ސަރުކާރުން ވަނީ އިސްލާމް ދީނާ ދެކޮޅު އަމަލުތައް ހުއްޓާލުމަށް ތަކުރާރުކޮށް ގޮވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ