ހުޅުމާލޭ މަގުމަތިން 600 އަށް ވުރެ ގިނަ ޕާކިން ސްލޮޓު ވިއްކާލައިފި ހުޅުމާލޭ މަގުމަތިން 600 އަށް ވުރެ ގިނަ ޕާކިން ސްލޮޓު ވިއްކާލައިފި

ރައީސް މުހައްމަދު މުއިއްޒު މޭޔަރުކަމުގައި ހުންނެވި ދުވަސްވަރު މާލޭގެ މަގުމަތިން އެތައް ސަކޭތަ ޕާކިން ޖާގަ ވިއްކި އުސޫލުން، ހުޅުމާލެއިން 600 އަށް ވުރެ ގިނަ ޕާކިން ޖާގަ ވިއްކާލާފައިވާ ކަމުގެ ސީރިއަސް ތުހުމަތުތަކެއް ފެންމަތިވެއްޖެއެވެ.
އިތުބާރު ހުރި މަސްދަރުތަކުން މައުލޫމާތު ދިން ގޮތުގައި މި ޕާކިން ސްލޮޓުތައް ވިއްކާފައިވަނީ އުސޫލާ ހިލާފަށް ބައެއް މީހުންގެ އަތުން ސްލޮޓަކަށް 35,000ރ. އާއި 50,000ރ. ދެމެދުގެ އަދަދެއް ނަގައިގެންނެވެ. އެހެންވެ، މި ޖާގަތައް ވިއްކައިގެން 21 މިލިއަން ރުފިޔާ ހޯދޭނެ އެވެ.
ޕާކިން ޖާގަތައް ވިއްކާފައި ވަނީ ހުޅުމާލޭގެ އަށް ސަރަހައްދަކުންނެވެ.
މިކަމާ ގުޅޭ ގޮތުން މައުލޫމާތު ދިން ފަރާތަކުން ބުނި ގޮތުގައި، މިއީ ސީދާ ސަރުކާރުގެ މަތީ ފަންތީގެ އިރުޝާދުގެ ދަށުން ކެމްޕޭނަށް ފައިސާ ހޯދުމަށް ހިންގާފައިވާ މުއާމަލާތެކެވެ.
"މިކަން މިކުރީ ސަރުކާރުގެ ވެރިޔަކާ އެޗްޑީސީގެ ވެރިންގެ ތެރެއިން ބަޔަކާ ގުޅިގެން. މިއީ ކެމްޕޭނަށް ފައިސާ ހޯދަން ހިންގި ކަމެއް ކަމަށް ބެލެވެނީ،" މައުލޫމާތު ދިން އެކަކު ބުންޏެވެ.
ހުޅުމާލޭގެ މަގުމަތިން އުސޫލުން ބޭރުން ޕާކިން ޖާގަތަކެއް ވިއްކާލި ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރުއާ ސުވާލު ކުރުމުން، އެކަމަށް ސީދާ ޖަވާބެއް ދެއްވުމަށް އޭނާ ވަނީ އުޒުރުވެރިވެވަޑައިގެންފަ އެވެ.
ކުންފުނީގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ޒިންމާދާރު ޖަވާބެއް ދެއްވުމުގެ ބަދަލުގައި، ޒުހައިރު ވިދާޅުވީ އެ މައުލޫމާތު ހޯދުމަށް ކުންފުނީގެ އެހެން ވެރިޔަކަށް ގުޅުއްވުމަށެވެ. މިއީ މިފަދަ ބޮޑު މައްސަލައެއްގައި ޖަވާބުދާރީވުމުން ރެކިވަޑައިގަތުމަށް ދެއްވި ބަހަނާއެއް ގޮތަށް ބެލުމުގެ ފުރުސަތު އެބަ އޮތެވެ.
މުއިއްޒު މާލޭ މޭޔަރަކަށް ހުންނެވި ދުވަސްވަރު މަގުމަތިން ޕާކިން ސްލޮޓުތައް ވިއްކީ، އެ ގަތް ބައެއް ފަރާތްތަކުގެ އަތުން އުސޫލުން ބޭރުން ފައިސާ ނަގައިގެން ކަމަށް ތުހުމަތު ކުރެވިފައިވެ އެވެ.
ލޯކަލް ކައުންސިލް އިންތިހާބާއި ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު ހޮނިހިރު ދުވަހު ބާއްވާއިރު، މި ދެ ވޯޓު ސަރުކާރު ކާމިޔާބު ކުރުމަށްޓަކައި ސަރުކާރުގެ ކުންފުނިތައް ނާޖާއިޒު ގޮތުގައި ބޭނުން ކުރަމުންދާކަމުގެ ތުހުމަތު ވަނީ ފެންމަތިވެފަ އެވެ.
މި ހަފުތާގައި އެކަނިވެސް އެޗްޑީސީ އިން 400 އަށްވުރެ ގިނަ ވަޒީފާ އެކި ފަރާތްތަކަށް ދީ، 1000 އަކަށްވުރެ ގިނަ މީހުންނަށް ވަޒީފާގެ ކުރިއެރުން ދީފި ކަމަށް އަދަދު ނޫހާ ވާހަކަ ދެއްކި މަސްދަރުތަކުން ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ